ޚަބަރު

ސީއެޗްއެސްއީގެ ފުރަތަމަ ޕްރިންސިޕަލް ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްއީ)ގެ ފުރަތަމަ ޕްރިންސިޕަލް ޑރ. އިބްރާހިމް އަބްދުލް މާލިކު އަވަހާރަވެއްޖެއެވެ.

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް މަތީ ތައުލީމަށް ކިޔަވައިދޭ ކޮލެޖެއް ހައްދަވާ ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ މާލިކު އަކީ 1979 ފެށިގެން 1981ގެ ނިޔަލަށް ސީއެޗްއެސްއީގެ ޕްރިިންސިޕަލްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭރު ސީއެޗްއެސްއީ އަކީ ސައިންސް އެޑިއުކޭޝަން ސެންޓަރުގައެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ މާލިކު އަވަހާރަވީ ކޮވިޑް 19 ޖެހިގެން ފަރުވާ ދެމުންދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 97 އަހަރެވެ. ޑރ. މަލިކު ދަންނަ ބޭފުޅުން ފޭސްބުކްގައި ލިޔުއްވާފައި އޮތް ގޮތުން އޭނާ އަވަހާރަވީ ކޮރޯނާވައިރަސް ޖެހިވަޑައިގެންނެވެ.

ސައިންސް އެންޑް އެޑިއުކޭޝަން ދާއިރާއިންނާއި އިސްލާމިކް ސްޓަޑީސް އިން ގުރެޖުއޭޓުން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ މާލިކު ވަނީ މަތީ ތައުލީމުގެ ދާއިރާ ކުރިއެރުވުމަށް 70 އަހަރަށްވުރެ ގިނަ އަހަރު މަސައްކަތް ކުރައްވައިފައެވެ. މާލިކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ 2017 ވަނަ އަހަރެވެ.

ސެކަންޑްރީ އެޑިއުކޭޝަން ސެންޓަރުގައި ޑރ. މާލިކުގެ ދަރިވަރުންގެ ތެރޭގައި ރާއްޖޭގައި އިސް މަގާމުތައް ފުރުއްވި ބޭފުޅުން ހިމެނެއެވެ. އެގޮތުން ކުރީގެ މިނިސްޓަރުން ޑރ. މަރިޔަމް ޝަކީލާއާއި ޑރ. އާމާލް އަލީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލްމުހުސިން މުހައްމަދު ހިމެނެއެވެ.