ވާހަކަ

ކޮންމެ ހިނދެއް - 36

2

"އިޝް… އިޝީއަކީ ކާކު…؟" އާވާ އަހައިލިއެވެ. މާހިލްއަށް ހީވީ ފުރާޅު ބޮލަށް ވެއްޓުނު ހެންނެވެ. އާވާ ކޮށްލި ސުވާލެއްގެ ސަބަބުން މާހިލް ގަނޑުވި ކަހަލައެވެ.

"އިޝް…އިޝީ އޭ… އެއީ ކާކު…؟ ނޭނގެ… ކިހިނެއްވީ…؟ އުނދަގުލުން މާހިލް ވާހަކަދެއްކިއެވެ. އާވާ ހުރީ މާހިލްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. މާހިލް ކަމެއް ސިއްރުކުރާހެން އާވާއަށް ހީވާން ފެށިއެވެ.

"އިޝީ ދެންމެ ގުޅީ. ބުނީ ބޭބީ ކައިރީގަ އެހެން ބުނާށޭ" އާވާ މާހިލް ކުރިމަތިން ދުރަށް ދިޔައެވެ. ޑްރެސިންޓޭބަލް މަތީގައި ފޯނު ބައްވާފައި އޭނާ ދާ ވަށިގަނޑުގައި ހުރި އެއްޗެހި ހިފައިގެން ފާހާނާއަށް ވަންނަން ދިޔައެވެ. އާވާ ފާހާނާ ލޮކް ކުރަންދެން މާހިލްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

ނައިޝީ އާ މެދު ހިތުގައި އުދެފުނު ނަފްރަތުގެ އަލިފާންގަނޑު ހިތުގައި ހުޅުފަޅައިގެން ދިޔައެވެ. އޭނާގެ ދެއަތް މުށްކެވިގެން ދިޔައެވެ. އޭނާ އެހެން ބުންޏަސް އާވާއަށް ގަބޫލެއްނުކުރެވެއެވެ. ކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟

"އެވީ…!! އަހަރެން…." އާވާ ފާހާނާ އިން ނިކުތްތަން ފެނުމުން މާހިލް ވާހަކަދައްކަން އުޅުނެވެ.

"ސްޓޮޕް އިޓް މާހިލް. އިނގެނީ އިޝީ ގުޅިކަން. އެއީ އަންހެން އަޑެއްކަން. ބޭބީއަށް ގޮވާލާށޭ ބުނާނީ ގައިމުން ގުޅުމެއް އޮތީމައެއްނު" އާވާ ބުނެލިއެވެ.

"އެވީ..! މަޑުކޮށްބަލަ… އަހަރެން ބުނާ އެއްޗެއް އަޑުއަހާބަލަ…" ކޮޓަރިން ނިކުންނަން ދިޔަ އާވާގެ އަތުގައި ހިފަމުން މާހިލް ބުނެލިއެވެ. ވަގުތުން އާވާ މަޑުޖެހުނެވެ.

"އަހަރެން އަދިވެސް މާހިލްގެ ކޮންމެ އަމުރަކަށް ކިޔަމަންވާނަން. ބުނި ކޮންމެ ކަމެއް ކުރާނަން. އިތުބާރުގެ ވާފަށުގަ އަދި ނުކެނޑޭ ފަށަލައެއް އެބައިން. އެކަމަކު އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން އަހަރެން މިކުރާ ސުވާލަށް ޖަވާބުދީ" އާވާ ވާހަކަދެއްކިއެވެ. ވާހަކައިގެ ތެރެއިން އޭނާ މާހިލްގެ އަތް އޭނާގެ އަތުން ނައްޓުވާލިއެވެ.

"ކޮން ސުވާލެއް؟ ބުނޭ ޖަވާބުދެވޭތޯ އަހަރެން މަސައްކަތްކުރާނަން" މާހިލް ބުނެލިއެވެ. އެހާ ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް އެދެމެދަށް އައި ދުރުމިން އޭނާއަށް އިހުސާސް ވެއްޖެއެވެ.

"ތެދަށް ބުނައްޗެ މާހިލް. އިޝީއަކީ ކާކު…؟" އާވާ އަހައިލިއެވެ.

"އެއީ…. އެއީ…؟" މާހިލް ޖަވާބުދެވޭތޯ މަސައްކަތް ކުރިއެވެ. އާވާއަށް ތެދަށް ހުރިހާ އެއްޗެއް ކިޔާދޭނެހާ ހިތްވަރެއްވެސް އޭނާއަށް ނުލިބުނެވެ. އާވާގެ ކުރިމަތީގައި ހުރެ އޭނާއަށް ދޮގެއް ހަދަންވެސް ބޭނުމެއްނުވިއެވެ. ހިނދުކޮޅަކަށް އޭނާއަށް ހީވީ ކޮޓަރީގެ ހަތަރުފާރު އައިސް އޭނާ ފިއްތާލަން އުޅޭހެންނެވެ. ދިރިއުޅުމުގައި އަދި އެފަދަ ވަގުތުކޮޅެއް އޭނާ އާ ކުރިމަތިލާފައެއް ނެތެވެ.

"އެއީ ކާކު…؟ އަހަރެން ކައިރީގައި ނުބުނެވޭނެތަ…؟ އެހެންވިއްޔާ އަހަރެން މިދޭ ނަޞޭހަތް އަޑުއަހާ. އިސްލާމްދީން ވަނީ އިންސާނުންނާ ހަމައަށް އެތައް ލުއިފަސޭހަ ކަމެއް ގެނެސްދެއްވާފަ. އެދީނުގައި ފިރިހެނަކަށް ހަތަރު އަނބިން ހުއްދަ. މާހިލް އިތުރު ކައިވެންޏެއް ކުރަން ބޭނުންވަންޏާ އެކަމަށް އެއްވެސް ހުރަހެއް ނެތް. ރީތި ގޮތަކީވެސް އެއީ. މާހިލްގެ ތި ހަމަހިމޭންކަން އަހަރެންނަށް އެތައް ހަޤީޤަތެއް ކިޔާދީފި" އާވާ ވާހަކަދެއްކިއެވެ. މާހިލްއަށް އެތަނުގައި ކެތެއް ނުވިއެވެ. އާވާ ބުނިހެން އޭނާއަށް އެއްވެސް އެއްޗެއް ކިޔައެއް ނުދެވުނެވެ. ކީއްވެގެން ހެއްޔެވެ؟ ނައިޝީއަކީ ކާކުކަން އޭނާއަށް ބުނެނުދެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

ވައިސޫރިއެއްހެން މާހިލް އާވާގެ ކުރިމަތިން ގޮސް ގެއްލުނެވެ. ކޮޓަރިން ބޭރަށް މާހިލް އެޅި ފުރަތަމަ ފިޔަވަޅާއެކު އާވާގެ މުޅި ހަށިގަނޑުން ވަރުދޫވި ކަހަލަ އިހުސާސެއް ކުރެވިއްޖެއެވެ. އޭނާއަށް މޫނުމަތީގައި ދެއަތް އެޅިއްޖެއެވެ. ބާރަށް ރޯން ފެށުނުއިރު އޭނާގެ ލޯމަތިން މާހިލް ބީވާން އުޅޭހެން ހީވާން ފަށައިފިއެވެ. މާހިލް ބުނި ފަދައިން އޭނާގެ ދިރިއުޅުމަށް ހަސަދަވެރިއެއްގެ ވިހަގަދަ ދެލޯ އަމާޒުވީ ހެއްޔެވެ؟

ކޮޓަރިން ޝާނިމް ނިކުތްއިރު ސޯފާގައި މާހިލް އިނެވެ. ވިސްނުމަކަށް ގެއްލިފައި އިންއިރު މާހިލް އާ ސުވާލެއް ކުރާނެހާ ހިތްވަރެއް ޝާނިމްއަށް ނުލިބުނެވެ. އެއަށް ވުރެ ބޮޑަށް އޭނާއަށް ވަނީ އަސަރުކޮށްފައެވެ. ކަންފަތުގައި ޖަހައިގެން ހުރި ފޯނު ލައިގެން ހުރި ޖީންސުގެ ޖީބަށް ކޮށްޕާލަމުން އައިސް މާހިލް ކައިރީގައި ހުއްޓުނެވެ.

"މިދަނީ ފުރަން. ދޮންތަ ނިޔާވެއްޖެ. ކުއްލި މަރެއް… މާޔާވެސް ގޮވައިގެން މިދަނީ…" ޝާނިމް ބުނެލިއެވެ. މާހިލް އިސްއުފުލާ ޝާނިމްއަށް ބަލައިލިއެވެ. ރަތްވެފައިވާ މާހިލްގެ ދެލޯ ފެނުމުން ޝާނިމްގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.

"އިންނާﷲ ވައިންނާ އިލައިހި ރާޖިޢޫން" މާހިލް ތެދުވެ ޝާނިމްގެ ހަށިގަނޑުގައި ބައްދައިލިއެވެ.

"އަހަރެންގެ ވަރަށް ސަލާމް ގޭ އެންމެންނަށް. އެއްވެސް އެހީއެއް ބޭނުންވިއްޔާ ނުބުނެ ނުހުންނާތި އިނގޭ" މާހިލް ބުނެލިއެވެ.

"ޝުއަރ.. އެކަމު ހުރިހާ ކަމެއް ރަނގަޅުތަ؟" މާހިލް ހުރިގޮތުން ޝާނިމްއަށް ސުވާލު ނުކޮށް ކެތްނުވީއެވެ.

"ރަނގަޅު އަދި…" ހީލަމުން މާހިލް ބުނެލިއެވެ. އޭރު ކޮނޑުގައި ދަބަހެއް އަޅުވައިގެން އަމާޔާ އައިސް ހުއްޓިއްޖެއެވެ.

"މާހިލް ސަރ…!! ކޮބާ އެވީ…؟ ވަގުތެއްވެސް ނެތް. އެވީއަށް ހުރިހާ އެއްޗެއް ކިޔާދެއްޗެ" އަމާޔާ ބުނެލިއެވެ. މާހިލް ހީލަމުން ބޯޖަހައިލިއެވެ.

އަޞުރު ނަމާދަށްފަހުވެސް މާހިލް އިނީ ސޯފާގައެވެ. އާވާ ކުރިމައްޗަށް ކޮޓަރިއަށް ދާނެހާ ހިތްވަރެއް އޭނާގެ ނެތީއެވެ. މެންދުރު ކާންވެސް އާވާ ތިރިއަށް ނުފައިބައެވެ. އެކަމާވެސް މާހިލް ހުރީ ކަންބޮޑުވެފައެވެ. އެންމެފަހުން އޭނާ ތައްޓަކަށް ތިން ރޮށްޓާއި ކުޅިމަސް ކޮޅެއް ލައިގެން ސިޑިން އަރައިގެން ދިޔައެވެ.

އެނދުގައި ބަންޑުން އޮތް އާވާ ފެނިފައި މާހިލްގެ ހިތުގައި ރިއްސައިގަތެވެ. މިފަދަ ހާލަތެއްގައި ފިރިމީހާ ދެކެ ހަޤީޤީ ލޯބިވާ ކޮންމެ އަންބެއްގެ ހާލަކީ އެއީކަން މާހިލްއަށް ވިސްނެއެވެ. މާހިލް ގޮސް އާވާ ކައިރީގައި އިށީނެވެ. އަތްމަތީގައި ހުރި ކާއެއްޗެހި ތަބަށް ބެހެއްޓީ އެނދުމަތީގައެވެ.

"އެވީ…!" މާހިލް ގޮވައިލިއެވެ. އާވާ އަޅައެއް ނުލިއެވެ. އާވާ އޮތީ މާހިލް އާއި ވީ ދިމާލަށް ފުރަގަހަށް ވާގޮތަށެވެ.

"އެވީ…!!މިކޮޅަށް އެނބުރިބަލަ" ވަގުތުން އާވާ މާހިލް އާ ދިމާލަށް އެނބުރިލިއެވެ. އަދިވެސް އެއީ އޭނާގެ ފިރިމީހާ ކަން އޭނާ ހަނދާން ނުނެތެއެވެ.

"ސޮރީ. ބަނޑުހައިވީ ދޯ… ބޮލުގައި ރިއްސައިގަތް ވަރުން އޮވެވުނީ. ކާންހަދަން މިދަނީ" އާވާ އެނދުން ތެދުވަން އުޅުނެވެ. އޭނާ މަޑުޖެހުނީ މާހިލް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.

"އެވީ… އަހަރެން އަމިއްލައަށް ކޮއްތުމީއެއް ހަދައިގެން ކައިފިން. އެވީ ކާންވީނުން. މިއަދު އަދި އެކައްޗެއްވެސް ނުކަމެއްނު" މާހިލް ބުނެލިއެވެ. މާހިލްގެ އަޑުގައިވަނީ އޯގާތެރިކަމެވެ. އެހެންވިޔަސް އެ އަޑު ޖެހުމުން މިފަހަރު އާވާ އިތުރަށް ދެރަވުން ނޫން ކަމެއް ނުވިއެވެ.

އާވާ ކާއެއްޗެހި ތަބަކާ ދިމާލަށް ބަލައިލިއެވެ. އަމިއްލައަށް ކާންފެށި އިރު މާހިލް އިނީ ބަލަހައްޓައިގެންނެވެ. އާވާ އިސްވެ ވާހަކަނުދައްކާނެކަން އިނގުމުން މާހިލް ދާން ތެދުވިއެވެ. އާވާގެ އެދުރުކަން އޭނާ ތަޙައްމަލްކުރާނީ ކިހިނެއް ހެއްޔެވެ؟

"މާހިލް…!" އާވާ ގޮވައިލުމުން މާހިލް ހުއްޓުނެވެ.

"ކޮންގޮތެއް ނިންމާނީ؟ މިބުނީ އިޝް…އިޝީ…" އާވާއަށް ޖުމްލަ ފުރިހަމަކުރަން އުނދަގުވިއެވެ.

"ތިވާހަކަ އެވީ ނުދައްކާނީ އަހަރެން ކިހިނެއް ހެދީމަ. އަހަރެންގެ ހަޔާތަށް އިތުރު އަންހެނަކު ގެންނާނެ ވަގުތެއް އައިއްސިއްޔާ އެވީ ނުބުންޏަސް އަހަރެން އެކަން ކުރާނަން" މާހިލް ބުނެލިއެވެ. މާހިލް ކޮޓަރިން ނިކުތުމާއެކު އަނެއްކާވެސް އާވާއަށް ރޮވިއްޖެއެވެ.

ހަވީރު އާވާ ކޮޓަރިން ނިކުތްއިރު މާހިލް އިނީ ސޯފާގައެވެ. ޓީވީ ނިއްވާލައިގެން އިނުމުން އާވާއަށް ހައިރާންކަމެއް ލިބުނެވެ. މާހިލްގެ ސިކުނޑީގައި ކަންތައްގަނޑެއް އެނބުރެމުންދާކަން އޭނައަށް އިނގުނެވެ. އޭނާ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހުމުން އެއްފަހަރު މާހިލް އެދިމާލަށް ބަލައިލިއެވެ. އާވާ ބަދިގެއަށް ވަދެ ފެން ހޫނުކުރާ ޖަގު ޖެއްސިއެވެ. ކޮފީ ތައްޓެއް ހަދާފައި މޭޒުމަތީގައި ބެހެއްޓުމަށްފަހު އެނބުރިލީ މާހިލްއަށް ކަމުދާ ބިސްކޯދު ނެގުމަށެވެ. އޭނާ އެނބުރިލިއިރު މާހިލް މޭޒު ކައިރީގައި އައިސް ހުއްޓިއްޖެއެވެ.

"އެވީ ސައިނުބޮންތަ؟" މާހިލް އަހައިލިއެވެ.

"ބަނޑުހައެއްނުވޭ" އާވާ ބުނެލިއެވެ.

"އެހެންވިއްޔާ އަހަރެން ސައިބޮންދެން މިތަނުގައި މަޑުކޮށްލާފާނަންތަ؟" މާހިލް އެދުނެވެ. އާވާ ދެބަހެއް ނުބުނެ މާހިލް ކުރިމަތީގައި އައިސް އިށީނދެއްޖެއެވެ.

"ކާކަށް މާވަރަކަށް ތިގުޅަނީ؟" އާވާ ފޯނާ ކުޅެން އިނުމުން މާހިލް އަހައިލިއެވެ.

"މާޔާއަށް. ސައިބޯންވެސް ނުފައިބާތީ. ވީގޮތެއް ބަލައިލަން" އާވާ ބުނެލިއެވެ. އޭނާ ވާހަކަދެއްކީ މާހިލްގެ މޫނަށް ބަލައިނުލައެވެ.

"އެމީހުން ވަރަށް ކުއްލިގޮތަކަށް ފުރައިފި. ޝާންގެ ދައްތަ ނިޔާވީ" މާހިލް ބުނެލިއެވެ. އާވާ ކުއްލި ސިހުމަކާއެކު މާހިލްގެ މޫނަށް ބަލައިލިއެވެ.

"ކޮންއިރަކު؟ އިންނާލިﷲ ވައިންނާ އިލައިހި ރާޖިޢޫން" މަޑުމަޑުން އާވާ ބުނެލިއެވެ.

"މާޔާ ބުނި އެވީ ކައިރީގަ ބުނެލައްޗޭ. ވަރަށް އަވަސް އަރުވާލާފަ ދެކުދިން ތިބީ" މާހިލް ބުނެލިއެވެ ފަހުން އާވާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ސައިބޮއެ ނިމިގެން މާހިލް ތެދުވެގެން ދަންދެން އާވާ މަޑުކޮށްގެން އިނެވެ.

ގޭތެރެއަށް ވަދެގެން އައި ނާސިހް ސޯފާގައި ޖައްސައިލުމަށްފަހު ޓީވީ ހުޅުވާލިއެވެ. ކަރުހިއްކައިގަނެފައި ހުރުމުން އެއްފަހަރު ބަދިގެއާއި ދިމާލަށް ބަލައިލިއެވެ. ފަލަކްނާޒް ކައިރީގައި ފެން ގެންނަން ނުބުނަން ވެގެން އޭނާ އަމިއްލައަށް ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ.

އުނދުން ކައިރީގައި ރޮށި ފިހަން ހުރި އަނުމް ފެނިފައި ނާސިހްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަނުމްއަށް ނާސިހް ފެނުނީ ވަދެގެން އައިސް އޭނާގެ ކައިރީގައި ހުއްޓުނު ފަހުންނެވެ.

"ބައްޕަ…! ހާދަ ނުގަޑިއެއްގަ… އަދި ބަންގިވެސް ނުގޮވައެއްނު. ފިހާރަ ބަންދުކުރީތަ؟" އަނުމް އަހައިލިއެވެ.

"ރާޖޫ ބައިންދާފަ ބައްޕަ ފާހާނާއަކަށް އައީ. ވަރުބަލި ފިލުވާލަން މަޑުކޮށްލާފަ މިތަނަށް ފެންފޮދެއް ބޯން މިއައީ" ނާސިހް އޮޅުންފިލުވައިދިނެވެ. އުނދުން މަޑުކޮށްލާފައި އަނުމް ދެއަތް ދޮވެލައިގެން ގޮސް ބިއްލޫރި ތައްޓަކަށް ފެން އަޅާފައި ނާސިހަށް ދިއްކޮށްލިއެވެ.

"ދަރިފުޅު ރަނގަޅުތަ؟ މިއަދު ކެއިންތަ؟…" އަނުމް އަތަށް ތަށި ދިއްކޮށްލަމުން ނާސިހް އަހައިލިއެވެ.

"އަލްހަމްދުﷲ. ވަރަށް ރަނގަޅު. ސޮރީ ބައްޕާ… އެދުވަސްކޮޅު އެހެން އުޅެވުނީމަ" އަނުމް ބުނެލިއެވެ.

"ބައްޕަ ވަރަށް އުފާވެއްޖެ. ބައްޕަގެ ހުރިހާ ޓެންޝަނެއް ފިލައިގެން ގޮށްސި… ހާދަ ވަރަކަށް ރޮށި ތި ފިހަނީ" އަނުމްގެ ބޮލުގައި ފިރުމާލަމުން ނާސިހް އަހައިލިއެވެ.

"އެއީ އާރިޔަން ބުނީމަ. އާރިޔަން ބުނީ މިރޭ ވަރަށް މީރު އެއްޗެއް ކައްކައިދޭށޭ. އެހެންވެ މިއުޅެނީ ކުރަނޑި ހަދަންވެގެން. ބައްޕަ ވާނެ އިޝާނަމާދު ފަހުން އަވަހަށް ގެއަށް އަންނަން" އަނުމް އަލުން އުނދުން ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

ނާސިހަށް އަނުމްގެ މޫނަށް ބަލަހައްޓައިހެން ހުރެވުނެވެ. އާރިޔަންގެ ނަން ކިޔާލި ވަގުތު އަނުމްގެ އަޑަށް ވެރިވި ޖޯޝާއި، ދެލޮލުން ފެނުނު ވިދުން ބައްޕައެއް ކަމަކު ނާސިހަށް ސިއްރެއް ނުވިއެވެ. ފުރަތަމަ ފަހަރަށް ނާސިހްގެ ހިތުގައި ވާހަކަތަކެއް ދެކެވިއްޖެއެވެ. އަނުމް ކޮޓަރިން ބޭރަށް އެނެރުނީ އާރިޔަންގެ މަސައްކަތުންކަން ނާސިހަށް އިނގިއްޖެއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ ބަދިގެއިން ނިކުންނަން ދިޔައިރު ދޮރުމަތީގައި ހުރި ފަލަކްނާޒް ފެނި ހުއްޓުނެވެ. ބަހެއްނުކިޔާ އޭނާ ނިކުމެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ފުރިޖު ކައިރީގައި ފަލަކްނާޒް ހުރިކަން އިނގޭ އިރުވެސް އަނުމް އަޅާވެސްނުލާ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ކޮންމެ އަތްލި ހުރި ތަނުގައި ބަހައްޓަމުން ދަނީ ބާރަށެވެ. އަނުމް ކައިރިއަށް ހިނިއައި މަންޒަރު ފެނުމުން ފަލަކްނާޒްގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. އެހެންކަމުން އޭނާ ފުރިޖު ދޮރު ވަރަށް ބާރަށް ލެއްޕިއެވެ.

"އާހް… މަންމާ… އަހަރެންނަށް ވަރަށް ތަދުވެއްޖެ" ރޮށި ފިހެ ނިމި އެ އެއްޗެއް ހުންނަ ތަނެއްގައި ބަހައްޓަމުން އަނުމް ބުނެލިއެވެ.

"އާނ… އެހެންޏަ… ބުނަންތަ އެއީ އަހަރެންގެ ބައްޕަ ހޯދާފައި ހުރި އެއްޗެހި. އެ އެއްޗެހި ހަލާކުކުރަން އުޅޭނެކަމެއް ނެތް" އަނުމް ބުނެލިއެވެ. ވައިސޫރިއެއްހެން ފަލަކްނާޒް އައިސް ޖެހުނީ އަނުމްގެ ފައި ބުޑުގައެވެ.

"ބަލަ. އެއީ އަހަރެންގެ ފިރިމީހާ. އަހަރެންނަށް އަތްނުލެވޭނެ އެއްޗެއް ނުހުންނާނެ. އަދި ބުނެފިއެއްނު އާރިޔަންއަށް މީރު އެއްޗެއް ކައްކަނީ އޭ" ފަލަކްނާޒް އަނގަ ހަދައިލަމުން ބުނެލިއެވެ.

"ހެހެހެ… މަންމައެއް ކަމަކު ހާދަ ޖޭ ވެއޭ ދޯ… އަހަރެން ސުވާލެއް ކޮށްލަންތަ؟ ތިއީ ކޮންކަހަލަ މަންމައެއް؟ ޒުވާން ފިރިހެން ދަރިއެއްގެ އުފާތަކަށް ހުރަސް އަޅައިގެން ކޮން ފައިދާއެއް ވަނީ؟ ތިއީތަ މަންމައިން ދަރިން ދެކެވާ ލޯތްބަކީ…؟" އަނުމް ވާހަކަދައްކަމުން ދިޔައެވެ.

"އޭ ބުނަންތަ ވާހަކައެއް؟ އަހަރެންގެ ދަރިންނަށް ރަނގަޅު ގޮތް އަހަރެންނަށް ވުރެ ބޮޑަށް އިނގޭނެ އެއްވެސް މީހަކު ނުހުންނާނެ" ފަލަކްނާޒް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"އެކަމަކު މިފަހަރު މޮޅު ލިބޭނީ އަހަރެންގެ ކޮޅަށް. ގޯލު ކާމިޔާބު ކުރާނީ އަހަރެން. މިރޭ އަހަރެން މިތައްޔާރުކުރާ ކާއެއްޗެހި އާރިޔަން ކާނެ" އަނުމް ބުނެލިއެވެ.

"އަހަރެން ބަލާނަން ތިއެއް. ތިހުރިހާ ކާއެއްޗެއް މިރޭ މިހިރަ ޑަސްބިނުން ނުފެނިއްޖިއްޔާ މަގޭ ނަންވެސް ބަދަލުކުރާނަން" ފަލަކްނާޒް އަތުގައި އޮތް ސަމްސާ މޭޒު މައްޗަށް ޖަހާފައި ބަދިގެއިން ނިކުތެވެ. އަނުމް ހީލައިގެން ހުރިއިރު އާރިޔަންގެ ލޯތްބާމެދު އޭނާގެ ހިތުގައި އޮތް ޔަޤީންކަން ވަރަށް ވަރުގަދައެވެ.

އާވާ ވުޟޫ ކޮށްލައިގެން ނިކުތްއިރު ބެލްކަނިން މާހިލް ވާހަކަދައްކާ އަޑު އިވެމުން ދިޔައެވެ. އާވާ މަޑުމަޑުން އެދިމާލަށް ދިޔައީ މާހިލްއަށް އޭނާ ޝައްކުކުރާތީއެއް ނޫނެވެ. މާހިލްގެ އަޑު މަޑުވަމުންދާހެން ހީވުމުންނެވެ.

"އާވާއަށް ގުޅާފައި މޮޅެތި ވާހަކަދެއްކުމުގެ ބޭނުމަކީ ކޮބާ…؟ އަހަރެން ބުނިންތަ ބައްދަލުނުކުރާނަމޭ އެއްފަހަރުވެސް" މާހިލް ބުނާއަޑު އާވާއަށް އިވުނެވެ. އޭނާ ފައި ހީވީ ހުރި ހިސާބުގައި ތަތްލި ހެންނެވެ. މާހިލް ވާހަކަ އެދައްކަނީ އޭނާގެ ސިއްރު ލޯބިވެރިޔާއާއި ހެއްޔެވެ؟ އާވާއަށް މޭގައި އަތްއަޅާލެވުނެވެ.

"އެންމެރަނގަޅު. މިރޭ އަހަރެން ބައްދަލުކުރާނަން. އެކަމަކު ހަނދާންކުރާތި…." މާހިލް އެނބުރިލިއެވެ. ކުރިމަތީގައި ހުރި އާވާ ފެނުމުން މާހިލްއަށް އެންމެ ބަހެއްވެސް ނުކިޔުނެވެ. އޭނާގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ. އާވާގެ ކަރުނުން ފުރިފައިވި ދެލޯ ފެނި މާހިލްގެ ހިތް ރޮއެގަތެވެ.

"އެވީ…!" ފޯނު ކަނޑާލާފައި މާހިލް ބުނެލިއެވެ.

"ބަންގި ގޮވައިފި. މިދަނީ ނަމާދުކުރަން" އާވާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ.

މުސައްލަ މަތީގައި އާވާ ހުއްޓެންދެން ބަލަހައްޓައިގެން މާހިލް އެނދުމަތީގައި އިނެވެ.

"އެވީ…" ވަރަށް ހިތްވަރުކޮށްފައި މާހިލް ގޮވައިލިއެވެ.

"ކިހިނެއްވީ މާހިލް؟" އާވާ އަހައިލިއެވެ.

"މަޑުކޮށްލަންވީނުން. އަހަރެން މިއަންނަނީ ވުޟޫކޮށްލައިގެން. ދެކުދިން އެކީގަ ނަމާދުކޮށްލަން" މާހިލް ބުނެލިއެވެ.

"މާހިލްއަށް ކަމެއް ވާނީ ތިކުރަން އުޅޭ ކަންތައް ކޮށްނިމުނީމައެއްނު. އަހަރެން ވަކިން ކޮށްލާނަން" އާވާ ވާހަކަދެއްކިއެވެ. އިތުރަށް ބުނާނެ އެއްޗެއް މާހިލްއަށް ނޭނގުނެވެ. އާވާ ނަމާދުކުރާތަން ބަލަހައްޓައިގެން އިންއިރު މާހިލް އިނީ ހަދާނެގޮތް ހުސްވެފައެވެ. ނައިޝީ ބުނި ފަދައިން އޭނާ ކުރަންއުޅޭ ކަންތައްތައް އެދަނީ ކާމިޔާބު ކުރަމުންނެވެ.

އޭނާ ބާލީސްމަތީގައި ބޯއަޅާލިއިރު ބޮލުގައި ރިއްސަން ފަށައިފިއެވެ. އޭނާ ހަދާނެ ގޮތް ހުސްވެ ސިކުނޑި ސުމަކަށް ގޮށްސިއެވެ. ކޮންމެހެންވެސް އޭނާ މިރޭ ނައިޝީ އާ ބައްދަލުކުރަން ޖެހޭނެއެވެ. އެހެންނޫނީ ނައިޝީ ކުރާނެ ކަމެއްވެސް އިނގެނީއެއް ނޫނެވެ. އިތުރަށް އާވާއަށް ދޮގެއް ހަދަންވެސް ބޭނުމެއްނުވެއެވެ. ތެދެއް ހަދައިގެން އާވާގެ އުފާވެރިކަން ވެއްޔާއި މޮޑެލާނީވެސް ކިހިނެއް ހެއްޔެވެ؟

"މާތްކަލާކޮ… އަހަރެން ދެން ކިހިނެއް ހަދާނީ" މާހިލް ހިތާހިތުން ކިޔައިލިއެވެ.

އާވާ ނަމާދުން ފޭބިއިރު މާހިލް އޮތީ އޮށޯވެގެންނެވެ. ދެލޯ މެރިފައި އޮތްއިރު އެމޫނަށް ބަލަހައްޓައިގެން އާވާއަށް ހުރެވުނީ ބަސްހުއްޓިފައެވެ.

"މާހިލް…! ތިއޮތީ ނަމާދުވެސް ނުކޮށެއްނު. ނަމާދުކޮށްގެން އާދޭ ކާން. މިދަނީ ކާން ހަދަން" އާވާ ބުނެލިއެވެ. އާވާ އެހާ ރީތިކޮށް ވާހަކަދައްކާފައި ދިޔުމުން މާހިލްއަށް އޮވެވުނީ ބަލަހައްޓައިގެންނެވެ. އެހެން އަންހެނުންނާ އާވާ ހާދަހާ ތަފާތެވެ. އެހެން އަންހެނެއްނަމަ މިހާރު ގަޔަށްބޮލަށް އަރާ ހިސާބަށް ކަންތައް ދުއްވާލައިފާނެއެވެ. ފިރިމީހާގެ ބޮލަށް އުނދަގުވާވަރަށް ހަޅޭއްލަވައި ގަނެފާނެއެވެ. މުޅި ގޭތެރޭގެ މަސްލަހަތު ގެއްލޭވަރު ކުރާނެއެވެ. އާވާ ހާދަ ކެތްތެރިއެވެ. އެކަހަލަ އަންބެއް ލިބޭނީ ނަސީބުވެރިޔަކަށެވެ.

"ސޮރީ އެވީ… އަހަރެންނަކީ ކުށްވެރިއެއް. އަހަރެންނަށް ގޯސްތަކެއް ހެދިއްޖެ. އަންހެނެއް އަހަރެންގެ ދިރިއުޅުމަށް ޒަހަރު ލައިފި. ހުރިހާވެސް މައްސަލައަކީ އަހަރެން. އޭނަގެ ދިރިއުޅުން އަހަރެން ކުޅިވަރަކަށް ހެދީމަ ވީގޮތް މީ" މާހިލް އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.

އާރިޔަން ކާމޭޒު ކައިރީގައި އިށިންތަން ފެނުމުން ފަލަކްނާޒް ހީވީ ތަނުގައި ބޮމެއް ގޮށްވާލި ހެންނެވެ. މާދުރުގައި ހުރެފައި އައިސް ކާމޭޒު ކައިރީގައި ހުއްޓިއްޖެއެވެ. އާރިޔަން ހަމަ އަޅާވެސްނުލާ އިނެވެ. އަނުމް ދިއްކޮށްލި ތަށީގައި ހިފި ވަގުތު ދެކުދިން ބަދަލުކޮށްލި ހިނިތުންވުން ފެނި ފަލަކްނާޒް މޭނުބައިކޮށްގަތެވެ.

"އާރިޔަން….!!" ފަލަކްނާޒް ބާރަކަށް ގޮވައިލިއެވެ. ނާސިހާއި އާރިޔަން ސިހިފައި ފަލަކްނާޒަށް ބަލައިލިއެވެ.

"ކިހިނެއްވީ ނާޒް…؟" ނާސިހް ބުނެލިއެވެ. އެތަނުގައި ނާސިހް އިންކަން އޭނާއަށް އިނގުނީވެސް އަދި ކިރިޔާއެވެ.

"ކަ…. ކަމެއްނުވޭ. ދެންމެގަ ހަމްނާގެ ފޯނެއް އައީ. މާކުރިންވެސް އާރިޔަން ކައިރީގައި ބުނެފަޔޯ އޮންނާނީ އެގޭގައި މިރޭ ޑިނަރއެއް އޮތް ވާހަކަ. އެމަންޖެގެ ބައްޕަ އެބައިނޯ މަޑުކޮށްގެން އާރިޔަން އަންނަންދެން" ފަލަކްނާޒް ވާހަކައެއް ހަދައިލިއެވެ.

"ސޮރީ މަންމާ… މިތާ މިހުރި ކާއެއްޗެހީގެ ރަހަ ކަރުބުޑުގައި ލައިފި. މިތަނުން ކާން ބޭނުމީ" އާރިޔަން ބުނެލިއެވެ. ފަލަކްނާޒް ވަރުގަދައަށް ދެލޯ އަޅައިލުމުންވެސް އާރިޔަންއަށް އެއްވެސް އަސަރެއް ނުކުރިއެވެ.

"ތިއީ ގޮތެއްތަ؟ ކައިވެނިކުރަން ރަންކިޔާފަ އާރިޔަން ހިތުހުރި ގޮތަކަށް ކަންތައްކުރެވޭތަ؟" ފަލަކްނާޒް ކިޔައިގަތެވެ.

"ކާކު ރަންކިއީ…؟ ކޮންއިރަކު…؟" އާރިޔަން ބުނެލިއެވެ. ފަލަކްނާޒަށް ހީވީ މީހަކު ކަންފަތްމަތީގައި އެތިފަހަރެއް އަޅުވާލި ހެންނެވެ. ނާސިހްވެސް ހައިރާންކަމާއެކު އެއްފަހަރު އާރިޔަންއަށް އަނެއްފަހަރު ފަލަކްނާޒަށް ބަލަމުން ދިޔައެވެ.

"ކޮންފާޑަކަށް ވާހަކަ ތިދައްކަނީ… ކައިވެނިކުރަން ތިރީސް ރުފިޔާއަށް އެމަންޖެ ރަންކިއި ކަމެއް އާރިޔަންއަށް ނޭނގޭތަ؟ ނޫނީ ނޭނގޭކަމަށް ހަދަނީތަ…؟" ފަލަކްނާޒް ބުނެލިއެވެ.

"ނުދެނަހުރިން… ރަންކިޔުއްވަން އެގެއަށް މީހުން ފޮނުވީ މަންމައެއްނު. އެރޭ މަންމަ ކައިރީގަ ނުބުނަންތަ މިކަން ކުރަން ބޭނުމެއްނޫނޭ… ދެން ހުއްޓާލަންވެއްޖެއްނު" އާރިޔަން ވާހަކަދެއްކިއެވެ. އެއްފަރާތުގައި ހުރި އަނުމް ހީލަހީލަ ހުއްޓެވެ.

"އާރިޔަން… އެކަމަކު ދަރިފުޅާ… ތިއީ އެންމެ ރަނގަޅު ގޮތްތަ…؟" ނާސިހް އަހައިލިއެވެ.

"އެންމެފުރަތަމަ ދުވަހުވެސް މަންމަ ކައިރީގައި ބުނިން މިކަން ކުރަން ބޭނުމެއްނޫނޭ. މަންމަ މަޖުބޫރުކުރަނީ" އާރިޔަން މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

"އެއީ ތެދެއްތަ ނާޒް. އާރިޔަން ލައްވާ މިކަމަށް މަޖުބޫރުކޮށްގެން އޭނާގެ ބޮލުގައި ބޮޑު ޒިންމާއެއް އެޅުވުމުގެ ބޭނުމަކީ ކޮބާ؟" ނާސިހް ފަލަކްނާޒާއި ސުވާލުކުރިއެވެ.

"އެއީ ނާސިހް ބަލަންޖެހޭ ކަމެއްނޫން. އޭނަ އެ އުޅެނީ މިހިރަ ފެންނަ އަނުމް އާ ހިތާވެގެން. އަހަރެން ދިރި ދުނިޔޭގައި ހުއްޓާ އެއީ ވާނެކަމެއް ނޫން…" ފަލަކްނާޒް ބުނެލިއެވެ.

ކުއްލިއަކަށް ތަށި ދުރަށްލާފައި ނާސިހް ކޮޅަށް ތެދުވިއެވެ. ނިކުންނަން ހިނގައިގަނެފައި ފަސްއެނބުރި އަނުމްއަށް ބަލައިލިއެވެ. ނާސިހްގެ ރުޅިއައިސްފައި ހުރި ދެލޯ ފެނި އަނުމްއަށް ހިންދިރުވާލެވުނެވެ.

"ފަލަކްނާޒް…..!! ހަމަ މިހާރު ކޮޓަރިއަށް އާދޭ…" ނާސިހް އަޑުހަރުކޮށް ފަލަކްނާޒަށް އެންގިއެވެ.

"މިބުނީނު ހަމަ މިހާރު. ކުރިއަށް މިއޮތް ދެތިން މިނިޓް ތެރޭގައި އަހަރެންނަށް ކޮޓަރިން ފަލަކްނާޒް ނުފެނިޖިއްޔާ އެހިސާބުން އަހަރެންގެ އަނބިމީހާގެ މަގާމުގައި ކަލެއަށް ނީނދެވޭނެ. ހަނދާންކުރާތި" އެންމެފަހުގެ އިންޒާރު ދިނުމަށްފަހު ނާސިހް ހިނގައިގަތެވެ. އަނުމްއަށް ދެލޯއަޅާލުމަށްފަހު ފަލަކްނާޒް ހިނގައިގަތެވެ.

އިރުކޮޅެއްގެ ހިމޭންކަމަށްފަހު އާރިޔަން އަނުމްއަށް ބަލައިލިއެވެ. ދެކުދިން އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"އެހާ ބަނޑުހައިވެގެން ހުރެފައިވެސް ބައްޕަ އެދިޔައީ އެއްވެސް އެއްޗެއް ނުކައެއްނު. ވަރަށް ދެރަވެއްޖެ" އަނުމް މަޑުމަޑުން ބުނެލިއެވެ.

"އަދި ނިކުންނާނެ ކާން" އާރިޔަން ކޮޅަށް ތެދުވެ އަނުމް ކައިރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އަނުމް ފަހަތަށް އެނބުރުނު ވަގުތު އާރިޔަން ހުޝިޔާރު ކަމާއެކު އެއްލި އަތުން އަނުމްގެ އަތުގައި ހިފިއެވެ. އަދި ގާތަށް ދަމާލާފައި އޭނާގެ މޭގައި އަނުމް ތަތްކޮށްލިއެވެ.

"އާރިޔަން… މްމް..މީހަކު އައިސްދާނެ.." އަނުމް ބުނެލިއެވެ.

"ހާދަ ލޯބިކޮށް ތިބުނީ…" ލަދުރަކި ހިނިތުންވުމަކާއެކު އަނުމް އެސްފިޔަތައް ތިރިކޮށްލުމާއެކު އާރިޔަންއަށް ހެވިއްޖެއެވެ. އަނުމްގެ މޫނާއި މޫނު ގާތްކޮށްލާފައި އަނުމްގެ ނޭފަތުކޮޅުގައި އާރިޔަން ބޮސްދިނެވެ.

(ނުނިމޭ)