މަޓާޓޯ

މަޓާޓޯގެ އޭޖީއެމް ބާއްވައި އާ ރައީސަކު އިންތިހާބު ކޮށްފި

މުހައްމަދު އައުޒަމް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އަހަރީ އާއްމު ޖަލްސާ ބާއްވައި އާ ރައީސަކު އިންތިހާބު ކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މަޓާޓޯގެ އޭޖީއެމް ޝަރަފްވެރި ކޮށްދެއްވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއެވެ.

މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި އެއެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ ސުއޫދު ވަނީ ކުރިއަށް އޮތް ދައުރުގެ ރައީސް ކަމަށް އިންތިހާބު ކޮށްފައެވެ. އަދި މަޓާޓޯގެ ނައިބު ރައީސްގެ މަގާމަށް އަބްދުﷲ ގިޔާސް ވަނީ އިންތިހާބު ކޮށްފައެވެ. މިޖަލްސާގައި ވަނީ މަޓާޓޯގެ ބޯޑަށް ބޮޑު ބަދަލެއް ގެނެސް އާ މެމްބަރުން އިންތިހާބު ކޮށްފައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިދައުރުގެ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވަނީ މަޓާޓޯގެ ކާމިޔާބީގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ. އަދި ރައީސް ކަމުގައި ހުންނެވި އިރު އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް ޝުކުރުދަންނަވާފައިވެއެވެ.

މި ޖަލްސާގައި މަޓާޓޯގެ އަހަރީ ރިޕޯޓު ހުށަހަޅުއްވަމުން މަޓާޓޯގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް މުނާޒް ވަނީ 2017 ވަނަ އަހަރު މަޓާޓޯގެ މަސައްކަތް ކުރިއަށް ގެންދިޔަގޮތުގެ މައުލޫމާތު ދީފައެވެ. އަދި ވޭތުވެދިޔަ އަހަރު މަޓާޓޯއަށް ލިބިފައިވާ ކާމިޔާބީތަކާއި މަޓާޓޯއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގޮރާމްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ.

މިޖަލްސާގައި މަޓާޓޯގެ ގަވާއިދުތަކަށް ގެނައި ބަދަލުތަކާ މެދު މެމްބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓު ވަނީ ނަގައިފައެވެ.

މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި ވަނީ ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން މަޓާޓޯއަށް އެހީތެރިވެދިން ފަރާތްތަކަށް އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ އަރުވައިފައެވެ.

މަޓާޓޯ އަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ޓުއަރިޒަމް ސިނާއަތުގައި ހިމެނޭ ޖަމިއްޔާތަކާއި ގުޅިގެން ޓުއަރިޒަމް ކުރިއަރުވަން ގިނައަދަދެއްގެ ޕްރޮގްރާމްތައް ހިންގަމުންދާ ޖަމިއްޔާއެކެވެ. މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި ގިނައަދަދެއްގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.