ޚަބަރު

ކޮވިޑް 19 : ސަރުކާރުން ކުރާ މަސައްކަތްތަކުގައި ލާމަރުކަޒީ އުސޫލު ހިމެނޭކަން ކަށަވަރުކޮށް ލަފާދެނީ

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގައި ލާމަރުކަޒީ ނިޒާމުގައި ކަންކަން ހިންގުމުގެ އުސޫލު ކަށަވަރުވާކަން ޔަގީންކޮށް އެކަންކަން ހިންގާނެ ނިޒާމެއްގެ ލަފާ ސަރުކާރަށް ދިނުމާއި، މާލޭ މާރުކޭޓް ގޮލިތަކުގައި ސީދާ ވިޔަފާރިކުރާ ފަރާތްތަކަށް ކުލީގެ ލުޔެއް ދިނުމާ ބެހޭގޮތުން މާލޭ ސިޓީ ކައުންސިލާ މަޝްވަރާކޮށްގެން ގޮތެއް ނިިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މަސައްކަތް ފަށައިފިއެވެ.

މިއީ ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމުގައި މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްދިޔަ ބަހުސްގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ކޮމިޓީއާ ހަވާލުކުރެއްވި މަސައްކަތްތަކެވެ.

މީގެ އިތުރުން ޒަމާނީ ފެންވަރުގެ ދަތުރުވެރިންގެ އާ މާރުކޭޓެއް އެޅުމާ ބެހޭގޮތުން، މާލޭ ސިޓީ ކައުންސިލާ މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށްވެސް ކޮމިޓީއާ ވަނީ ހަވާލުކޮށްފައެެވެ.

މި މަސައްކަތްތަކާ ބެހޭގޮތުން ކޮމިޓީގައި މިއަދު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި ކަންތައްތަކާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަސް މެންބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެގޮތުން ކޮމިޓީން ފާސްކުރި ފަސް މެންބަރުންގެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ކޮމިޓީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ހަފްތާއެއްގެ ތެރޭގައި އެކަން ނިންމުމަށެވެ.