ޚަބަރު

ކޮވިޑް 19 : ވޯލްޑް ބޭންކުން ރާއްޖެއަށް 7.3 މިލިއަން ޑޮލަރު އެހީއެއް

ކޮވިޑް 19އާ ކުރިމަތިލުމަށް ކުރެވޭ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ވޯލްޑު ބެންކުން ރާއްޖެއަށް ޖުމްލަ 17.3 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.

މި އެހީގެ ތެރެއިން 10 މިލިއަން ޑޮލަރަކީ ކުރިމަތިވާ ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ރާއްޖެއާއެކު މިިދިޔަ އަހަރު ސޮއިކޮށްފައިވާ ޑިޒާސްޓާ ރިސްކު މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތް އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީީޑީއޯ)ގެ ދަށުން ފޯރުކޮށްދޭ އެހީއެކެވެ. މި އެހީ ހަމަޖެހިފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ބާކީ 7.3 މިލިއަން ޑޮލަރަކީ ކޮވިޑް 19 އިން ރައްކާތެރިވުމަށާއި ބަލި ދެނެގަނެ، އެ ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މޯލްޑިވްސް ކޮވިޑް 19 އެމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއާޑްނަސް ޕްރޮޖެކްޓަށް ދިން އެހީއެކެވެ.

ވޯލްޑު ބޭންކުގެ ބޯޑް އޮފް އެގްޒެކެޓިވް ޑިރެކްޓަރުން އިއްޔެ ފާސްކުރި މި އެހީއާ ގުޅޭގޮތުން އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، އަވަސް އެހީގެ ގޮތުގައި ދޭ 7.3 މިލިއަން ޑޮލަރުގެ ޕެކޭޖުގެ ދަށުން ބަލިޖެހޭ ޕޭޝަންޓުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި އަމިއްލަ ރައްކާތެރިކަމަށް ބޭނުންކުރާ އާލާތްތަކާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރާ ތަކެތި ހޯދުމަށާއި ހޮސްޕިޓަލްތަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތަކަށް ދެވޭނެކަން ކަށަވަރުކުރުމުގެ އިތުރުން އިންޓެންސިވް ކެއާ ވަރުގަދަ ކުރުމަށާއި ކޮރޯނާވައިރަސް ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތެރޭގައި ހުރި ލެބޯޓަރީތަކުގެ ގާބިލުކަން އިތުރުކޮށް ކޮވިޑް 19ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާނެ ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމުގައި އެހީތެރިވެދޭނެ ކަމަށެވެ.

އޭގެ އިތުރުން ތޮއްޖެހިފައިވާ ވުމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ސަރަހައްދު ކަމަށްވާ މާލެއަށް އަމާޒުކޮށްގެން އާންމު ހޭލުންތެރިކަން އިތުރުކުރުވުމަށާއި މުޖުތަމައުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށާއި އަދި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތަކަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތަށް ވެސް އެ ޕްރޮޖެކްޓުގެ ދަށުން އެހީތެރިވެދޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ވޯލްޑު ބޭންކުގެ އާ އިމަޖެންސީ ފައިނޭންސިންގެ ސަބަބުން ކޮވިޑް 19އާ ގުޅިގެން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށް އަދި އެންމެހާ ދިވެހިން ސަލާމަތްކޮށް ފަރުވާދިނުމަށް ބޭނުންވާ ސިއްހީ ފަރުވާގެ ތަކެތި ހޯދުމަށް ދިވެހި ސަރުކާރަށް އެހީތެރިވެދެވޭނެ،" ވޯލްޑު ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވެފައިވެއެވެ.

ވޯލްޑު ބޭންކުން ބުނީ، މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނީ ވޯލްޑު ބޭންކު ގުރޫޕުން ކަނޑައަޅާފައިވާ އަވަސް އެހީގެ ފެސިލިޓީގެ ދަށުން، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑު ބޭންކުގެ ގޮފި، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ކަމަށެވެ.

އެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ބޭންކުން ރާއްޖޭގައި މިހާރު ވެސް ހިންގަމުންދާ މަޝްރޫއުތަކުގެ އެހީތެރިކަމާއެކު ހެލްތު މިނިސްޓްރީން ކަމަށް ވެސް ވޯލްޑު ބޭންކުން ބުނެފައިވެއެވެ.