ރައްޔިތުންގެ މަޖިލިސް

ކޮވިޑް 19 ގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް ޓޫފޯވަން ކޮމިޓީއަށް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ހުށަހެޅި މައްސަލައާއި ގުޅިގެން، ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމާއެކު ތިން މަސައްކަތެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާ ހަވާލު ކުރައްވައިފިއެވެ.

ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުުގެ މެޖޯރިޓީ ލީޑަރު، އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އަލީ އާޒިމް މި މައްސަަލ ހުށަހަޅުއްވުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އޮންލައިންކޮށް ފެށި މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށް ޖެހިގެން އައި ދެ ދުވަހު ބަހުސް ކުރިއަށް ގެންގޮސް އެ މައްސަލަ އާއި އެ މައްސަލައާ ބެހޭ ގޮތުން މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކާއި ފާހަގަ ކުރެއްވި ކަންތައްތައް މަޖިލިސް ރައީސް ވަނީ ކޮމިޓީތަކަށް ފޮނުއްވައިފައެވެ.

މަޖިލިސް ރައީސް ނިންމަވާފައިވަނީ އެކަންތައްތައް ކޮމިީތތަކުން ނިންމަވައިގެން ކަމާބެހޭ ރިޕޯޓްތައް މަޖިލީހަށް ހުށަހަޅައިގެން އެމައްސަލައަށް ގޮތެއް ނިންމެވުމަށެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ޓޫފޯވަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލިސް ރައީސް އެ ކޮމިޓީއާ ތިންކަމެއް ހަވާލު ކުރައްވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ކުރިއަށް އޮތް އަހރު ދުވަހުގެ ތެރޭގައި ޓޫރިޒަމަށް ކުރާނެ އަސަރުތަކާބެހޭ ފޯކާސްޓެއް ހެދުމާއި، އޭގެ ތެރޭގައި ރާއްޖެއާއި ދުނިޔޭގެ ޓޫރިޒަމް އާއި، ވަކި ވަކި މާކެޓް ތަކުގެ އިތުރުން ދުނިޔޭގެ ޓްރެވަލް މާކެޓަށް އަންނާނެ ބަދަލު ތަކާއި، ރާއްޖޭގެ ރިސޯޓުތައް އާމްދަނީ ލިބޭނެ އެހެން މަސައްކަތްކުރެވޭ ތަންތަަނަށް ބަދަލުކުރެވޭނެ ގޮތެއްގެ އިތުރުން ކޮވިޑް 19 އާއި ގުޅިގެން މިދަނޑިވަޅުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކީ ކޮބައިތޯ ބެލުން ކަމަށެވެ.

މި މައްސަލައާ ބެހޭގޮތުން ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި، މެންބަރުން ވަނީ ހުށަހެޅުއްތަކެއް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ޓުރިޒަމް މިނިސްޓްރީން ކަމާބެހޭ މައުލޫމާތު ހޯދުމަށާއި، ފުލުހުުންނާއި ސިފައިންގެ ފަރާތުން ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީއާ ގުޅުން ހުރި ދާއިރާތަކުން މައުލޫމާތު ހޯދުމަށް ވަނީ ހުށަހަޅާފައެވެ.

މެންބަރުންގެ ހުށަހެޅުއްވުމާއެކު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމަވައިލެއްވީ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައިގެން ކޮމިޓީގެ ދެން އޮތް ބައްދަލުވުންތައް ކުރިއަށް ގެންދަން ފާސްކޮށްގެންނެވެ.