(09 އޭޕްރީލްގެ އަދަދާއި ގުޅޭ)
މުސްލިމް ރަސްރަސްކަލުން އެބޭފުޅުންގެ ވެރިކަމުގެ ދަށުގައި ތިބި ޣައިރު މުސްލިމުންނާމެދު ޢަމަލުކުރައްވައިފައިވަނީ ވަރަށް ދީލަތިފުޅުކޮށެވެ. މުސްލިމުންގެ ޢިލްމީ ތަރައްޤީގެ އަސަރު ސްޕޭނުގެ ރަށްވެހީން ހިތްތަކުގައި އޮތީ ވަރަށް ފުންކޮށް ބިންވަޅު ނެގިފައެވެ. އެހެންކަމުން ސްޕޭނުގެ ޢީސާއީންނާއި ޔަހޫދީންވެސް ޢަރަބިބަހުން ލިޔެކިޔައި ވާހަކަދައްކައި ހެދުމާމެދު ބަލައިފައިވަނީ އެބައިމީހުންނަށް ލިބޭ ފަޚުރެއްކަމުގައެވެ. އިނގިރޭސި ވެރިކަމުގެ ދުވަސްވަރު އިންޑިޔާއާއި ޝްރީލަންކާފަދަ ޤައުމުތަކުން އޭގެ ނަމޫނާ ފެނިފައިވާ ފަދައިންނެވެ. އެހެންކަމުން ސްޕޭނުގެ އަސްލު ރަށްވެހީންގެވެސް ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ތިބީ "ޢަރަބި" (Mozarab) ވެފައެވެ. ސްޕޭނުގެ އަހުލުވެރީންގެ ވަރަށްގިނަ ޢަދަދެއްގެ ބަޔަކުވަނީ އިސްލާމްވެސް ވެފައެވެ. އެހެންކަމުން އެއެންމެން ސްޕޭނުން ހުސްކޮށްލެވުމަކީ ވަރަށް ނާދިރު ކަމެކެވެ.
ސްޕޭނުގެ ކްރިސްޓިޔަން ރަސްކަލެއްކަމުގައިވާ ޗާލްސް (ފަހެއް) މީލާދީން 1525 ގައި ފައްޅީގެ ނުފޫޒުގެ ސަބަބުން ބަލަންސިޔާއާއި އަރާޣޫނުގެ މުސްލިމުންނަށް އެބައިމީހުންގެ ބަހާއި، ދީނާއި، ހެދުމާއި، އާދަކާދަ ދޫކޮށް ކްރިސްޓިޔަންވުމަށާއި އެހެން ނުހަދައިފިނަމަ ސްޕޭނުން ފައިބާން މަޖުބޫރު ކުރައްވާނެކަން އެންގެވިއެވެ. އޭގެ ތިންއަހަރު ފަހުން 1528މ. ގައި ބަލަންސިޔާގެ ރައްޔިތުންގެ ވަފުދެއް ރަސްގެފާނާ ބައްދަލުކުރިއެވެ. އެބައިމީހުން އެދުނީ އިސްވެދެންނެވި އަމުރު ތަންފީޒު ނުކުރެއްވުމެވެ. ސަބަބަކީ ސްޕޭނުގެ މުސްލިމުންނަކީ އެބައިމީހުންގެ މަސައްކަތްތެރިކަމާއި، ފާޑުވެރިކަމުގެ ސަބަބުން ސްޕޭނުގެ ބިންވެރީންނަށް ވަރަށް ބޭނުންތެރި ބައެކެވެ. އެހެންކަމުން ސްޕޭނުގައި އެއްވެސް މުސްލިމަކު ނުބަހައްޓައި އެންމެން ބޭރުކޮށްލައިފިނަމަ ސްޕޭނުގެ ބަގީޗާތަކާއި ދަނޑުފަނޑު ވީރާނާވެ އެކަމުގެ ނޭދެވޭ އަސަރު ޤައުމުގެ އިޤްތިޞާދަށް ފޯރައިފާނެތީ އެމީހުން ތިބީ ވަރަށް ބިރުންނެވެ.
މިހާތަނުން އަޅުގަނޑުގެ މަޒުމޫނު ކުރިޔަށް ގެންދެވޭން އަންނަނީ ސްޕޭނުގެ މުސްލިމުންގެ ސިޔާސީ ތާރީޚުގެ މައްޗަށް ފަނޑުނަމަވެސް އައްޔެއް އަޅުވައިލުމަށްފަހުގައެވެ. އާދެ، ޖިބްރޯލްޓަރ (ޖަބަލުއްތާރިޤު) ކަނޑުއޮޅިޔަކީ އިރުމައްޗާއި ހުޅަނގާ ގުޅުވައިދޭ އެންމެ ކައިރި ނުކުތާއެވެ. އެހެންކަމުން އިސްލާމްދީން އެންމެ ފުރަތަމަ ޔޫރަޕަށްވަނީ އެމަގުންލައިފައެވެ. މުސްލިމުންގެ އެންމެ ފުރަތަމަ ޤާފިލާ ސްޕޭނަށް ދިޔައީ ހިޖުރައިން ހަތާވީސްވަނަ އަހަރު ކަމުގައި ބުނެވެއެވެ. އެއީ މުސްލިމުންގެ ތިންވަނަ ޚަލީފާ أميـرالمؤمنـين عثمان رضى اللّـه عنــه ގެ ޚިލާފަތުގެ ދުވަސްވަރެވެ. ސްޕޭނަށްދިޔަ މުސްލިމުންގެ އެންމެ ފުރަތަމަ ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ عبد اللّـه بن نافع الفهرى އެވެ.
މުސްލިމުންގެ ފާހަގަކޮށްލެވޭފަދަ ދެވަނަ ލަޝްކަރެއް ސްޕޭނަށް ދިޔައީ ހިޖުރައިން 91 ގައެވެ. އެއީ موسى بن نُصَير ގެ އޮފިސަރެއްކަމުގައިވާ ޠަރީފުގެ ވެރިކަމުގައިދިޔަ ފަސްސަތޭކަ މީހުންގެ ޖަމާޢަތެކެވެ. އެއީ ޢަސްކަރީ ޙަމަލައެއް ނޫނެވެ. ހަމައެކަނި މަޢުލޫމާތު ހޯދުމަށްޓަކައި ފޮނުވުނު ބައެކެވެ. ވިދިގެންއައި 92 ވަނަ އަހަރު طارق بن زياد ސްޕޭނަށް ވަޑައިގެންނެވިއެވެ. طارق بن زياد އަކީ (ސްޕޭނުގެ ފާތިޙު) موسى بن نُصَير ގެ ފަރާތްޕުޅުން އެފްރިކާގެ ޠަންޖާގައި ހުންނެވި ނާއިބެވެ. طارق އަކީ موسى މިނިވަންކުރެއްވި އޭނާގެ އަޅެއްވެސްމެއެވެ. ރާޖިހު ބަހުގައި އޭނާއަކީ ބަރުބަރެކެވެ.
طارق ސްޕޭނަށް ވަޑައިގެންނެވިއިރު އޭނާގެ އަރިހުގައި ގެންދެވީ ހަތްހާސް ސިފައިންގެ ލަޝްކަރެކެވެ. طارق ވަޑައިގެން އޭރުގެ ސްޕޭނުގެ ރަސްގެފާނު ލަދްރީޤު (Roderick) ގެ ލަޝްކަރާ ހަނގުރާމަކުރައްވައި 19 ޖުލައި 711 ގައި އެލަޝްކަރު ބަލިކުރައްވައި ރަސްގެފާނު ޤަތުލު ކުރެއްވިއެވެ.
މުއައްރިޚުން އިޢުތިރާފްވާ ގޮތުގައި މުސްލިމުން ސްޕޭނު ފަތަޙަކުރީ މަޤްބޫލު ސަބަބެއް އޮވެގެންނެވެ. އެއީ ބޭރު ޤައުމަކާ ދެކޮޅަށް އެއްވެސް ސަބަބަކާނުލައި ޢަސްކަރީބާރު ބޭނުންކުރުމުގެގޮތުން ހިންގިކަމެއް ނޫނެވެ. އަދި ކީއްތޯއެވެ. މުސްލިމުން ސްޕޭނަށް ދިޔައީ ޚުދު ސްޕޭނުގެ އަހުލުވެރީން (ވިސިގޯތުން) ގެ ދަޢުވަތަކަށެވެ.
ތާރީޚު ބަޔާންކުރާގޮތުގައި އެދުވަސްވަރު ސްޕޭނުގެ ޤާނޫނީ ވެރިޔަކީ ވިސިގޯތުންގެ އެންމެފަހުގެ ރަސްގެފާނު ވިޓްޒާ (Witiza) އެވެ. އޭނާގެ ރަސްކަމުގެ ދައުރަކީ މީލާދީން 700 އިން 710މ. އަށެވެ. އެހާތަނުން ސްޕޭނުގެ ފާދިރީން ވިޓްޒާއާ ދެކޮޅަށް ބަޣާވަތްކޮށް އޭނާ ތަޚުތުން ބޭލުމަށްފަހު ސްޕޭނުގެ ޢަސްކަރީ އޮފިސަރެއްކަމުގައިވާ ލަދްރީޤު ސްޕޭނުގެ ތަޚުތުގައި ބޭންދިއެވެ. ސްޕޭނުގެ ޝާހީ ޚާންދާނުން ޤަބޫލުކުރާ ގޮތުގައި ލަދްރީޤަކީ އެބައިމީހުންގެ ތަޚުތު ފޭރިގެންއިން މީހެކެވެ. ސްޕޭނުގެ ޢާއްމުންތިބީ ލަދްރީޤުގެ އަނިޔާވެރިކަމުގެ ސަބަބުން ނޭވާ ހާސްވެފައެވެ. އެހެންކަމުން ލަދްރީޤުގެ ކިބައިން ބަދަލުހިފުމަށްޓަކައި ސްޕޭނުގެ ރަސްގެފާނު ވިޓްޒާ މުސްލިމުންނަށް ސްޕޭނަށް ޙަމަލަދިނުމުގެ ދަޢުވަތު ދެއްވިއެވެ.
މުސްލިމުންގެ ޙަމަލައިގައި ސަބްތާ (Ceuta) ގައި ހުންނެވި ސްޕޭނުގެ ގަވަރނަރ(Count of Ceuta) ޖޫލިޔަންވެސް މުސްލިމުންނަށް އެހީވެދެއްވިއެވެ. ކައުންޓް ޖޫލިޔަންވެސް ހުންނެވީ ލަދްރީޤުގެ އަނިޔާވެރިކަމުގެ ސަބަބުން އޭނާއާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައެވެ. طارق ސްޕޭނަށް ވަޑައިގަތުމަށްޓަކައި ޖޫލިޔަން ހަތަރު ނާ ދެއްވިއެވެ. طارق ދަތުރުކުރެއްވި ފުލީޓުގައި އެހަތަރު ނައުވެސް ހިމެނެއެވެ. طارق ސްޕޭނުގެ ބިމަށް ފައިބާވަޑައިގަތީ ޖަބަލުއްޠަރިޤަށެވެ.
طارق بن زياد ސްޕޭނަށް ވަޑައިގަތުމަށްފަހު ކްރިސްޓިޔަން ލަޝްކަރާ މުސްލިމުންނާ ދެމެދު ސްޕޭނުގެ ނަސީބުގެ ނިޔާކަނޑައެޅި ހަނގުރާމަ ހިނގީ ވާދީލައްކާގައެވެ. އޭރު طارق ގެ އަރިހުގައި ތިބީ އޭނާ ސްޕޭނަށް ވަޑައިގެންނެވިފަހުން ލިބިވަޑައިގެންނެވި އެހީގެ ލަޝްކަރާވެސް އެކު ބާރަހާސް މުޖާހިދުންނެވެ. އަނެއްކޮޅުން ކްރިސްޓިޔަން ލަޝްކަރުގެ ޢަދަދު ހަތްދިހަހާހަށްވުރެވެސް ގިނައެވެ. އެހަނގުރާމައިގެ މައިދާނުގައި طارق ދެއްވި ޖޯޝީ ތަޤްރީރު ތާރީޚު ފޮތްފޮތުގައި ރައްކާކުރެވިފައިވެއެވެ. އެ ތަޤްރީރުގައި طارق މުސްލިމުންނާ މުޚާޠަބުކުރައްވައި ވިދާޅުވެފައިވެއެވެ. "މިދަނޑިވަޅުގެ ފައިދާ ތިޔަބައިމީހުންނަށް ލިބިގަނެވިދާނެއެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް މަރާ ހަވާލުކޮށްފިނަމައެވެ."
މުސްލިމުން ސްޕޭނުގެ ބޮޑުބައެއް ފަތަޙަކުރިކަމުގައިވިޔަސް ސްޕޭނުގެ ހުޅަނގުގައި ކްރިސްޓިޔަން ވެރީން ތިއްބެވިއެވެ. އެބައިމީހުންގެ ވެރިކަމުގެ ދަށުގައި ސްޕޭނުގެ ސަރަޙައްދުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި އޮތެވެ. އަންދަލުސްގެ ނަމުގައި ފާހަގަކުރެވެނީ މުސްލިމުން ފަތަޙަކުރި ސްޕޭނުގެ ހަތަރުބައިކުޅަ ތިންބައެވެ.
ސްޕޭނުގެ (އަންދަލުސް) އިސްލާމީ ދައުރުގެ އާބާދީއާމެދު އިތުބާރުހުރި ތަފާސްހިސާބުތަކެއް ލިބޭކަށެއް ނެތެވެ. އަންދާޒާ ކުރެވިފައިވާ ގޮތުގައި މުސްލިމުން ސްޕޭނު ފަތަޙަކުރިއިރު ސްޕޭނުގެ އާބާދީއަކީ ސާޅީސްލައްކައެވެ. طارق ގެ އަރިހުގައި ސްޕޭނަށްދިޔަ ލަޝްކަރާއި އޭގެފަހުން ސްޕޭނަށް ހިޖުރަކުރި ޢަރަބީންނާއެކު ޢަރަބީންގެ ޢަދަދު ފަންސާސްހާހަށްވުރެ ގިނައެއް ނޫނެވެ. ބާރޝެލޯނާ ޔުނިވަރސިޓީގެ ޢަރަބިބަހުގެ ޕްރޮފެސަރ (Juan Vernet Gines) ލިޔުއްވައިފައިވާ ގޮތުގައި، މުސްލިމުން ސްޕޭނު ފަތަޙަކުރުމަށްފަހު ކުރީގެ ޤަރުނުތަކުގައި މެދުކެނޑުމެއްނެތި އުފެދެމުންދިޔަ އިސްލާމްދީން ޤަބޫލުކުރުމުގެ އޮއިވަރުގެ ސަބަބުން މުސްލިމުންގެ އާބާދީ ދިޔައީ ހުއްޓުމެއްނެތި އިތުރުވަމުންނެވެ. އޭގެސަބަބުން ސްޕޭނުގެ ކްރިސްޓިޔަނުންގެ ޢަދަދު ވަނީ ފާހަގަކުރެވޭވަރަށް މަދުވެފައެވެ. ސްޕޭނުގައި މުސްލިމުންގެ ދަރިފަސްކޮޅު އާލާވުމާއި އިސްލާމްދީން ޤަބޫލުކުރާ މީހުންގެ ސަބަބުން މުސްލިމުންގެ އާބާދީ އިތުރުވި މިންވަރެއްވެސް ކަނޑައެޅިގެން އެނގޭކަށެއް ނެތެވެ. ދިހަވަނަ ޤަރުނުގެ ފަހުކޮޅުގައި މުސްލިމް ސްޕޭނުގެ އެންމެބޮޑު ހަތް ރަށްކަމުގައިވާ ޤުރުޠުބާއާއި، ޠުލައިޠުލާއާއި، އަލްމަރިއްޔާއާއި، ޣަރްނާޠާއާއި ސަރުޤިސްޠާއާއި، ބަލަންސިޔާއާއި މާލިޤާގައި ތިބިކަމަށް ލަފާކުރެވިފައިވަނީ ތިންލައްކަ އައްޑިހަ ހަތްހާސް މީހުންނެވެ.
ސްޕޭނުގެ އިސްލާމީ ދައުރު ބޮޑު ތިންދައުރަކަށް ބަހައިލެވިދާނެއެވެ. އެންމެފުރަތަމަ ދައުރަކީ ޢަރަބި އަމީރުންގެ ދައުރެވެ. އެއީ ޝާމްކަރައިގެ އުމަވީ ދައުލަތާއި ޢިރާޤުގެ ޢައްބާސީ ދައުލަތުގެ ދަށުގައި ސްޕޭނުގައި ޢަރަބި އަމީރުން ވެރިކަންކުރެއްވި ދައުރާއި، (މީލާދީން 711 އިން 756 އަށް) މިނިވަން އުމަވީ ދައުލަތެއް ހިނގަމުންދިޔަ ދުވަސްވަރާއި (މީލާދީން 756 އިން 1031 އަށް) އޭގެފަހުން އައި ޠަވާއިފުލްމުލޫކުގެ ދައުރެވެ.
އެދުވަސްވަރު އެކި ސަރަޙައްދުތަކުގެ ގަވަރުނަރުން ވަނީ ބަޣާވަތްކޮށް އަމިއްލަ ވެރިކަން އިޢުލާން ކޮށްފައެވެ. މުސްލިމުންގެ ދަށުގައި އޮތް ސްޕޭނުގެ ހަތަރުބައިކުޅަ ތިންބައިގައި ގާތްގަނޑަކަށް ވިއްސަކަށް ރަސްކަން އުފެދިފައި އޮތެވެ. މުސްލިމް ސްޕޭނުގައި ސިޔާސީ ބައިބައިވުން އުފެދި މުސްލިމުންގެ މުސްތަޤްބަލަށް ނުރައްކާވާން ފެށުމުން އެފްރިކާގެ މުސްލިމް ވެރިޔެއްކަމުގައިވާ يوسف بن تاشفين އެކަން ޙައްލުކުރެއްވިއެވެ. މީލާދީން 1086 ގައި އޭނާ ސްޕޭނަށް ވަޑައިގެން އަލްފާންސޫ ހައެއް (Alfanso VI) ބަލިކުރައްވައި ސްޕޭނުގެ މުސްލިމުންނަށް އާދައުރެއް ފައްޓަވައިދެއްވިއެވެ. އެދައުރު މީލާދީން 1229 އާ ހަމަޔަށް ދެމިއޮތެވެ. (يوسف بــن تاشِفين ސްޕޭނަށް ޙަމަލަދެއްވަން ޖެހިވަޑައިގެންނެވިގޮތާއި އޭރުގެ މުސްލިމުންގެ ހާލަތާއި يوسف بــن تاشِفين ގެ ޖިހާދު އަސްލަކަށް ބައްލަވައިގެން ނަސީމާ ހިޖާޒީ ލިޔުއްވައިފައިވާ ވަރަށް ރީތި ވާހަކައެއްގެ ދެބައިކުޅައެއްބައި އަޅުގަނޑު ވަނީ ތަރުޖަމާ ކޮށްފައެވެ. މާތް اللّـه ގެ ހެޔޮ ތައުފީޤާއެކު އެވާހަކަ ދިވެހި ކިޔުންތެރީންގެ އަރިހަށް ހުށަހަޅަން އުންމީދުކުރަމެވެ.)
އެހާތަނުން އަނެއްކާވެސް މުސްލިމުންގެ ދާޚިލީ އަރާރުން ބޮޑުވެ، ސްޕޭނު ކުދިކުދި ދައުލަތްތަކަކަށް ބެހިގެން ހިނގައްޖެއެވެ. އޭގެތެރެއިން ބައެއް ރަސްރަސްކަލުންގެ ރަސްކަމުގެ ސަރަޙައްދަކީ ހަމައެކަނި އެބޭފުޅުންގެ ވެރިރަށެވެ. ބައެއް ބޭފުޅުންގެ ޚަޒާނާގައި އެބޭފުޅުންގެ ދަރަޖަމަތިވެރި ކާބަފައިކަލުން ދޫކުރައްވައިފައިވާ މަތިވެރި ގަނޑުވަރުތަކާއި ބަގީޗާތައް މަރާމާތުކުރައްވައި ބެލެހެއްޓެވޭހައި މިންވަރެއްވެސް ނެތެވެ. ނަމަވެސް އަމިއްލަފުޅަށް އެކިއެކި ވަރުގަދަ ލަޤަބުތައް ބޭނުންކުރެއްވުމުގައި އެބޭފުޅުންވެސް ތިއްބެވީ ޢައްބާސީ ދައުލަތް ވެއްޓެމުންދިޔަ ދުވަސްވަރުގެ ޢައްބާސީ ޚަލީފާއިންނަށްވުރެ ފަހަތުގައެއް ނޫނެވެ. ސްޕޭނުގެ އިސްލާމީ ވެރިކަން ނިމުމުން އެކަމާ ހިތާމަފުޅުކުރައްވައި ޅެންހެއްދެވި ޝާޢިރުންކުރެ أبو على آل حسن بن رشيق ވިދާޅުވި ޅެމެއްގައި އޭރުގެ ޙާލަތާމެދު ވިދާޅުވެފައިވެއެވެ.
އަންދަލުސްގެ ބިމުގައިވާ އަހަރެން ޝައުޤުވެރިކަން ކުޑަކުރުވި އެއްޗެހިތަކުގެ ތެރޭގައި މުޢުތަމަދު (އެމީހަކަށް އިއުތިމާދުކުރެވޭ) އާއި މުޢުތަޟިދު (ނުހަނު ގަދަފަދަ) ފަދަ ލަޤަބުތައް ހިމެނެއެވެ. މިކަހަލަ ޝާހީ ލަޤަބުތައް ޙަޤީޤަތާ ދުރުވެފައިވަނީ ކުޑަކުޑަ ބުޅަލެއް ފުއްޕައިލައިފައި ސިންގާއެއްގެ ވައްތަރު ދައްކާއިރު ޙަޤީޤަތެއް ނޯންނަ ފަދައިންނެވެ.
އިސްވެދެންނެވި ފަދައިން ކުދިކުދި ސަރަޙައްދުތަކަކަށް ބެހިފައިހުރި ދައުލަތްތައް އެއް ދައުލަތަކަށްފަހު އަނެއް ދައުލަތެއް އަތުލަމުން ގެންދާން ކްރިސްޓިޔަނުންނަށް ވަރަށް ފަސޭހަވިއެވެ. ކްރިސްޓިޔަނުން ވަރަށް ގިނަފަހަރަށް އިސްލާމީ އެއްރަސްކަމެއް ހިފަމުން ގެންދިޔައީ އަނެއް ރަސްކަމެއްގެ އެހީ ލިބިގެންނެވެ. ސްޕޭނުގައި އެންމެ ފަހަށްއޮތް އިސްލާމީ ރަސްކަމަކީ ޣަރްނާޠާގެ ބަނުލްއަޙްމަރު ވަންހައިގެ ރަސްކަމެވެ. (މީލާދީން 1232 އިން 1492 އަށް) އެރަސްކަމުގެ ބާނީއަކީ محمّد بن يوسف الأحمر އެވެ. އޭނާއަކީ އަރުޖޫނާގެ ކިއްލާގެ އޮފިސަރެވެ. އޭނާ ބަޣާވަތްކޮށް ޣަރްނާޠާ ހިފައި، ރަސްކަން އިޢުލާންކޮށް الغالب باللّـه ގެ ލަޤަބު ޚިޔާރުކުރީއެވެ.
ސްޕޭނުގައި ހުންނެވި އެންމެފަހުގެ މުސްލިމް ރަސްކަލަކީ ޣަރްނާތާގެ ރަސްގެފާނު أبو عبد اللّـه محمّد އެވެ. އޭނާ އަލްޙަމްރާއުގެ ތަޅުދަނޑިފަތި ކްރިސްޓިޔަނުންނާ ޙަވާލުކުރެއްވީ 3 ޖެނުއަރީ 1492 ގައެވެ. أبو عبد اللّـه محمّد ރަސްކަމަށް އިސްވެވަޑައިގެންނެވީ ކްރިސްޓިޔަނުން ވާސްދީގެން އޭނާގެ ބައްޕަޔާ ދެކޮޅަށް ބަޣާވަތް ކުރައްވައިގެންނެވެ. أبو عبد اللّـه محمّد އަލްހަމްރާއުގެ ކްރިސްޓިޔަނުންނާ ހަވާލުކުރެއްވުމަށްފަހު ކީރިތިކުރެއްވިއެވެ. އެމަންޒަރު ފެނިވަޑައިގެންނެވުމުން އޭނާގެ މަންމަ ވިދާޅުވިއެވެ. "ފިރިހެނެއްގެ ގޮތުގައި ދިފާޢު ނުކުރެވުނު ރަސްކަމާހުރެ އަންހެނަކު ފަދައިން ރޯނެކަމެއް ނެތެވެ." އަރްނާޠާގެ ވެއްޓުމަކީވެސް ތިމާގެ މީހުންނަށް ބޭވަފާތެރިވުމުން ހިލޭމީހުންގެ ފަރާތުން ވަފާތެރިކަމުގެ އިނާމު ނުލިބޭނެކަމުގެ ނަމޫނާއެކެވެ. ނަމަވެސް މިހާރުވެސް މިއީ މުސްލިމުންގެ މެދުގައި އެންމެގިނައިން ތަކުރާރުވާ އެއް ޙާދިޘާއެވެ. މިއީ މުސްލިމުންނަށް ދުވަހަކުވެސް ޢިބްރަތެއް ނުލިބުނު ފިލާވަޅެކެވެ.
(ނިމުނީ)