އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އިން މެންބަރު ގައުމުތަކަށް އެހީވާން އިއުލާންކޮށްފައިވާ ފަސް ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖަށް ރާއްޖޭން ވެސް އެދިފައިވާ ކަމަށް އެ ބޭންކުގެ ރައީސް އަދި ޗެއާމަން ޖިން ލިކުއިން ވިދާޅުވެއްޖެއެވެ.
އެކަމާ ބެހޭ ތަފްސީލެއް ޖިން ދެއްވާފައެއް ނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭއައިއައިބީގެ 78 މެންބަރު ގައުމުގެ ތެރެއިން 20 ގައުމަކުން ވަނީ ވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެގައުމުގެ އެހީތެރިކަމަށް އެދިފައެވެ.
ޖިން ލިކުއިން ވިދާޅުވި ގޮތުގައި އޭއައިއައިބީގެ ފަސް ބިލިއަން ޑޮލަރުގެ އެހީގެ ސަބަބުން އެ ބޭންކުގެ މެންބަރު ގައުމުތަކަށް 18 މަސް ދުވަހަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ޑިމާންޑު ބޮޑުނަމަ، ބޯޑުގެ ތާއީދާއެކު އެ އަދަދު ބޮޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.
ކޮވިޑް 19ގެ ސަބަބުން ދުނިޔެއަށް އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާއިރު ރާއްޖެއަށް ވެސް ބޮޑެތި ގެއްލުންތައް ވަމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ވިޔަފާރިތައް ހިމާޔަތްކޮށް އިގްތިސާދު ސަލާމަތްކުރުމަށް އެހީގެ ޕެކޭޖްތައް އިއުލާނުކޮށްފައެވެ.
އެގޮތުން އެކި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 30 މިލިއަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވޯލްޑު ބޭންކުން ރާއްޖެއަށް 17.3 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާއިރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން \ފަސް ލައްކަ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ.