އެސްޓީއޯއިން ދިވެހީންގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނާނީ މިހާރު ބާޒާރުގައި ހުރި އަގަށްވުރެ ރަނގަޅު އަގުގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަމްރު ވިދާޅުވީ އެސްޓީއޯ އިން ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން ނިންމާފައިވަނީ ވިޔަފާރިއެއް ކުރުމުގެ ނިޔަތަކު ނޫން ކަމަށާއި ނަމަވެސް ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ކަމަށެވެ.
ދަނޑުވެރިންގެ އުފެއްދުންތައް އެސްޓީއޯ އިން ގަންނަން ނިންމާފައިވަނީ ރާއްޖޭގެ ދަނޑުވެރިކަން ފުޅާ ކުރުމުގެ ވިސްނުމެއްގައި ކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެތަކެތި ހައްދާމީހުން "އެންކަރޭޖް" ކުރަން ކުރާ ކަމެއް ކަމުން ދަނޑުވެރިން ހައްދާ ތަކެތި ވިއްކާނީ މާކެޓުގައި ހުރި އަގަށްވުރެ ރަނގަޅު އަގެއްގައި ކަމަށް އަމްރު ވިދާޅުވިއެވެ.
އެސްޓީއޯއިން ވަނީ ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން ދަނޑުވެރިން ހައްދާ ތަކެތި ގަތުމަށް އެގްރިސެންޓަރެއް ހެދުމަށް ނިންމައިފައެވެ. އަދި މި އެގްރިސެންޓަރަށް ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.