Close
ޚަބަރު

ފެމެލީ ކޯޓުން ހަފްތާއަކު ދެ ދުވަހު ކައިވެނިކޮށްދޭން ފަށަނީ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19ގެ ސަބަބުން ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށްފަހު، މާދަމާއިން ފެށިގެން އަލުން ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ނިންމައިފިއެވެ.

ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު "ވަން" އަށް ވިދާޅުވީ، އަލުން ކައިވެނިކޮށްދޭން ނިންމީ ބަންދު ދިގުލައިގެންދާނެ މުއްދަތެއް ނޭނގޭތީ ކަމަށެވެ. އެގޮތުން ހަފްތާއަކު ދެ ދުވަހު ކައިވެނި ކޮށްދޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ގޭގެއަށް ގޮސް ކައިވެނިކޮށްދިން ނަމަވެސް މިހާރު އެކަން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކޯޓުގައި ކައިވެނިކޮށްދިން ނަމަވެސް، ކައިވެނީގެ މަޖިލީހުގައި ބައިވެރިވެވޭނީ ކައިވެނިކުރާ ދެ މީހުންނާއި ހެކިވެރިންގެ އިތުރުން ވަލީ ވެރިޔާއަށް ކަމަށް ވިދާޅުވިއެވެ.

"ކުރިން އަޅުގަނޑުމެން ކޯޓު ރޫމުގައި ޖާގަ އޮންނަ ވަރަކުން އެއް ކައިވެންޏަށްވުރެ ގިނަ ކައިވެނި އެބަކޮށްދެން އެއް ފަހަރާ، އެހެން ނަމަވެސް މިހާރު ފަހަރަކު ކައިވެންޏެއް ކޮށްދޭ ގޮތަށް ހަމަ ޖައްސާފައިއޮތީ،" ނަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލަށް ކައިވެނިކުރާ މީހުން ކައިވެނީގެ ކުރިން ހަދާ ކޯސް މިދުވަސްކޮޅު ހަދަން ނުޖެހޭނެ ކަމަށާއި ނަމަވެސް އެކޯހާބެހޭ ޕްރެޒެންޓޭޝަން އެފަރާތްތަކަށްދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަމުން އަންނަނީ އެއް ސެކްޝަނުން ކަމަށާއި އެހެންކަމުން ކޮންމެ ދުވަހަކުވެސް އެ ސެކްޝަނަށް ހުށަހެޅޭ މައްސަލަތައް އެ ދުވަހެއްގައި ބަލަމުން އަންނަ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުވި ނަމަވެސް ގެވެށި އަނިޔާގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށްދާ ކަމަށާއި އެގޮތުން ސަރުކާރު ބަންދުވި ފަހުން މިދިޔަ ދުވަސްތަކުގައި އެފަދަ 11 މައްސަލައެއްގެ އަޑުއެހުން ކުރިއަށްގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެމިލީ ކޯޓުން ވަނީ ކޮވިޑް 19އާ ގުޅިގެން އެކޯޓުގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ގޮތް މިދިޔަ މަހުގެ 17 ވަނަ ދުވަހު ހަމަޖައްސައިފައެވެ. އެގޮތުން ކައިވެންޏާ ބެހޭ ފޯމުތައް [email protected] އަށް އަދި އެހެން މައްސަލަތައް [email protected] އަށް މެއިލްކުރަން އެ ކޯޓުން އެދެއެވެ.