Close
އެސްޓީއޯ

ރާއްޖޭގައި ހަނޑޫހެއްދި އަދިވެސް ހެއްދޭނެ، ގޮދަން ގަނެގެން ފުށް ހެދުމުގެ ވިސްނުން ވެސް އެސްޓީއޯގެ އެބަހުރި: އަމްރު

މަރިޔަމް ޝަހުދާ

1

ރާއްޖޭގައި ހަނޑޫހެއްދި ކަމަށާއި އަދިވެސް ހެއްދޭނެ ކަމަށް އަދި ގޮދަން ގަނެގެން ފުށް ހެދުމުގެ ވިސްނުން ވެސް އެސްޓީއޯގެ އެބަހުރި މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ހަނޑުލަކީ ރާއްޖޭގައި ހެއްދޭނެ އެއްޗެއްކަން އެނގެން ހުރި ކަމަށެވެ. އެއީ މީގެ ގިނަ އަހަރުތަކެއް ކުރިން ބައެއް މީހުން ރާއްޖޭގައި ހަނޑޫ ހައްދައި، ބަސްތާގައި އެ ވިއްކާފައި ހުރުމުން ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ފަހުން އެކަން ހުއްޓުނީ ދަނޑުވެރިންނަށް އޭގެ އަގު ނުލިބޭތީ ކަމަށް ބެލެވޭ ކަމަށާއި މިހާރު އަނެއްކާވެސް ހަނޑޫ ފަދަ އެއްޗެހި ހެއްދުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ދިވެހި ދަނޑުވެރިން އެފަދަ އެއްޗެހި ހައްދައިފި ނަމަ އެސްޓީއޯއިން އެ އެއްޗެހި ގަންނާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ތިމާވެއްޓަށް ބަލާފައި ރާއްޖޭގައި ރަނގަޅަށް ހެއްދޭނެ ބައެއް ބާވަތްތައް ހުރިކަން އަމްރު ފާހަގަ ކުރެއްވިއެވެ. އަދި ގައުމެއްގެ ގޮތުގައި ކުރިއަރައި ދެވޭނީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ކަމަށާއި ރާއްޖެއިން ބޭރުން ހަނޑޫ އެތެރެ ނުކުރެވި ކާނެ އެއްޗެއް ނެތިފައި ތިބުމަކީ ގޮތެއް ނޫން ކަމަށް އަމްރު ވިދާޅުވިއެވެ.

ޒަރޫރީ ބޭނުމަށް ބޭނުންވާ ތަކެތި ރާއްޖޭގައި ހުރުމަކީ މުހިއްމުކަމެއް ކަމަށް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ ގޮދަން ގަނެގެން ފުށް ހެއްދުމުގެ ވިސްނުމެއް ހުރި ކަމަށެވެ. މިހާރު ރާއްޖެއަށް ފުށް ގެންނަނީ ގޮވާމުން ބަޔަކު ފުށް ހައްދައި، އެ ބަސްތާ ކުރީމަ ކަމަށާއި ނަމަވެސް އެސްޓީއޯގެ ވިސްނުން ހުރީ ގޮވާން ގަނެގެން ރާއްޖޭގައި ފުށް ހެއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިއީ ކުރިން އެކަމާ ގުޅިގެން ވާހަކަ ދެކެވިފައި ހުރި ކަންކަން ކަމަށާއި އަދި މިއަހަރަށް ރާވާފައި ހުރި އެތައް ކަމެއް ކޮވިޑް 19ގެ ސަބަބުން މަޑު ޖެހުނު ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟