Close
އާއިލާއާއި ބެހޭ ކޯޓު

މިހާލަތުގައި އަންހެނުން އަނިޔާއަށް ހުށަހެޅިދާނެތީ ފެމިލީކޯޓުގެ މަސައްކަތް އޮންލައިންކޮށް ފެށުމަށް ވަނީ އެދިފައި: ޖީހާން

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، ބޭރަށް ނުނިކުމެ ގޭގޭގައި އެކަހެރިވެ ތިބުމަށް އަންގާފައިވާ އެންގުމާ ގުޅިގެން އަންހެނުން އަނިޔާއަށް ހުށަހެޅޭތީ، މިދަނޑިވަޅުގައިވެސް އެފަދަ ފަރާތްތަކަށް އިންސާފު ލިބުން މުހިއްމު ކަމަކަށްވާތީ، ފެމިލީކޯޓުގެ މަސައްކަތް އޮންލައިންކޮށް ފެށުމަށް އެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ހުށަހެޅި މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާ ހަވާލު ކުރައްވާފައިވާ މަސައްކަތް ކުރިޔަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖީހާ ވިދާޅުވީ، މިދަނޑިވަޅުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، ރައްކާތެރިނޫން އާއިލާތައް ގެތަކުގައި ބަންދުވެފައި ވާއިރު، އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ފެމިލީކޯޓު ފަންކްޝަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން ބޭރަށް ނުނިކުމެ އެކަހެރިވެ ގޭގައި ތިބުމަށް ސަރުކާރުން އަންގާފައިވާއިރު ރައްކާތެރިނޫން ގެތަކުގައި އާއިލީ ހާލަތާ ގުޅިގެން، ބައެއް ގެތަކުގައި އަންހެނުން ނުރައްކަލަށް ހުށަހެޅުމުގެ ބިރުވެރިކަމުގައި ތިބިކަމުގެ މައުލޫމާތު ކޮމިޓީއަށް ލިބިފައިވާ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ އަނިޔާތަކުން އެމީހުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ފެމިލީކޯޓަށް ހުށަހަޅާ މައްސަލަތައް އެ ކޯޓުގައި މިވަގުތު ކުރިއަށް ނުދިއުމާއި، މިހާލަތުގައި ގިނަދުވަސްތަކެއް ހިނގާނަމަ އެފަދަ އަންހެނުން އަނިޔާއަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުން އެ ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ގާއިިމްކޮށްދެއްވުމަށް އެކޯޓުގައި ދެންނެވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ސިޓީއަކުން ހުށަހަޅާފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ އެ ހުށަހެޅުމާއި ގުޅިގެން ޖޭއެސްސީގައި އެ ކަމާބެހޭގޮތުން މަޝްވަރާކޮށް، އެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓަށް އެންގުމާގުޅިގެން އޮންއިލަންކޮށް ކޯޓުގެ މަަސައްކަތްތައް ކުރިއަށްގެން ދިއުމަށް އިންތިޒާމް ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދާ ކަމަށެވެ.