ޚަބަރު

ކޮވިޑް 19އަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއަކީ ކޮބައިތޯ މިދަނީ ބަލަމުން: ޑރ. މުރާދު

އަލީ ޔާމިން

ކޮވިޑް 19އަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، ރާއްޖޭގައި ކޮވިޑް 19 ޖެހިފައި ތިބި ފަރާތްތަކަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއަކީ ކޮބާތޯ ބަލަމުން އަންނަ ކަމަށާއި އެކި ގައުމުގައި ކޮވިޑް 19އަށް ދެނީ އެކި ބޭސްތައް ކަމަށެވެ. ރާއްޖޭގައި ދިރާސާކޮށްގެން ކޮވިޑް 19އަށް ވަކި ބޭހެއް ދިނުމަށް އުނދަގޫވާނެ ކަމަށްވެސް ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.

ޑރ. މޫސާ މުރާދު އެހެން ވިދާޅުވީ، ކޮވިޑް 19އަށް އެންޓި ބޮޑީ ޕަލާސްމާ ނަގައިގެން ދުނިޔޭގެ ބައެއް ގައުމުތަކުގައި ފަރުވާދެމުން އަންނާތީ ރާއްޖޭގައި އެކަނަ ކުރާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެންޓި ބޮޑީ ޕްލާސްމާ ޓްރީޓްމަންޓަކީ ކޮވިޑް 19އިން ރަނގަޅުވާ މީހުންގެ ލޭގައި ހުންނަ ޕްލާސްމާ ބަލިމީހާގެ ގަޔަށް އަޅައިގެން ދޭ ފަރުވާއެކެވެ. އެ ފަރުވާ ދީގެން ބައެއް ފަރާތްތައް ކޮވިޑް 19އިން ރަނގަޅުވެފައިވެސް އެބަހުށްޓެވެ.

"އެކި ގައުމުތަކުގައި އެކި ބޭސް އެބަ ބޭނުން ކުރޭ މިކަމަށް. އެވެސް ހަމަ ރިސާޗް ލެވެލްގައި މިބޭނުން ކުރަނީ. ދެން އަޅުގަނޑުމެންގެ މި ސިސްޓަމްގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ ރިސާޗެއްގެ ގޮތުގައި ކަންކަން ކުރަން. އެހެންނަމަވެސް ކިރިޔާވެސް އޭގެ ޕޮޒިޓިވް ރެސްޕޮންސެއް ލިބޭ ޓްރީޓްމެންޓްތަކެއްވިއްޔާ އަޅުގަނޑުމެން ޓްރައި ކުރަން ޖެހޭނެ މިހާލަތުގައި. އެހެންވީމަ އަޅުގަނޑުމެން އޮޕްޝަންތައް ބަލަމުން މިދަނީ އަޅުގަނޑުމެންނަށް މިކަމުގައި ދެވޭނެ އެންމެ ރަނގަޅު ފަރުވާއަކީ ކޮބާތޯ ބެލުމަށް،" ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.

ކޮވިޑް 19އަށް ހާއްސަ އެއްވެސް ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާއިރު އެންމެ އަވަސްވެގެންވެސް އެ ބައްޔަށް ވެކްސިނެއް އުފެއްދުމަށް 12 މަހާއި 18 މަސް ދުވަސް ނަގާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ)އިން ބުނެއެވެ.

ރާއްޖެއިން 19 މީހަކަށް ކޮވިޑް 19 ޖެހިފައިވާއިރު، އޭގެ ތެރެއިން ރާއްޖޭގައި މިހާރު ފަރުވާ ދެމުން އަންނަނީ އެ ބައްޔަށް އެންމެ ފަހުން ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.