ދުނިޔެ

ޗައިނާގައި 108 ވޮލަންޓިއަރަކަށް ކޮވިޑް 19ގެ ވެކްސިން ދީފި

އަލީ ޔާމިން

ޗައިނާގެ ވޫހާން ސިޓީގެ 108 ވޮލަންޓިއަރަކަށް ކޮވިޑް 19ގެ ވެކްސިން އިންޖެކްޝަން ދީ ފުރިހަމަ ކޮށްފިއެވެ.

ކޮވިޑް 19ގެ ވެކްސިން އުފައްދާފައިވަނީ ޗައިނާގެ ޕީޕަލްސް ލެބްރޭޝަން އާމީ (ޕީއެލްއޭ)ގެ ތަޖުރިބާކާރެއް ކަމުގައިވާ ޗެން ވެއި އާއި އޭނާގެ ޓީމުންނެވެ. އެ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްއަށް ހުއްދަ ލިބިފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

ވެންސިން ދިން ވޮލަންޓިއަރުންގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނެވެ. ވެންސިން ދިނުމަށް ފަހު އެމީހުންގެ ހަށިގަނޑުގައި ޑިވައިސެއް ހަރުކޮށްފައި ވެއެވެ. އެއީ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމަށްޓަކައެވެ.

ވެކްސިން ޖެހުމަށް ވޮލަންޓިއަރުންނަށް ވުމަށް ހުޅުވާލި ފުރުސަތު މިދިޔަ މަހުގެ 23 ވަނަ ދުވަހަށް ހަމަވިއިރު 500 ވޮލަންޓިއަރުން ބައިވެރިވެފައި ވެއެވެ. އަދި އޭގެ ތެރެއިން ފުރަތަމަ ވެކްސިން ދިން 108 މީހުނަށް ވެކްސިން ދިނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ޗައިނާގެ ނޫހެއް ކަމުގައި ގްލޯބަލް ޓައިމްސްގައި ބުނެފައިވަނީ، ވެކްސިން ދިން 108 މީހުންގެ ތެރެއިން 18 މީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކޮށްފައިވާ ކަމަށާއި، ވޮލަންޓިއަރުންގެ ޓެސްޓްތަކުން ދައްކާފައިވާ ގޮތުން ވެކްސިން ދިން އެންމެންގެ ސިއްހަތު ރަނގަޅު ކަމަށެވެ.

މިއީ ކޮވިޑް 19އަށް ވެކްސިނެއް ހޯދުމަށް ޗައިނާގެ ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތުގައި ހޯދި ބޮޑު ކުރިއެރުމެކެވެ. ވެކްސިން އުފެއްދި ޗެން ވެއި ބުނީ ވެކްސިންގެ ޓެސްޓު މަރުހަލާ ނިމުނުހާ އަވަހަކަށް އެ ވެކްސިން ބާޒާރުން ލިބެން ހުންނާނެ ކަމަށެވެ.