ކުއްލި ޚަބަރު

ގައުމީ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ހިދުމަތް ފަށައިފި

މަރިޔަމް ޝަހުދާ

ގައުމީ ޝިޕިންގް ކުންފުނީގެ ގޮތުގައި އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) ކުންފުނީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

އެމްއެސްއެސްގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަދު އެމްޕީއެލް ވިޔަފާރި ބަނދަރު ސަރަހައްދުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއަދުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ އެމްއެސްއެސްގެ ފުރަތަމަ ބޯޓުގެ ފުރަތަމަ ދަތުރުގައި މާލޭގައި ބަނދަރު ކުރުމާއެކު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެސްއެސްގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ރާއްޖޭގެ އަމިއްލަ ޝިޕިންގް ކުންފުންޏެއްގެ މަސައްކަތް ފެށުމާއެކު މުދާ އެތެރެ ކުރުމަށް ބޭރުގެ ބަޔަކަށް ޖެހިފައި އޮންނަން ނުޖެހޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ އިތުރުން ސަރުކާރާއި ވިޔަފާރަވެރިންނަށް ފައިދާ ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްއެސްއެސްގެ ފުރަތަމަ ބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެއަށް ގެނައީ މިހާރަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ސިއްހީ ފަރުވާއަށް ބޭނުންވާ އާލާތްތައް ކަމަށެވެ. އަދި މިކަމުންވެސް އެނގިގެން ދަނީ ރާއްޖޭގެ އަމިއްލަ ޝިޕިން ކުންފުންޏަކަށް ގައުމު ބޭނުން ވެފައިވާ މިންވަރު ކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގައި ޝިޕިންގެ ހިދުމަތް ދިހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފެށި އިރު، މި ކުންފުންޏަކީ ދިވެހިންނަށް އާ އުއްމީދު ތަކެއް ގެނެސްދޭނެ ކުންފުންޏަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ދިވެހި ފަޅުވެރިންނާއި ދިވެހި އޮފިސަރުންނަށް ވަޒީފާގެ ފުރުސަތު ލިބި ޒުވާނުންނަށް އާ ސިނާއަތެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކުރީގެ އޮފިސަރުން އަލުން އެމީހުންގެ މަގާމަށް އައުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ. ދިވެހި އޮފިސަރުންނާއި ފަޅުވެރިންގެ އާ ޖީލެއް އުފެދިގެން އައުމަކީ ކުރައްވާ ވަރަށް ބޮޑު އުއްމީދެއް ކަމަށް ސައީދު ވިދާޅުވިއެވެ.

މިހާރަށް އެމްއެސްއެސް އިން ދަތުރުތައް ފެށީ ކޮލަމްބޯ އާއި މާލެ އާއި ދެމެދު އެވެ. އެހެން ނަމަވެސް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް މުދާ ގެނެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ރާއްޖެއަކީ މުޅި ދުނިޔެއަށް ފާހަގަަ ކޮށްލެވޭ ފަދަ ޝިޕިންގް ލައިނުތަކެއް ހިންގާފައި ތިބި ބައެއް ކަމަށެވެ. އަދި އެމްއެސްއެސް އަކީ ކާމިޔާބު ކަމާއެކު ހިންގޭނެ ކުންފުންޏެއް ކަމާމެދު ޝައްކު ނުކުރާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މި ޝިޕިންގް ލައިން ކާމިޔާބު ކަމާއެކު ހިންގުމަށް ވެދެއްވެން ހުރި ހުރިހާ އެހީއެއް އެމްޕީއެލްގެ ފަރާތުން ވެދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މި ކުންފުނީގެ މަސައްކަތް ފެށީ މިފަދަ ކުންފުންޏެއްގެ ބޭނުން ރާއްޖެއަށް ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށް
ޝާހިދު ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.