އެއްގައުމުން އަނެއް ގައުމަށް އަދި ގައުމުތަކުގެ ތެރޭ މުދާ އުފުލުން ވެސް ކޮވިޑްގެ ސަބަބުން ހުއްޓިއްޖެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަމްރު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކުގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.
އަމްރު ވިދާޅުވީ ރާއްޖޭގައި އިގްތިސާދު ފުޅާކޮށް އެހެން ސިނާއަތްތަކަށް ވަންނަން ޖެހޭ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކަ އެއް ކަމަށެވެ. އަދި ފަތުރުވެރިކަމަށް ރާއްޖޭގެ އިގްތިސާދު ބަރޯސާވެފަ އޮތްއޮތުން ބަދަލު ކުރަން ޖެހޭ ވާހަކަ އަބަދުމެ ދެއްކި ނަމަވެސް އެކަމުގެ މުހިއްމުކަން ފެންނަނީ އަދި ކިރިޔާ ކަމަށް އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ އިމްޕޯޓަށް ބަރޯސާވެފަ އޮތް އޮތުމަށް ބަދަލު ގަންނަން ޖެހޭ ވާހަކަ އަކީވެސް އަބަދު ދައްކާ ވާހަކައެއްކަން އަމްރު ވިދާޅުވިއެވެ. އަދި މިކަމުގެ މުހިއްމުކަން ރަނގަޅަށް ސާފުމިވީ މިއަދު ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަން އިނދަ ޖެހިފައިވާ ކަމަށެވެ. އެއް ގައުމު އަނެއްގައުމުގެ ދެމެދުގައި މުދާ އިމްޕޯޓު އެކްސްޕޯޓު ކުރުން ހުއްޓުމަކަށް އައިސްފައިވާކަމަށް އަމްރު ވިދާޅުވިއެވެ. އަދި ގައުމުތަކުގެ އެތެރޭގައި މުދާ އުފުލުމަށްވެސް ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ހަގީގަތަކަށް ވެގެން ދަނީ ކުރިން ފެށިގެން ދައްކަމުން އައި ވާހަކަ ތައް ކަމަށް އަމްރު ވިދާޅުވިއެވެ. އަދި މިކަމުގެ ހައްލަކަށް ވާނީ އެގައުމެއްގައި ތިބި މީހުންނަށް އެގައުމަކުން ހައްދާ އެއްޗެހިން އުޅެވޭ ފެންވަރަށް ފުއްދުންތެރިކަން އިތުރު ވެގެން ކަމަށް އަމްރު ވިދާޅުވިއެވެ.