Close
ކޮލަމް

ދިޔަތިކި ކޮލަމް: ސްޕޭނު އިސްލާމީ އާފަތިހަކަށް އަލިވިލެނީއެވެ - 02

އަބްދުﷲ ފާރޫގް ހަސަން

(އޭޕްރީލް 02 ގެ އަދަދާއި ގުޅޭ)

ޑޮކްޓަރ މޮންތާބަޘަކީ ސްޕޭނުގެ މަޝްހޫރު އޮރިއެންޓަލިސްޓް ފްރާންސިސްކޯ ކޮޑޭރާ ޒައިޑީންގެ ދަރިވަރެކެވެ. ކޮޑޭރާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1826މ. ގައެވެ. އޭނާ އަވަހާރަވީ 1917 ގައެވެ. އޭނާއަކީ އިސްލާމީ ތަހުޒީބާއި، އާދަކާދައާއި، ޢަރަބީންދެކެ ލޯބީން ފޯވެވަޑައިގެންފައި ހުންނެވި ބޭފުޅެކެވެ. ބުނެވޭގޮތުގައި އޭނާގެ ޚާންދާނުގެ އަސްލަކީ މުސްލިމް ސްޕޭނުގެ ޢަރަބި ޚާންދާނެކެވެ. ސްޕޭނުގެ ވަރަށްގިނަ ޢާއިލާތަކެއްގެ ކަންހުރީ އެގޮތަށެވެ. އޭނާ ޢަރަބިބަސްދެކެ ލޯބިފުޅުން އޭނާގެ ނަންފުޅު ވިދާޅުވަނީ އައްޝައިޚު ފަރަންސިސްކޫ ޤަދާރާ ޒައިދީން މިގޮތަށެވެ. އަމީރު ޝަކީބު އަރްސަލާން ކޮޑޭރާގެ ބަދަލުގައި އޭނާއަށް ވިދާޅުވި ޤަދީރާއެވެ.

ކޮޑޭރާ އޭނާގެ ޙަޔާތްޕުޅުގެ ވަރަށްބޮޑު ބައެއް ހޭދަކުރެއްވީ މެޑްރިޑް ޔުނިވަރސިޓީގެ ޕްރޮފެސަރަކަށެވެ. އޭނާއަކީ ނުހަނު ޢިލްމުވެރި، ޢިލްމާއި އަދަބުގެ ޒައުގުހުރި، އިންސާފަށް ލޯބިކުރައްވާ ޠަބީޢަތެއްގެ ބޭފުޅެކެވެ. އޭނާ އޭނާގެ ދަށުން ތަރުބިޔަތު ލިބެމުންދިޔަ ޒުވާނުންގެ ކިބައިގައި ސްޕޭނުގެ އިސްލާމީ ތާރީޚު މުޠާލިޢާކުރުމުގެ ޝައުޤު އުފެއްދެވިއެވެ. ޚުދު އޭނާ އެމައިގަނޑު ނަމުގައި ވަރަށްގިނަ ޢަދަދެއްގެ ބޮޑެތި ބޯފޮތްތަކެއް ލިޔުއްވިއެވެ. އިނގިރޭސިބަހުންނާއި ސްޕޭނުބަހުންނެވެ. އޭނާގެ ބައެއް ދަރިވަރުންގެ އެހީއާއެކު ވަރަށްގިނަ އަގުހުރި ޢަރަބި އަތުލިޔުންތަކެއް ދިރާސާކުރައްވައި މިޒަމާނުގެ ފެންވަރަށް ތައްޔާރުކުރައްވައި (Bibliofica Arabico Hispana) ގެ ނަމުގައި ޝާއިޢުކުރެއްވިއެވެ. އެއްފަހަރަކު އޭނާގެ ތަޤްރީރެއްގައި ވިދާޅުވިއެވެ. ސްޕޭނު "ޔޫރަޕް ކުރާން" އުޅުމަކީ ކުށެކެވެ. ކުރާންވީ ކަމަކީ ޔޫރަޕް "ޢަރަބި ކުރާން" ވީއެވެ.

ކޮޑޭރާގެ ނުފޫޒުގެ ދަށުގައި ސްޕޭނުގައި ސްކޯލަރުންގެ ވަރަށްބޮޑު ގްރޫޕެއް ވަނީ ތައްޔާރުވެފައެވެ. ޢަރަބީންނާއި މުސްލިމުންނާމެދު އެބޭފުޅުންގެ ވިސްނުންފުޅު ބިނާވެފައި ހުންނަނީ އިންތިހާދަރަޖައިގެ އިންސާފަށް ލޯބިކުރެއްވުމާއި، ޤަދަރުކުރެއްވުމުގެ މައްޗަށެވެ. އެބޭފުޅުން އެބޭފުޅުންގެ އުސްތާޛަށް ނިސްބަތްކުރައްވައި އެބޭފުޅުންނަށް ވިދާޅުވަނީ "ބަނީ ކޮޑޭރާ" ގެ ނަމުންނެވެ. އެނަމުންވެސް އެބޭފުޅުންގެ ހިތްޕުޅުގައި ޢަރަބިބަހަށް ހުންނަ ލޭފަވެތިކަން ސާބިތުވެއެވެ.

މެޑްރިޑްގެ ހުޅަނގު އުތުރުގައި (El Escorial) މިނަންކިޔާ ރަށެއް އޮވެއެވެ. އެރަށް މިހާރު އެންމެބޮޑަށް މަޝްހޫރުވެފައިވާ ސަބަބަކީ އެރަށުގައި ހުންނަ ސްޕޭނުގެ ޝާހީ ލައިބްރަރީއެކެވެ. އެ ލައިބްރަރީއަކީ ދުނިޔޭގެ އެންމެ މުސްކުޅި އަދި އެންމެ މުއްސަނދި އެއް ލައިބްރަރީއެވެ. އެ ލައިބްރަރީގައި ސްޕޭނުގެ އިސްލާމީ ދައުރުގެ އަގުހުރި ނާދިރު އަތުލިޔުމުގެ ޢަރަބި ފޮތްތަކުގެވެސް ވަރަށްބޮޑު ޚަޒާނާއެއް އެބަހުއްޓެވެ. އޭގެތެރެއިން ބައެއް ފޮތްތަކަކީ ދުނިޔޭގެ އެއްވެސް ލައިބްރަރީއެއްގައި ނެތް ފޮތްތަކެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ސްޕޭނުގެ އިސްލާމީ ދައުރުގެ މަޝްހޫރު ފިޤުހުވެރި ޅެންވެރިޔާ އަބޫ އިސްޙާޤު އަލްއަލްބީރީގެ ދީވާން އޮތީ ހަމައެކަނި އެ ލައިބްރަރީގައެވެ. އޭގެ ކެޓްލޮގު ނަންބަރަކީ 404 އެވެ. އެ ލައިބްރަރީން ޢަރަބި އަތުލިޔުމުގެ ފޮތްތަކުގެ އެތަކެއް ބިބިލިއޯގްރަފީތަކެއްވަނީ ތައްޔާރުކޮށްފައެވެ. އޭގެތެރެއިން އެންމެބޮޑަށް މަޝްހޫރުވެފައިވަނީ ތިރީގައި މިދަންނަވާ ދެލިޔުމެވެ.

1.Bibliotheca Arabic-Hespana Excurialens

by Miguel Casiri (Spanish)

2. Les manuscrits arabes de I’Escurial

by H. Derenbong (French)

ޢާއްމުގޮތެއްގައި ޤަބޫލުކުރެވިފައިވާ ގޮތުގައި މުސްލިމުން ސްޕޭނުން ބޭރުކޮށްލުމަށްފަހު މުސްލިމުންގެ ހުރިހާ ފޮތްތަކެއްވަނީ އަންދައިލެވިފައެވެ. ނުވަތަ ކޯރުތަކަށް އަޅައިލެވިފައެވެ. ނަމަވެސް އިސްކޫރިޔާލްގެ ލައިބްރަރީގައި މުސްކުޅި ޢަރަބި ފޮތްތައްހުރިކަމީ އިސްވެދެންނެވި ވާހަކައަކީ މުޅީން ތެދުވާހަކައެއް ނޫންކަމުގެ ހެއްކެކެވެ. "ގެއްލިފައިނަމަވެސް" އަދިވެސް ސްޕޭނުގައި މުސްލިމުންގެ ޢަރަބިފޮތްތައް އެބަހުރިކަމުގެ ދަލީލެކެވެ.

އިސްކޫރިޔާލުން ސްޕޭނުބަހުން މަޖައްލާއެއް ނެރެއެވެ. އެ މަޖައްލާގައި އެންމެގިނައިން ދިރާސާކޮށް ތަޙްޤީޤުކޮށްފައި ހުންނަނީ ޢަރަބިބަހުގެ އަތުލިޔުމުގެ ފޮތްތަކެވެ. ދެން ޝާއިޢުކުރެވެނީ އަންދަލުސްގެ ޢަރަބި ރަސްރަސްކަލުންނާއި، ވަޒީރުންނާއި، ބޭސްވެރީންނާއި، ޅެންވެރީންނާއި، އަދީބުންނާއި، ފިލޯސަފަރުންނާއި، ސައިންސްވެރީންނާމެދު ސްޕޭނުގެ ޢިލްމުވެރީންނާއި ރިސާޗް ސްކޯލަރުންގެ ތަޙްޤީޤީ މަޒުމޫނުތަކެވެ.

ސްޕޭނުގެ މަޝްހޫރު އަލްކަލާ ޔުނިވަރސިޓީން Three Religions: A commitment for peace މި މައިގަނޑު ނަމުގައި ބޭއްވި ތިންދުވަހުގެ ކޮންފަރެންސެއްގައި ޚާއްޞަ މެހުމާނެއްގެ ޙައިޘިއްޔަތުން ބައިވެރިވެވަޑައިގަތުމަށްފަހު މައުލާނާ ވަޙީދުއްދީންޚާން ލިޔުއްވައިފައިވެއެވެ.

ސްޕޭނަށް ދިއުމުން އަހަންނަށް ފެނުނީ ސްޕޭނުގައި މުސްލިމުން މިނިވަންކަންމަތީ ތިއްބައެވެ. ސްޕޭނުގައި އިސްލާމީ ޙަރަކާތްތައް ހިނގަމުންދާތީއެވެ.

އަދިވެސް އޭނާ ލިޔުއްވައިފައިވެއެވެ. މެޑްރިޑް ކޮންފަރެންސުން އަހަންނަށް ސަބްތާގެ މުސްލިމަކާ ބައްދަލުވިއެވެ. އޭނާގެ ނަމަކީ މުޙައްމަދު ޢަލީ އަލްބަހްލޫލީ އެވެ. އޭނާ ބަޔާންކުރެއްވިއެވެ. ސަބުތާއާމެދު ސްޕޭނާއި މޮރޮކޯއާ ދެމެދު އެއްބަސްވުމަކަށް އާދެވުނުފަހުން ސްޕޭނުގައި މުސްލިމުންގެ ޙާލަތު ވަރަށްބޮޑަށް ރަނގަޅުވެއްޖެއެވެ. ސްޕޭނުގައި މުސްލިމުންނާމެދު ތަޢައްސުބުގެ ބަދަލުގައި މިހާރުއޮތީ ހިތްހެޔޮކަމެވެ. އެތެރެއެތެރެއިން ކޮންމެވެސް މިންވަރަކަށް ތަޢައްސުބު އޮތްކަމުގައިވިޔަސް ބޭރުފުށުން އަޅުގަނޑުމެންނަކަށެއް އެއްވެސް މައްސަލައަކާ ކުރިމައްޗެއް ނުވެއެވެ.

މުޙައްމަދު ޢަލީ ރައްކައުވީ ސަބްތާގައެވެ. ނަމަވެސް މިހާރު އޭނާއަކީ މެޑްރިޑްގެ ވިޔަފާރިވެރިއެކެވެ. އޭނާ ޢަރަބިބަހުން ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. 1992 ގައި ސްޕޭނުގެ އިސްލާމީ ޖަމްޢިއްޔާތަކާއި ސްޕޭނު ސަރުކާރާ ދެމެދުވަނީ އެގްރިމެންޓެއް ކުރެވިފައެވެ. އެ އެގްރިމެންޓުގެ ދަށުން ސްޕޭނު ސަރުކާރުން ވަނީ އިސްލާމްދީނަކީ ސްޕޭނުގެ ރައްޔިތުންގެ ދީނެއްކަމުގައި ޤަބޫލުކޮށްފައެވެ.

މުޙައްމަދު ޢަލީ ވިދާޅުވިގޮތުގައި މިހާރު ސްޕޭނުގައި ފަސްލައްކަ މުސްލިމުން އެބަތިއްބެވެ. ސަބުތާގައި މުސްލިމުންގެ ޢަދަދަކީ ފަންސަވީސްހާހެވެ. މާލިޤާގައި ތިރީސްފަސްހާހެވެ. ސަބްތާގައި ސޯޅަ މިސްކިތް އެބަހުއްޓެވެ.

މުސްލިމުން ވަނީ އެބައިމީހުންގެ ވެރިކަމުގެ ދަށުގައި ސްޕޭނު އޮތްއިރު (711މ. އިން 1492މ. އަށް) ދުވަހަކު ފޮހެނުލެވޭފަދަ ފުން އަސަރުތަކެއް ސްޕޭނަށް ދޫކޮށްފައެވެ. މިސާލެއްގެ ގޮތުން ސްޕޭނުބަހާއި ޕޯޗްގީޒް ބަހުގައި އެބަސްތަކުގެ އަސްލަކީ ޢަރަބިބަސް ކަމުގައިވާ ހަތަރުހާސް ބަސް އެކުލެވިފައިވެއެވެ. އެބަސްތައްވަނީ ސްޕެނިޝް ރަދީފަށާއި ޕޯޗްގީޒް ރަދީފަށް ވައްދައިފައެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ القنطره (Alcantara) އާއި القلعه (Alcala) ފަދަ ބަސްބަހެވެ.

ސްޕޭނުގެ ޣަރްނާޠާގެ މިހާރުގެ އާބާދީއަކީ ދޮޅުލައްކައެވެ. އޭގެތެރޭގައި ގާތްގަނޑަކަށް އެއްހާސް މުސްލިމުން ހިމެނެއެވެ. މިދެންނެވި މުސްލިމުންގެ ހިތުގައި ސަރުކާރާމެދު ޝަކުވާ އުފެދޭކަހަލަ އެއްވެސްކަމެއް ކުރިމައްޗެއް ނުވެއެވެ. އެބައިމީހުން އުޅެމުންގެންދަނީ އަމިއްލަ ޝަޚްޞިއްޔަތު ކުޑަކޮށްވެސް ފޮރުވުމެއްނެތިއެވެ. މިނިވަންކަމާއެކުގައެވެ. ދާދިފަހުން އެބައިމީހުންވަނީ އަލްޙަމްރާއުގައި ޢީދުނަމާދެއް ކޮށްފައެވެ. ސްޕޭނުގެ ޓީވީން އެމަންޒަރު ފިލްމަށްނަގައި ޓީވީގެ ޤައުމީ ޕްރޮގްރާމުގައި ދުރަށް ދެއްކިއެވެ. ސްޕޭނުގެ އެންމެން ވަރަށް ޝައުޤުވެރިކަމާއެކު އެމަންޒަރު ބެލިއެވެ.

މިހާރުގެ ފަސްމަންޒަރުގައި ސްޕޭނުގެ މަސްރަޙު ދިރާސާކުރައްވަން ބޭނުންފުޅު ބޭފުޅުންނަށް އެންމެ ފައިދާހުރި އެއް ރިފަރެންސަކީ "މިއަދުގެ ސްޕޭނުގައި އިސްލާމީ ހޭލުންތެރިކަން" މިފޮތެވެ. މިފޮތުގެ މުޞައްނިފަކީ ޑޮކްޓަރ ޢަލީ މުންތަޞިރު އަލްކިތާނީއެވެ. އޭނާއަކީ ސްޕޭނުގެ އަވަށްޓެރި ޢަރަބި ޤައުމެއްކަމުގައިވާ އަލްމަޣުރިބުގެ ބޭކަލެކެވެ.

އޭނާ ވަރަށްބޮޑަށް ހޯއްދަވައި ދިރާސާކުރެއްވުމަށްފަހު ލިޔުއްވައިފައިވެއެވެ. ކުރިމަތިވި މޫސުން ނުބައިވުމުގެ ހުރިހާ މައްސަލަތަކަކާއެކުވެސް ސްޕޭނުން ދުވަހަކުވެސް މުސްލިމުން މުޅީން ހުސްވެފައެއް ނެތެވެ. މިމޭރުމުން އޭނާ ލިޔުއްވި ވާހަކަފުޅުގެ ތެރޭގައި ލިޔުއްވައިފައިވެއެވެ.

5 ނޮވެމްބަރ 1973 ގައި ޑެންމާކްގެ ކޯޕަންހެއިގަނުން އަހަންނަށް އަލްޣަރްނާޠީ އެވެ ކިޔުނު މީހަކާ ބައްދަލުވިއެވެ. އޭނާ އުފަންވީ ސްޕޭނުގެ ބަރޝެލޯނާގައެވެ. 1969 ގައި ޕާކިސްތާނުގައި އޭނާވަނީ އިސްލާމްވެފައެވެ. އަހަރެންގެ ސުވާލަކަށް ޖަވާބުދެމުން އޭނާ ބުންޏެވެ. އަހަރެން ވަރަށް ކުޑައިރު އަހަރެންގެ މާމަ ނިޔާވެއްޖެއެވެ. މާމަގެ މަރުމަތީގައި އަހަރެން މާމަގާތަށް ގެންދަވައި ސިއްރުސިއްރުން ބުނުންވިއެވެ. "ދަރިފުޅާއެވެ. ކްރިސްޓިޔަން ދީނަކީ އަހަރެމެންގެ ދީނެއް ނޫނެވެ. އެއީ ރަނގަޅު ދީނެއްވެސް ނޫނެވެ. ދަރިފުޅު ބޮޑުވި ދުވަހަކުން އަހަރެމެންގެ ދީން ހޯދާން މަސައްކަތް ކުރައްޗެވެ."

އަލްޣަރްނާޠީ ބޮޑުވުމަށްފަހު ސްޕޭނުގެ ތާރީޚު ދިރާސާ ކުރިއެވެ. ނަތީޖާއެއްގެގޮތުން އޭނާއަށް އޭނާގެ މާމަގެ ވާހަކަ ވިސްނިއްޖެއެވެ. އޭނާ އިސްލާމްދީން މުޠާލިޢާކޮށް އެދީނާމެދު އޭނާގެ ހިތަށް ޔަޤީންކަން ލިބުމުން ޕާކިސްތާނަށްގޮސް އިސްލާމްވީއެވެ. ދެވަނަ ބޮޑުހަނގުރާމަޔަށްފަހު ސްޕޭނުގެ އެތައްބަޔަކު ވަނީ މިގޮތަށް އިސްލާމްވެފައެވެ.

ޣަރްނާޠާގެ އިސްލާމީ ވެރިކަން ނިމުމުން ސްޕޭނުގެ މުސްލިމުންނަށް އަނިޔާއާއި ގަދަބަދަވިކަން ކުރިމަތިވީހިނދު އެތައްބަޔަކު އެބައިމީހުންގެ އިސްލާމްކަން ވަންހަނާކޮށް ނަން ބަދަލުކޮށް ހެދިއެވެ. އެކަހަލަ އެތައް ޢާއިލާތަކެއް މިއަދުވެސް ސްޕޭނުގައި އެބަތިއްބެވެ. އެބައިމީހުން މިހާރު ވަނީ އެބައިމީހުންގެ އިސްލާމްކަން އިޢުލާން ކޮށްފައެވެ.

ކުރީންވެސް ދެންނެވިފަދައިން ސްޕޭނުގެ ސިޔާސީ ވެރިކަން މުސްލިމުންގެ އަތުން ބީވިކަމުގައިވިޔަސް އެއްވެސް ދުވަސްވަރެއްގައި ސްޕޭނުން މުސްލިމުން މުޅީން ހުސްނުވާކަމުގެ ވަރަށްގިނަ ހެކިތަކެއް އެބަހުއްޓެވެ.

(ނުނިމޭ)