ޚަބަރު

އެމިރޭޓްސް އާއި އިއްތިހާދުން ހާއްސަ ފްލައިޓް ދަތުރުތަކެއް ފަށަނީ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ގައުމީ އެއާލައިން، އެމިރޭޓްސް އާއި ޔޫއޭއީގެ ދެވަނަ އަށް އެންމެ ބޮޑު އެއާލައިން އިއްތިހާދުން ހާއްސަ ދަތުރުތަކެއް ފަށަން ނިންމައިފިއެވެ.

ޔޫއޭއީގެ އިދާރާތަކުން އިއްޔެ ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ވަކި އަދަދަކަށް ފްލައިޓުތައް އޮޕަރޭޓް ކުރުމުގެ ހުއްދަ އެމިރޭޓްސް އަށް ދީފައެވެ. އަދި އިއްތިހާދުން ބައެއް ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ޔޫއޭއީގެ ޖެނެރެލް ސިވިލް އޭޝިއޭޝަން އޮތޯރިޓީން ބުނީ، ހާއްސަ ފްލައިޓުތަކެއް ފެށުމުގެ ހުއްދަ އެ ދެ އެއާލައިނަށް ދިނީ ޔޫއޭއީގައި ތިބި ބިދޭސީންނަށް އެމީހުންގެ ގައުމުތަކަށް އެނބުރި ދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ޓްރާންސިޓް ދަތުރުތައް އަދިވެސް މަނާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފްލައިޓް އޮޕަރޭޝަންތައް ހުއްޓާލި އިއްތިހާދުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ އެއާލައިންގެ ފަސިންޖަރު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަތް މަންޒިލަކަށް ކަމަށެވެ.

އެއީ ދެކުނު ކޮރެއާގެ ސޯލް، އޮސްޓްރޭލިއާގެ މެލްބާން، ސިންގަޕޫރު، ފިލިޕީންސްގެ މެނީލާ، ތައިލެންޑުގެ ބެންކޮކު، އިންޑޮނޭޝިއާގެ ޖަކާޓާ އަދި ނެދަލެންޑްސްގެ އެމްސްޓެޑަމަށެވެ.

އެމިރޭޓްސް އިން ބުނީ އެ އެއާލައިންގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ދުބާއީން ލަންޑަންގެ ހީތްރޯ، ފްރޭންކްފާޓް، ޕެރިސް، ބްރޫސަލްސް އަދި ޒުރިޗަށް ކަމަށެވެ.

އެގޮތުން ލަންޑަށް ހަފްތާއަކު ހަތަރު ފްލައިޓް ބާއްވާއިރު ދެން ހުރި ސިޓީތަކަށް ދަތުރުކުރާނީ ހަފްތާއަކު ތިން ފްލައިޓު ކަމަށް އެމިރޭޓްސް އިން ބުނެއެވެ. ނަމަވެސް އެ ސިޓީތަކުން އެއްވެސް ފަސިންޖަރަކު އަނބުރާ ޔޫއޭއީއަކަށް ނުގެންނާނެއެވެ.