ދުނިޔެ

ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރައިފި

އަލީ ޔާމިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރައިފައެވެ.

ދުނިޔޭގެ ސިއްހީ އެކި އިދާރާތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ކޮވިޑް 19އަށް 1،000،168 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ބަލީގައި މިހާތަނަށް 51،354 މީހުން ވަނީ މަރުވެފައެވެ. އަދި ބަލިން ރަނގަޅުވެފައިވަނީ 210،191 މީހުންނެވެ.

ކޮވިޑް 19 ޖެހިގެން މިއަދު އެކަނިވެސް 4،000 އަށްވުރެ ގިނަ މީހުން މަރުވެ ބައިލައްކައަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް 200 އަށްވުރެ ގިނަ ގައުމަކަށް ކޮވިޑް 19 ފެތުރުފައިވާއިރު އެ ބަލި ނުފެތުރި އޮތީ 18 ގައުމަށެވެ.

ކޮވިޑް 19އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން އެގައުމުން 235،747 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު ދެން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އިޓަލީންނެވެ. އެގައުމުން މި ބައްޔަށް 115،242 މީހުން ޕޮޒިޓިވްވެފައިވެއެވެ. ސްޕެއިނުން 110،238 މީހުން މިބައްޔަށް ޕޮޒިޓިވްވިއިރު ޖަރުމަނުވިލާތުން 83،459 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ހަތަރު ގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު 30،000 އަށްވުރެ ގިނައެވެ. ދެން އެންމެ ގިނަ މީހުން މިބަލީގައި މަރުވެފައިވަނީ މި ބަލި ފުރަތަމަ ފެތުރެން ފެށި ޗައިނާއިންނެވެ. އެގޮތުން އެގައުމުން މިބަލީގައި 3،318 މީހަކު ވަނީ މަރުވެފައެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާނުން ފެނުނު ކޮވިޑް 19 އަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއާ ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ.