ޚަބަރު

އެސްޓީއޯ ސުޕަމާޓުން އީސްޓޯރުގެ ހިދުމަތް، މުދާ ގެޔަށް ޑެލިވަރީކޮށްދޭނެ، ބަލައިވެސް ދެވިދާނެ!

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން އިޖްތިމާއީ ގައިދުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން އިރުޝާދު ދެމުންދާތީ އެސްޓީއޯ ސުޕަމާޓަށް ނުގޮސް އޮންލައިންކޮށް އެއްޗެހި ގަތުމުން، ޑެލިވަރީ ނުވަތަ އޮންލައިންކޮށް ގަތް އެއްޗެހި ބަލާ ދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެސްޓީއޯ ސުޕަމާޓުން އޮންލައިންކޮށް ވިޔަފާރިކުރުމަށް ޖެހޭނީ އެކަމަށް ހާއްސަ ލިންކަށް ވަދެ ބޭނުންވާ މުދަލެއް އިހްތިޔާރު ކުރާށެވެ. އަދި ތަކެއްޗަށް ފައިސާ ދެއްކުމުގެ ކުރިން އިހްތިޔާރު ކުރި ތަކެތި ދެވަނަ ފަހަރަށް ބަލައި ކަށަވަރު ކޮށްލަންވާނެއެވެ.

ފައިސާ ދެއްކުމުގެ ކުރިން ކަސްޓަމަރުގެ މައުލޫމާތާއި ޑެލިވަރީ ކުރަން ބޭނުންވާނަމަ އެ މައުލޫމާތު ހިއްސާ ކުރަންޖެހެއެވެ. އެއަށްފަހު ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ގަންނަން ނެގި ތަކެއްޗަށް ފައިސާ ދެއްކޭނެއެވެ.

އެސްޓީއޯ އިން ބުނީ، ވިޔަފާރި ކުރުމަށްފަހު ކަސްޓަމަރު ބޭނުންވާނަމަ ގެއަށް ޑެލިވަރީ ވެސް ކޮށްދޭނެ ކަމަށެވެ. އަދި ސްޓޯރަށް އެތަކެތި ބަލައިވެސް ދެވޭނެ ކަމަށެވެ. ސުޕަމާޓަށް ގަތް ތަކެތި ބަލައި ދާން ޖެހޭނީ ސުޕަމާޓްގެ ފަހަތުގައި އޮންނަ އިބްރާހިމް ހަސަން ދީދީ މަގު ނުވަތަ އެމްޔޫ ސްޓޯރު ހުންނަ މަގުން ސުޕަމާޓަށް ވަދެވޭ ގޮތަށް ހުންނަ ދޮރާއްޓަށެވެ.

ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ފިހާރަތަކުން ހިދުމަތްދޭ ވަގުތުތަކަށް ވެސް ބަދަލު ގެނެސްފައެވެ.

އެގޮތުން އިއްޔެ އިން ފެށިގެން ސްޓޭޕަލް ފުޑްސް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަކަށެވެ. ހުކުރު ދުވަހު އެތަން ބަންދުވާނެއެވެ.

ސުޕަމާޓް ހުޅުވާފައި ހުންނަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 3:15 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. އަދި ހުކުރު ދުވަހު ސުޕަމާޓް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން 10:30 އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.

އެސްޓީއޯ ހޯމް އިމްޕުރޫވްމަންޓާއި ހޯމް އިމްޕުރޫވްމަންޓް ވެއާހައުސް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި ހަވީރު 3:00 އިން 4:00 އަކަށެވެ.

އެސްޓީއޯ ހުޅުމާލެ ފިހާރަ ވެސް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 3:15 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށް ހުޅުވާފައި ހުންނައިރު ވިލިމާލެ ފިހާރަ ހަމައެކަނި ހުޅުވާނީ ހެނދުނުއެވެ.