ޚަބަރު

މިދަނޑިވަޅުގައި ބޭނުން ނުވާވަރަށް ކާބޯތަކެތި ގަތުމުން ދުރުހެލިވެ، މަދުން ކެއިންބުއިމަށް ސަމާލުވާންޖެހޭ: ހުތުބާ

މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމުގެ ހާލަތުގައި ކާބޯތަކެތިން އިސްރާފު ކުރުމާއި އެހެން މީހުންގެ މުހުތާދުތަކަށް ބެލުމެއް ނެތި ތިމާއަށް ބޭނުން ނުވާވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިސްރާފުކުރުމުގެ ނުބައިކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މި ހާލަތުން އަރައިގަތުމަށް ގިނަ ކަންކަމާމެދު ސަމާލުވާންޖެހޭ ކަމަށާއި އެގޮތުން ހެޔޮކަމުގެ މަގަށް ރުޖޫއަވެ، ނުބައިކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެެވެ. އަދި ފާފަތަކުން ތައުބާވެ އިސްތިއުފާރު ކުރުމަކީ މުސީބާތްތަކުން މިންޖުވާން އޮތް މަގު ކަމަށް ބުންޏެވެ.

އޭގެ އިތުރުން މުޅި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ ފަރުދީ ޒިންމާ، އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންވުމަށް ގޮވާލިއެވެ.

ހުތުބާގައި ބުނީ، މިފަދަ ކާރިސާއެއްގެ ވަގުތުގައި މުޖުތަމައުގެ އާންމު މަސްލަހަތަށް އިސްކަންދީ، ކެތްެތެރިކަމާއި އެއްބައިވަންތަކަމަށް އިސްކަންދޭންޖެހޭ ކަމަށެވެ. އަދި ކާބޯތަކެތިން އިސްރާފު ކުރުމާއި އެހެން މީހުންގެ މުހުތާދުތަކަށް ބެލުމެއް ނެތި ތިމާއަށް ބޭނުން ނުވާވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ.

އެގޮތުން އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ދިއުން ދީން ހުއްދަ ނުކުރާ ކަމަށާއި ހޭދަ ކުރުމުގައި ވެސް ކެއިން ބުއިމުގައި ވެސް އަދި ފޭރާން އެޅުމުގައި އެކަން އޮތީ އެގޮތަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ، މިދުވަސްތަކަކީ އެންމެން ވެސް ގޭގައި ތިބެންޖެހޭ ދުވަސްތަކަކަށް ވުމުން ކެއިންބުއިން ގިނަކުރުމުގެ ބަދަލުގައި މިފަދަ ވަގުތުގައި ކެއިންބުއިން މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

އެގޮތުން މާގިނައިން ކެއުމަކީ ތަފާތު އެކި ބަލިތަކުގެ ސަބަބެއް ކަމުގައި ވީހިނދު، ކެއުން ކޮންޓްރޯލް ކުރުމަށް ކީރިތި ރަސޫލާ ދެއްވާފައިވާ އިރުޝާދުގައި ހިފަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން މިފަދަ ދަނޑިވަޅެއްގައި ގޭގައި ތިބޭއިރު އަނބިދަރީންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި އެކަކު އަނެކަކަށް ދަތިކޮށް، ޖެއްސުންކޮށް ނުއުޅުމަށާއި ﷲ ނަހީ ކުރެއްވި ކަންކަމާ ދުރުހެލިވެ އިއްފަތްތެރިވުމަށާއި ބޭކާރު ކަންކަމާ ދުރުހެލިވެ، އެކަކު އަނެކަކަށް އަޅާލައި އުޅުމަށް ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ ދުއާކޮށް، އިސްތިއުފާރު ކުރުން ގިނަ ކުރުމަށް ހަނދާންކޮށްދީ ގިނަގިނައިން ކީރިތި ޤުރުއާން ކިޔެވުމަށް ހުތުބާގައި ވަސިއްޔަތްކުރިއެވެ.