އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 48

އަބްދުﷲ ފާރޫގް ހަސަން

5

(30 މާޗް ގެ އަދަދާއި ގުޅޭ)

خــالــد بــن الـوليـد رضـى اللّـه عنـــه ވިދާޅުވިއެވެ. "އެންމެ ރަނގަޅެވެ. ކަލޭގެފާނު حسّان ގެ އަރިހުގައި ފޮނުވާނެ ދިހަ މުބައްލިޣުން ތައްޔާރު ކުރައްވާށެވެ. އަޅުގަނޑު قبــاد ގެ ނަންފުޅުގައި ސިޓީއެއް ލިޔުއްވާނަމެވެ. قبــاد حسّان ގެ އުންމީދުތަކާ އެއްގޮތްކަމުގައި ފެނިއްޖެނަމަ ކޯރުގެ އައްސޭރީގެ ވަރަށްބޮޑު ސަރަޙައްދެއްގެ އިންތިޒާމު އަޅުގަނޑު އޭނާއާ ޙަވާލުކުރާނަމެވެ. ޢިރާޤު ފަތަޙަވުމަށްފަހު މިތާނގެ ޢަރަބީންގެ އިތުބާރު ހޯދޭފަދަ މީހުންނަށް އަޅުގަނޑުމެން ބޭނުންވާނެއެވެ.

ޒަރުބަޚުތު ވަރަށްބާރަށް އަސްމަތީގައި ވަޑައިގެން އޭނާގެ ހަވޭއްޔަށް ވެދެވަޑައިގެންފިއެވެ. ނޯކަރުންގެ ބަޔަކު އޭނާގެ އަރިހަށް އެއްވެއްޖެއެވެ. ޒަރުބަޚުތުގެ މޫނުފުޅުހުރީ ހިރަފުހާއި ވެއްޔާ ތަތްތެޅިފައެވެ. އޭނާ މާނޭވާފުޅުލައްވަވަމުން އަސްމަތީން ފުންމައިލައްވައިފައި ސުވާލުކުރެއްވިއެވެ. "ކާއޫސް ކޮބައިހެއްޔެވެ؟"

ނޯކަރެއް އޭނާގެ އަސްކޮޅުގެ ލަގަނުގައި ހިފަމުން ޖަވާބު އެރުވިއެވެ. "އޭނާވީ އެތެރޭގައެވެ. އަމުރު ދެއްވައިފިނަމަ އޭނާއަށް ގޮވައިލާނަމެވެ."

"އޭނާއަށް ގޮވުމުގެ ބޭނުމެއްނެތެވެ. ކަލޭ ހަތަރު އަސް ތައްޔާރުކޮށްފައި ކޯރުގެ އަނެއްފަރާތަށް އަވަހަށް ފޮނުވާށެވެ. މި އަސް މިތާނގައި ބާއްވާށެވެ. ބައްތެލިފަހަރުގެ މީހުންގެ ގާތުގައި އަހަރެމެންނަށް އިންތިޒާރުކުރާށޭ ބުނާށެވެ. އަވަށުގެ މީހުންކުރެ ވީހައި ގިނަބަޔަކު މިތަނަށް ގެނުވާށެވެ."

ނޯކަރުންކުރެ އެކަކު ޖެހިލުންވެފައިހުރެ ސުވާލުކޮށްލިއެވެ. "ސާހިބާއެވެ! ހާލުކޮޅު ރަނގަޅުތޯއެވެ؟ ހީވަނީ މާބޮޑަށް ކަންބޮޑުވެވަޑައިގެންފައި ހުންނެވިހެންނެވެ."

ޒަރުބަޚުތު ވަރަށްބާރަށް ވިދާޅުވިއެވެ. "މޮޔަޔާއެވެ. މިއީ ވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ."

ނޯކަރަށް އިތުރު އެއްޗެއް ބުނާކަށެއް ނުކެރުނެވެ. ޒަރުބަޚުތު ހަވޭލީގެ މީހުންއުޅޭ ބަޔާ ދިމާޔަށް ވަރަށްބާރަށް ދުވެވަޑައިގެންފައި ވަޑައިގެންފިއެވެ. ދާދިކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ހުންނެވީ قبــاد ގެ ކޮޓަރިކޮޅުގައެވެ. ماه بانو، قبــاد ގެ އެނދުދާންކޮޅުގެ ކައިރީގައިހުރި ގޮނޑިކޮޅެއްގައި ތާއްޔާޖެހިވަޑައިގަންނަވާން އިންނެވިއެވެ. ކާއޫސް ހުރީ قبــاد ގެ އެނދުދާންކޮޅުގެ ކައިރީގައި ކަކޫޖަހައިގެންނެވެ. އޭނާ قبــاد ގެ ފައިންޕުޅު މޮޑެނީއެވެ. قبــاد އޮންނެވީ ލޯފުޅު މަރުއްވައިލައްވައިގެންނެވެ. ޒަރުބަޚުތު ކުއްލިޔަކަށް ކޮޓަރިކޮޅަށް ވެދެވަޑައިގެންނެވިތަން ފެނިފައި ކާއޫސްގެ އަތަށް ހުއްޓުން އަރައިފިއެވެ. އޭނާ އަވަސްއަވަހަށް ކޮޅަށް ތެދުވެއްޖެއެވެ.

"ބައްޕާފުޅު އަވަހާރަފުޅު ލައްޕަވަނީހެއްޔެވެ؟" ޒަރުބަޚުތު ސުވާލުކުރެއްވިއެވެ.

"ނޫނެކެވެ." ކާއޫސް ބޯހޫރައިލައިފައި ޖަވާބު އެރުވިއެވެ. އެކަމަކު މިއަދު ސާހިބާގެ ހާލުކޮޅު ވަރަށް ގޯހެވެ."

قبــاد އާއި ماه بانو އާ ދެބައްޕައިކަލުން ލޯފުޅު ހުޅުއްވައިލެއްވީ އެކުއެކީގައެވެ. ދެބައްޕައިކަލުން ވަރަށް ކަންބޮޑުވެވަޑައިގެން ތިއްބަވައި ހައިރާންފުޅުކަމާއެކު ޒަރުބަޚުތުގެ މޫނުފުޅަށް ބައްލަވާން ފައްޓަވައިފިއެވެ.

قبــاد ބަލިކަށި އަޑުފުޅަކުން ސުވާލު ކުރެއްވިއެވެ. "ދަރިފުޅާއެވެ. ކީއްވީހެއްޔެވެ؟ ދަރިފުޅު ތިޔަހައި އަވަހަށް ތިޔައައީ ކީއްވެގެންހެއްޔެވެ؟ ހަނގުރާމަ އަދިވެސް ނުފެށެނީހެއްޔެވެ؟"

"ބައްޕާފުޅާއެވެ." ޒަރުބަޚުތު ބެދިފައިވާކަހަލަ އަޑުފުޅަކުން ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް މަޒާރަށް ނުދެވެނީސް ހަނގުރާމަ ނިމިއްޖެއެވެ."

"ހަނގުރާމަ ނިމިއްޖެހެއްޔެވެ؟" قبــاد އެހެންވިދާޅުވަމުން ތެދުވެވަޑައިގެން އިށީނދެވަޑައިގަންނަވާން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ވަރުފުޅު ދެރަކަމާއި އާލާސްކަންފުޅުގެ އުނދަގޫފުޅާހުރެ އޭނާ އަނެއްކާވެސް ބާލީސްކޮޅުގައި އިސްތަށިފުޅު އަޅުއްވައިފިއެވެ.

"ބައްޕާފުޅާއެވެ! ބައްޕާފުޅާއެވެ! ކީއްވީތޯއެވެ؟" ޒަރުބަޚުތު ކަންބޮޑުފުޅުވުމާއެކު ސުވާލުކުރެއްވިއެވެ.

قبــاد އޭނާގެ މިލައިފައިވާ މޫނުފުޅުމައްޗަށް ހިނިފުޅުވެޑުވުމެއްގެ އަސަރު ވެރިކުރެއްވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "ބައްޕަ ރަނގަޅެވެ. ބައްޕަ އަނބުރައިގަތީއެވެ. ބައްޕަޔަށް ފެންފޮދެއް ދޭށެވެ."

ކާއޫސް ކޮޓަރިކޮޅުގެ އެއްކަނެއްގައިހުރި ދޯރުކޮޅަކުން އަވަސްއަވަހަށް ފެންތަށިކޮޅެއް އަޅައިފިއެވެ. އެއްއަތުން قبــاد ގެ އިސްތަށިފުޅު އުފުލައިލުމަށްފަހު ތުންފަތްޕުޅުގައި ފެންތަށިކޮޅު ޖައްސައިފިއެވެ. قبــاد ދެތިން ކޯވަރެއްގެ ފެންފޮދު ހިއްޕެވުމަށްފަހު އޭނާގެ ދަރިކަލުންނާ ދިމާޔަށް އެނބުރިވަޑައިގެންފިއެވެ. "ދަރިފުޅު އިށީންނާށެވެ! ދަރިފުޅު މަޒާރަށް ދިޔުމުގެ ކުރިން ހަނގުރާމަ ނިމުނުކަމުގައިވިޔަސް ކަންބޮޑުވާނެކަމެއްނެތެވެ. ޤާރަން ދަރިފުޅާ ޙަވާލުކުރެއްވި ޒިންމާ ދަރިފުޅު އަދާކޮށްފީމުއެވެ. ދަރިފުޅު އެތައްހާސްބަޔަކު ސިފައިންގެ ތެރެޔަށް ވައްދައިފައި މައިދާނަށް ފޮނުވައިފީމުއެވެ. މަޒާރުގައި ލިބުނު ފަތަޙައަކީ ދަރިފުޅުގެ މަސައްކަތުގެ ނަތީޖާ ކަމުގައި ދަރިފުޅަށް ދަޢުވާ ކުރެވިދާނެއެވެ."

ޒަރުބަޚުތު ވޭނީ އަޑުފުޅަކުން ވިދާޅުވިއެވެ. "ބައްޕާފުޅާއެވެ! އަޅުގަނޑުމެން ބަލިވެއްޖެއެވެ. ޤާރަން ޤަތުލުވެއްޖެއެވެ. ބަލިވެގެން ހަނގުރާމައިގެ މައިދާނުން ފިލަންދުވަމުންއައި މީހުނާ އަޅުގަނޑާ ބައްދަލުނުވިނަމަކަ އަޅުގަނޑަކަށް އެކަން ޤަބޫލެއްވެސް ނުކުރެވުނީހެވެ. އަޅުގަނޑާ އެމީހުނާ ބައްދަލުވީ މަޒާރާ އެއްމަންޒިލުގެ ދުރުންނެވެ. އެމީހުން ބުނިގޮތުގައި އަޅުގަނޑުމެންގެ ލަޝްކަރުގެ ދެބައިކުޅައެއްބައި މީހުން ޤަތުލުވެއްޖެއެވެ. މިހާރު ކޯރުގެ މިފަރާތުގައި އަޅުގަނޑުމެންނަކަށް ރައްކާތެރި އެންމެ ތަންކޮޅެއްވެސްނެތެވެ. އެމީހުންނަށް މުސްލިމުންގެ ޢަދަދުވެސް ބުނެދޭކަށެއް ނޭނގުނެވެ. އެމީހުން ބުނިގޮތުގައި މުސްލިމުންނާ ޙަމަލަދިނުމުން އެމީހުން ބަދަލުވަނީ އެކަތައިގެ ފާރުތަކަކަށެވެ. މުސްލިމުން ޙަމަލަދޭއިރު ހީވަނީ ދިމާވާ ކޮންމެ އެއްޗެއް ކުނިކޮޅުތަކެއް ފަދައިން ބަނޑުދަށުލަމުން ބާރަށް ދެމިގެންއަންނަ ސައިލެއްހެންނެވެ. އަޅުގަނޑުމެންގެ ސަރަޙައްދުގެ ވޮލަންޓިޔަރުންނާ ބެހޭގޮތުން އަޅުގަނޑު ސުވާލުކުރީމެވެ. އެކަމަކު ހިތްހަމަޖެހޭކަހަލަ ޖަވާބެއް ނުލިބުނެވެ. އެބައިމީހުން ޤަތުލުނުވާނަމަ ހައްޔަރުވީކަން ކަށަވަރެވެ. މުސްލިމުން ދެން މިސްރާބުޖަހާނެ ދިމާއެއްވެސް އޮޅުމެއްނުފިލިއެވެ. އެމީހުން މިދިމާޔަށް މިސްރާބު ޖެހިކަމުގައިވިޔަސް އަޅުގަނޑުމެންނަކަށް ކުއްލިޔަކަށެއް ދިފާޢީ ފިޔަވަޅެއް އެޅޭކަށެއް ނެތެވެ. އެންމެ އަވަހަށްވެސް އަޅުގަނޑުމެންގެ އާލަޝްކަރެއް މައިދާނަށް ނެރެވޭނީ ހަފްތާއެއްހައިދުވަސް ފަހުންނެވެ. ބައްޕާފުޅާއެވެ. އަޅުގަނޑު އެދެނީ ބައްޕާފުޅާއި ماه بانو އާ ލަސްނުކުރައްވައި ވީހައިވެސް އަވަހަކަށް މަދާއިނަށް ވަޑައިގެންނެވުމެވެ. މިހާރު މިގެވެސް ބައްޕާފުޅަކަށް ރައްކާތެރިޔެއް ނޫނެވެ. އަޅުގަނޑަށް އެނގެއެވެ. ތިޔަ ޙާލުކޮޅުގައި ދަތުރުކުރެއްވުމަކީ ބައްޕާފުޅަށް ފަސޭހަފުޅުކަމެއް ނޫނެވެ. އެކަމަކު އެއަށްވުރެވެސް ދަތިފުޅުކަމަކަށްވާނީ ދުޝްމިނުން މިތަނަށް އައުމެވެ. ބައްޕާފުޅު ދުޝްމިނުންގެ އަތްފޯރާފަށަށްވުރެ ދުރުގައި ހުންނެވުމަކީ އަޅުގަނޑަށް ހިތްހަމަޖެހިގެންހުރެ ހަނގުރާމައިގައި ބައިވެރިވެވޭނެ ކަމެކެވެ."

قبــاد ވިދާޅުވިއެވެ. "ދަރިފުޅު ބައްޕަޔާމެދު ނުވިސްނާށެވެ. ބައްޕަ މިހާރު މިގެންދަނީ މަރުގެ ދޮރޯށީގައި ޓަކިދެމުންނެވެ. ދަރިފުޅު ماه بانو މަދާއިނަށް ފޮނުވާށެވެ."

"ބައްޕާފުޅާއެވެ. ماه بانو ބައްޕާފުޅު ދޫކޮށްލައްވައިފައެއް މަދާއިނަކަށް ވަޑައެއްނުގަންނަވާނެއެވެ. އަޅުގަނޑުމެން ވަގުތު ނަގައިލުން ރަނގަޅެއް ނޫނެވެ. މުސްލިމުން ކޮންމެ ވަގުތަކުވެސް މިގެއަށް އަތުވެދާނެއެވެ. އެމީހުންނަށް މަގުދައްކާން ހުންނާނީ މިގޭގެ އެކި ވެލިފުއްފުއް ވަކިވަކީން އެނގޭ މީހެކެވެ."

قبــاد ސުވާލު ކުރެއްވިއެވެ. "އަހަރެމެންގެ ނޯކަރަކު މުސްލިމުންނާ ބައިވެރިވުމަކީ އެކަށީގެންވާ ކަމެއްހެއްޔެވެ؟"

"ނޫނެކެވެ. އެއީ އަޅުގަނޑުމެންގެ ނޯކަރެއް ނޫނެވެ. އެއީ ބައްޕާފުޅު ދަރިކަލެއް ކަމުގައި ބައްލަވާ މީހެކެވެ. އަޅުގަނޑު ދޮށީ ބޭބެ ކަމުގައި ދެކޭމީހެކެވެ. އޭނާގެ ނަމަކީ حسّان އެވެ. ބައްޕާފުޅާއެވެ. އޭނާ މުސްލިމުންނާ ބައިވެރިވެވަޑައިގެންފިއެވެ. އަޅުގަނޑު ޙުފައިރުގެ މައިދާނުން އޭނާ ދުށީމެވެ. އަޅުގަނޑު ކިތަންމެ ބޮޑު ނިކަމެތިކަމެއްވެސް ބަރުދާސްތު ކޮށްފާނަމެވެ. އެކަމަކު އޭނާ ފަތަޙައިގެ ބެރުޖައްސަވަމުން މިގެއަށް ވެދެވަޑައިގަންނަވާ މަންޒަރު ދެކޭކަށެއް ކުޅަދާނައެއް ނޫނެވެ. މިއަދު ހަވީރުވުމުގެ ކުރީން އަޅުގަނޑުމެން ކޯރު ހުރަސްކުރާން ޖެހޭނެއެވެ. އަޅުގަނޑު ކޯރުގެ އަނެއްފަރާތަށް އަސްތައް ފޮނުވައިފީމެވެ. ބައްޕާފުޅުގެ ފާލިކީއާއި ދެންވެސް ކޮންމެހެން ގެންދާން ބޭނުންވާނެ ތަކެތި ގެންދަން އަވަށުމީހުން ބަލައިފޮނުވައިފީމެވެ. ބައްޕާފުޅަށް ދަތުރުކުރެއްވޭވަރު ނުވާނަމަ، ކޯރުގެ އަނެއްފަރާތުގައި އަޅުގަނޑުމެންނަށް ދުވަސްކޮޅަކު މަޑުކޮށްވެސް ލެވިދާނެއެވެ. ކާއޫސް ގެބަލަހައްޓަން މިތާ މަޑުކުރާނީއެވެ."

قبــاد ހަމަޖެހިވަޑައިގަތުމާއެކު ޖަވާބު ދެއްވިއެވެ. "ދަރިފުޅު ތިޔައުޅެނީ حسّان ދެކެ ބިރުންކަމުގައިވާނަމަ ބައްޕަ ގޭގައި ހުއްޓަދޭށެވެ. އޭނާ ބައްޕަޔާ ދިމާޔަށް ބުރަބަސްފުޅެއްވެސް ވިދާޅެއްނުވާނެއެވެ."

ޒަރުބަޚުތުގެ ލޯފުޅު ކަރުނަފޮދުން ފުރިގެން ހިނގައްޖެއެވެ. އޭނާއަށް ހަޅޭފުޅުލައްވައިގެންނެވިއްޖެއެވެ. "އަޅުގަނޑު حسّان ދެކެ ބިރެއްނުގަނެއެވެ. އެކަމަކު ބައްޕާފުޅު ماه بانو އާމެދު ވިސްނައިވަޑައިނުގަންނަވަނީ ކީއްވެގެންތޯއެވެ؟"

قبــاد ގެ މިލައިފައިވާ މޫނުފުޅު ކުއްލިޔަކަށް ރަތްވެއްޖެއެވެ. އޭނާ ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. ماه بانو އަވަސްއަވަހަށް ތެދުވެވަޑައިގެން ބައްޕާފުޅަށް އެހީތެރިވެދެއްވަން އުޅުއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ބައްޕާފުޅު އޮށޯވެވަޑައިގަންނަވާށެވެ."

ނަމަވެސް قبــاد ވިދާޅުވިއެވެ. "ދަރިފުޅު ބައްޕަޔާމެދު ފިކުރު ނުކުރާށެވެ. ދެނެއް ބައްޕަ އަނބުރައެއް ނުގަންނާނެއެވެ. ތިޔަކުދީން ދަތުރަށް ތައްޔާރުކުރާށެވެ."

ޒަރުބަޚުތު ކާއޫސާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ބޭނުންތެރި އެއްޗެހިތައް ތައްޔާރުކޮށްފައި އަވަށުގެ މީހުނާ އަވަހަށް ޙަވާލުކޮށްފައި ބައްޕާފުޅުގެ ފާލިކީ ގެންނާށެވެ. އަހަރެމެންވީ އެންމެ އަވަހަކަށް ކޯރުގެ އައްސޭރިޔަށް ނުކުންނާން ޖެހޭނެއެވެ. އަވަށުމީހުންގެ ގާތުގައި ބުނާނީ އަހަރެމެން ބައްޕާފުޅުގެ އާލާސްކަންފުޅަށް ބޭސްކޮޅުހަދަން މަދާއިނަށް ގެންދަނީކަމުގައެވެ."

ކާއޫސް ބޭރަށް ނުކުމެއްޖެއެވެ. قبــاد އިރުކޮޅެއްވަންދެން މަޑުމަޑުން އިންނެވިއެވެ. އެއަށްފަހު އޭނާ ބާލީސްކޮޅުގައި އޮށޯވެވަޑައިގެން ލޯފުޅު މަރުއްވައިލައްވައިފިއެވެ. އޭނާ ވޭނީ ރާގެއްގައި އިރުއިރުކޮޅާ ވިދާޅުވެއެވެ. "މިއީ ކީއްވެގެންވީ ގޮތެއްބާވައެވެ؟ މިހެންވާން މިޖެހުނީ ކީއްވެގެން ބާވައެވެ؟"

ماه بانو ފެންކަޅިފުޅުވެފައިވާ ލޯފުޅަކުން އޭނާގެ ބޭބޭފުޅާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. ޒަރުބަޚުތު ވިދާޅުވިއެވެ. "ماه بانو އެވެ. ކޮއްކޮ ތިޔަ ވިސްނައިވަޑައިގަންނަވަނީ ކޮންކަމަކާތޯއެވެ. އަޅުގަނޑުމެން އަބަދަށްޓަކައި މިގެ ދޫކޮށްލަނީކީ ނޫނެވެ. އަޅުގަނޑުމެން ވަރަށް އަވަހަށް އެނބުރި އަންނާނޫއެވެ. ކޮއްކޮ ވަރަށްއަވަހަށް ކޮއްކޮގެ ގަހަނާކޮޅުތަކާއި މުހިންމު ހެދުންކޮޅުތައް ތައްޔާރުކޮށްލައްވައިފައި އަވަށުގެ މީހުނާ ޙަވާލުކޮށްލައްވާށެވެ. އަޅުގަނޑުމެން ގެންދާ އެއްޗެހި ކުޑަފޮއްޓަކަށް ލެއްވެވޭވަރަށްވުރެ ނުވަތަ ކުޑަ ދެ ގަޓަރިޔަކަށްވުރެ ގިނަނުކުރައްވާށެވެ. ކޮއްކޮގެ ޚާދިމާ ގޭގައި އިންނާނެއެވެ. އަވަސްކުރައްވާށެވެ. ވިސްނާކަށެއް ވަގުތެއްނެތެވެ. ބޭބެ ޙުފައިރުގެ ހަނގުރާމައިން އެނބުރިއައިސް ހަމައެވަގުތު ކޮއްކޮމެން މަދާއިނަށް ފޮނުވައިލެވުނުނަމަ ވަރަށް ރަނގަޅުވީހެވެ."

ماه بانو އެއްވެސް ޖަވާބެއް ނުދެއްވައި ކަރުނަ ފޮއްސަވަމުން އެކޮޓަރީން ނުކުމެވަޑައިގެންފިއެވެ.

މެންދުރެއްހައިއިރުވީއިރު އަވަށުގެ ބަޔަކު قبــاد ގެ ފާލިކީ ހިފައިގެން ކޯރާދިމާޔަށް ދަނީއެވެ. ޒަރުބަޚުތު އޭނާގެ ކޮއްކޮގެ އަރިހުގައި ވިދާޅުވިއެވެ. "ކޮއްކޮ އަހަށް ސަވާރުވެވަޑައިގަންނަވާށެވެ. ކޯރުގެ އައްސޭރިޔަށް ވަޑައިގެން ބައްތެލީގެ ފަޅުވެރީންގެ ގާތުގައި ކޮއްކޮ އަނެއްފަރާތަށް ގެންގޮސްދޭށޭ ވިދާޅުވާށެވެ. ބޭބެމެންނަށް އެހިސާބަށް ދެވޭއިރު ކޮއްކޮ އަނެއްފަރާތަށް ގެންގޮސްފައި ބައްތެއްޔަށް މިކޮޅަށް އާދެވިދާނެއެވެ."

"ނޫނެކެވެ. ބޭބޭއެވެ! އަޅުގަނޑު ދާނީ ބައްޕާފުޅުގެ އަރިހުގައެވެ. އަޅުގަނޑަށް ހިނގައިލައިފައިވެސް ދެވިދާނެއެވެ. ފާލިކީއާއި، އެއްޗެހިކޮޅުގެންދާ މީހުން ދޮރޯށީން ބޭރަށް ނުކުމެއްޖެއެވެ. ماه بانو އާއި ޒަރުބަޚުތާ ދެބޭފުޅުން އެމީހުންގެ ފަހަތުން ވަޑައިގެންނެވިއެވެ. ماه بانو ދޮރޯއްޓާ ހަމަޔަށް ވަޑައިގެންފައި ހުއްޓިވަޑައިގެންފިއެވެ. އޭނާ ފަހަތަށް އެނބުރިވަޑައިގެން ވިއްސަކަށް ފިޔަވަޅު ދުރުގައި ދެލޮލުން ކަރުނަ ފޮހެފޮހެ ހުރި ޚާދިމާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ماه بانو ގިސްލައްވަމުން ދުވެވަޑައިގެންފައި ވަޑައިގެން ޚާދިމާއާ އޮޅުލައިވަޑައިގެންފިއެވެ.

(ނުނިމޭ)