Close
އެސްޓީއޯ

ދިވެހި ހުރިހާ އުފެއްދުންތައް ގަންނަން ނިންމައި، ދަނޑުވެރީން ރަޖިސްޓްރީ ވުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފި

1

ދިވެހި ހުރިހާ އުފެއްދުންތައް ގަންނަން ނިންމައި، ދަނޑުވެރީން ރަޖިސްޓްރީވުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފި އެވެ.

އެސްޓީއޯ އާއި އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ ސީނިއާ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު އިހުސާނު ވަހީދު ވިދާޅުވީ އެކުންފުނިން މުދާ ގަންނާނީ ދަނޑުވެރިއެއްގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އަތުން ކަމަށެވެ،

އެގޮތުން އެކަމަށް ބޭނުންވާ ފޯމު އެސްޓީއޯގެ ވެބްސައިޓުގެ އިތުރުން އަތޮޅުތަކުގައި ހުރި އެސްޓީއޯގެ ފިހާރަތަކާއި ފާމަސީތަކުން ލިބޭނެ ކަމަށާއި އަދި އެ އައުޓްލެޓްތަކަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އޭގެ އިތުރުން ވައިބާ މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް ވިދާޅުވިއެވެ.

އިހުސާނު ވިދާޅުވީ ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާތާ ތިން ދުވަސް ތެރޭގައި ފޯމު ޕްރޮސެސްކޮށް، ކޮންމެ ދަނޑުވެރިއަކަށް ދަނޑުވެރިކަމުގެ އައިޑީއެއް ހުށަހަޅާނެ ކަމަށެވެ.

ދަނޑުވެރިންގެ އަތުން މުދާ ގަންނަ ގޮތުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ، ދަނޑުވެރިން ގޮވާން ހެއްދުމަށްފަހު ވަކި ލޭބަލެއް ޖެހުމަށްފަހު ބަންދުކުރަން ޖެހޭނެ ކަމަށެވެ. އަދި ދޯންޏަށް މުދާ ލޯޑުކޮށް، މުދާ ލޯޑުކުރި ދޯންޏާއި މުދަލުގެ އަދަދާއި ދޯނި ފުރާ ގަޑި އެކަމަށް ހާއްސަކޮށްގެން ގެންގުޅޭ ވައިބާ ނަމްބަރަށް އަންގަން ޖެހޭނެ ކަމަށާއި އެއަށްފަހު ދޯނިން އެސްޓީއޯއަށް މުދާ ގެނެސްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، އެސްޓީއޯއިން މުދާ ބަލައިގަންނާނީ ރަނގަޅަށް ހުންނަ މުދާ ކަމަށާއި ހަލާކުވެ ހުންނަ މުދާ ބަލައި ނުގަންނާނެ ކަމަށެވެ. އަދި މުދާ ލިބުމުން މުދާ ކިރާ، ދަނޑުވެރިއާއަށް ލިބޭ އާމްދަނީ މެސެޖަކުން އަންގާނެ ކަމަށާއި އަދި އެ ފައިސާ ދެ ދުވަސް ތެރޭގައި ދަނޑުވެރިއާގެ އެކައުންޓަށް ޖަމާ ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟