ކުރީގެ ރައީސް މުހައްމަދު ނަޝީދު

އަޅުގަނޑުމެން މިތިބީ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުުމުގެ ހާލަތުގައި: މަޖިިލިސް ރައީސް

ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުުމުގެ ހާލަތުގައި ރާއްޖެ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިިލިސް ރައީސް މިހެން ވިދާޅުވެފައި މިވަނީ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައި ވަނިކޮށެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނިއުސްކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ހާލަތެއް އަދި ނެތް ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ، އެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތަށް ބަލައި، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުއްވުމާބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިހާރު މިއޮތީ އެހާލަތުގައި ކަމަށެވެ.

އަދި ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ހީނަރު ކަމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށް ވަމުންދާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، މާޗުމަހާ ހަމައަށް ވިޔަފާރީގެ ފައިދާ އާއި ޖީއެސްޓީގެ ފައިދާވެސް ރަނގަޅުކަމަށެވެ. އެހެންކަމން މިއަހަރުގެ ތިން މަސްދުވަހުގެ ފައިދާ ނެގެން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.