ޚަބަރު

ވ. ކެޔޮދޫ އާއި މޫފުށި ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފި

އަލީ ޔާމިން

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ވ. ކެޔޮދޫ އާއި ކޮންސްޓަންސް މޫފުށި ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑް 19 އާ ގުޅިގެން މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ކެޔޮދޫ އިން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނުމާ ގުޅިގެން އެ ރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

"ކެޔޮދޫ މޮނީޓަރިންގެ ހާލަތުގައި އޮންނާނީ އެމީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން." މަބްރޫކް ވިދާޅިވިއެވެ.

ކެޔޮދޫގެ އިތުރުން ކޮންސްޓަންސް މޫފުށި ރިސޯޓުން ކޮވިޑްގެ އަލާމާތްތަކެއް ހުރި ދިވެއްސަކާއި ބިދޭސީއަކު ފެނުމާ ގުޅިގެން އެ ރިސޯޓު ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބޭރު އެންމެން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ މި ބައްޔަށް އެންމެފަހުން ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެ އައިސް ކަރަންޓީނުގައި ތިއްބައި ފޮޒިޓިވްވި މީހުންނެވެ.