ކުރީގެ ރައީސް މުހައްމަދު ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ގާނޫނުގެ ބިލުގެ ބަހުސް އަންނަ ހޯމަދުވަހު ފަށަނީ

އިބްރާހިމް ޒަކީ

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ގާނޫނުގެ ބިލުގެ ބަހުސް އަންނަ ހޯމަދުވަހު ފަށާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އަންނަަ ހޯމަ ދުވަހު ބައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިއުން އިއްވާނެ ކަމަށެވެ.

އެ ބިލަކީ މުހިއްމު ބިލަކަށްވާތީ ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމާއި، ކައުންސެލް ޖެނެރަލް ލަފާދެއްވާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އިންތިހާބު ލަސްކުރުމާމެދު މީގެކުރިން މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުމެއް އޮތް ނަމަވެސް މެންބަރުންގެ ވިސްނުން މިހާރު ހުރީ އިންތިހާބު ފަސް ކުރުމަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެގޮތުން މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނީ ދައުލަތް ހިންގުން މުހިއްމުކަމަށްބުނެ ޕޯސްޓަލް ވޯޓު ނަގައި، މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބާއްވަން މީގެ ކުރިން ބައެއް މެންބަރުން ވިދާޅުވެފައިވާ ކަމަށެވެ. އެއްގޮތަކީ ޑޮކްޓަރުން ދެއްވާފައިވާ ލަފައާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން އިންތިހާބު ބޭއްވުން ކަމަށާއި، ނަމަވެސް ކެމްޕެއިން ޕީރިއަޑެއް އޮންނަން ޖެހޭތީ ދެން އެ ތާރީހުގައި އިންތިހާބު ބޭއްްވޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމަހު ހަތަރެއްގައި ބާއްވަން އޮތް ކައުންސިލް އިންތިހާބު ކޮވިޑް 19 އާ ގުޅިގެން މިމަހު 18 އަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަސްކޮށްފައެވެ. މިހާރު އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުުގެ ހާލަތާ ގުޅިގެން އިންތިހާބު އެއަށްވުރެ ފަސް ކުރަން ޖެހުނު ނަމަވެސް، އެ ބާރެއް ގާނޫނުން އީސީއަށް ލިބިގެން ނުވާ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މަޖިލީހުުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އީސީއާ މަޝްވަރާ ކުރުމަށްފަހު މަޖިލީހުން ހަދާ ގާނުނަކުން އިންތިހާބު ފަސްކުރުމަށް ވަނީ ނިންމައިފައެވެ.

ވަން އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު"ގެ ނަމުގައި އިންތިހާބު ފަސްކުރުމަށް ހުށަހަޅާފައިވާ ބިލުގައި ވަނީ އަންނަ އަހަރުގެ ޖެނުއަރީއަށް އިންތިހާބު ފަަސް ކުރުމަށް ހިމަނައިފައެވެ.