ޚަބަރު

ރާއްޖޭގެ އިގްތިސާދު އަންނަ އަހަރު އިޔާދަކުރެވޭނެ ކަމަށް ލަފާކުރެވޭ: އޭޑީބީ

ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ހެދި މިއަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ ނިސްބަތް މައިނަސް ތިން ޕަސެންޓަށް ވެއްޓޭނެ ކަމަށާއި ނަމަވެސް އަންނަ އަހަރު 7.5 ޕަސެންޓުގައި އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް އޭޑީބީން ލަފާކޮށްފައިވާ މިންވަރަކީ މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ހުންނާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ކުރިން ލަފާކުރި މިންވަރެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2018 ވަނަ އަހަރު 6.9 ޕަސެންޓުގައި ހުރިއިރު މިދިޔަ އަހަރު ހުރީ 5.7 ޕަސެންޓުގައެވެ. އެހެންކަމުން އަންނަ އަހަރަށް އޭޑީބީން ލަފާކޮށްފައިވާ އަދަދަކީ ވޭތުވެދިޔަ ފަސް އަހަރާ އަޅާބަލާއިރު އިގްތިސާދު އެންމެ ރަނގަޅުވާނެ އަހަރަށެވެ.

އޭގެ އިތުރުން ރާއްޖެ ވެގެންދާނީ އަންނަ އަހަރު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބަންގުލަދޭޝް އަށްފަހު އިގްތިސާދު އެންމެ ރަނގަޅުވާނެ ގައުމަށެވެ.

ކޮވިޑް 19ގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރަށް ހާއްސަކޮށްގެން އޭޑީބީން އިއްޔެ އާންމުކުރި އޭޝިއަން ޑިވެލޮޕްމަންޓް އައުުޓްލުކް 2020 އަޕްޑޭޓުގައި ބުނެފައިވަނީ މިއަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 1.0 ޕަސެންޓުގައެވެ. އަދި 2021 ވަނަ އަހަރު އިންފްލޭޝަން 1.2 ޕަސެންޓަށް އުފުލޭނެއެވެ.

އޭޑީބީން ލަފާކުރާ ގޮތުގައި މުޅި އޭޝިއާގެ އިގްތިސާދުގެ ކުރިއެރުން 2.2 ޕަސެންޓަށް މި އަހަރު ދަށްވާނެއެވެ. ނަމަވެސް އަންނަ އަހަރުގެ ކުރިއެރުން 6.2 ޕަސެންޓަށް މައްޗަށް ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އޭޑީބީން ލަފާކޮށްފައިވާ ގޮތުގައި ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާގެ އިގްތިސާދީ ކުރިއެރުން މި އަހަރު 4.1 ޕަސެންޓަށް ވެއްޓޭނެއެވެ. ނަމަވެސް އަންނަ އަހަރު 6.0 ޕަސެންޓަށް މައްޗަށް އަރާނެއެވެ.

ކޮވިޑް 19އާ ގުޅިގެން ޓޫރިޒަމަށް އަސަރުކޮށްފައިވާތީ މިއަހަރަށް ލަފާކުރި ބަޖެޓް 12 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.