Close
ކޮލަމް

ދިޔަތިކި ކޮލަމް: ސްޕޭނު އިސްލާމީ އާފަތިހަކަށް އަލިވިލެނީއެވެ.

އަބްދުﷲ ފާރޫގް ހަސަން

6

ނޯޓު:

މިއީ ފަތްތޫރައިގެ ވަރަށް ކުރީގެ ޢަދަދުތަކެއްގައި އަޅުގަނޑު ޝާއިޢުކުރި މަޒުމޫނެކެވެ. ހަނދާން ބަލިކަމުގައި ނުވާނަމަ، އާފަތިހުގައިވެސް މި މަޒުމޫނު ޝާއިޢުކުރީމެވެ. މި މަޒުމޫނު އަލުން މިއާކޮށްލަނީ މިހާރަށްވެސް ބޭނުންކަމުގައި ފެނިގެންނެވެ. ޚާއްޞަކޮށް މިފަހަރު މި މަޒުމޫނާއެކު މި ޝާއިޢުކުރާ މުސްލިމު ސްޕޭނުގެ ރީތި ފޮޓޯތަކާއި ޗާޓުތަކަކީ އަޅުގަނޑަށް އަލަށް ލިބުނު މަޢުލޫމާތުތަކެކެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި މި މަޒުމޫނު މިހާރު މިވަނީ ޙަޤީޤީ މާނައިގައިވެސް އާކުރެވިފައެވެ.

- ޢަބްދުاللّـه ފާރޫޤު ޙަސަން -

*********************************

މިހާރުގެ ސްޕޭނުގެ ސިޔާސީ މަރުކަޒުކަމުގައިވާ މެޑްރިޑަކީ އިސްލާމީ ސްޕޭނުގައި މާ މުހިންމު ރަށެއް ނޫނެވެ. އެދުވަސްވަރު އެރަށުގައި ހުރި މުސްލިމުންގެ ވަރަށް ކުޑަކުޑަ ޢަސްކަރީ ކިއްލާއެކެވެ. މިހާރަކު އެކިއްލާގެ ނިޝާނެއް ފެންނާކަށެއް ނެތެވެ. ނަމަވެސް މިހާރު މެޑްރިޑްގައިވަނީ އެއަށްވުރެ މާ ބޮޑު، މާ ރީތި، މާ ހައިބަތު ހުރި އިސްލާމިކް ސެންޓަރެއް ޢިމާރާތް ކުރެވިފައެވެ. މިދެންނެވި އިސްލާމިކް ސެންޓަރު ޢިމާރާތްކުރެވުނީ ސަޢޫދީ ސަރުކާރުގެ މާލީ އެހީގައެވެ. އެތާނގެ ބޮޑުމިނަކީ ވިހިހާސް އަކަމީޓަރެވެ. އެމަރުކަޒު ޢިމާރާތްކުރުމަށް ވިހިމިލިޔަން ޔޫ.އެސް.ޑޮލަރު ވަނީ ޚަރަދުވެފައެވެ. އެމަރުކަޒަކީ މިހާރުގެ ޔޫރަޕްގައި ހުރި އެންމެބޮޑު އިސްލާމީ މަރުކަޒެވެ.

މެޑްރިޑްގެ އިސްލާމީ މަރުކަޒު ހުޅުވުނީ 24 ރަބީޢުލްއައްވަލް 1413 (ސެޕްޓެމްބަރ 1992) ގައެވެ. ހުޅުއްވައިދެއްވީ ސްޕޭނުގެ ރަސްގެފާނު ޖުވާން ކާލޯސެވެ. 13 އޮކްޓޯބަރ 1992 ގައި ޝާއިޢުކުރެވުނު "އަލްމަޖައްލާ" ގައި އެރަސްމިއްޔާތުގެ ކުލަ ފޮޓޯތަކާއެކު ތަފްސީލު ރިޕޯޓެއް ޝާއިޢުކޮށްފައިވެއެވެ. އެ ރިޕޯޓުގެ މައިގަނޑު ނަމަކީ "އިސްލާމީ ބަންގީގެ މުންނާރު ފަސްސަތޭކަ އަހަރު ފަހުން ސްޕޭނަށް އަތުވެއްޖެ" މިއެވެ. އެ ރިޕޯޓުގައިވާގޮތުން އިސްލާމީ މަރުކަޒު ހުޅުއްވައިދެއްވަމުން ސްޕޭނުގެ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި ސްޕޭނުގެ އިސްލާމީ މާޒީއާމެދު ސްޕޭނު ފަޚުރުވެރިވާ ކަމުގައިވަނީ ވިދާޅުވެފައެވެ.

ސަޢޫދީ ޢެރެބިޔާގެ ރިޔާޟުގެ "އަޚްބާރުލްޢާލަމުލް އިސްލާމީ" ގެ 4 އޮކްޓޯބަރ 1992 ގެ ޢަދަދުގައިވެސް އެޚަބަރު ޝާއިޢުކޮށްފައި ވެއެވެ. އެޚަބަރުގެ ސުރުޚީގައި ވެއެވެ. މެޑްރިޑްގައި އިސްލާމީ މަރުކަޒެއް ހުޅުވުނުކަމީ ސްޕޭނަށާއި މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.

މިދެންނެވި އިސްލާމީ މަރުކަޒުގައި މިސްކިތަކާއި، ހޯލަކާއި، ކޮލެޖަކާއި، ލައިބްރަރީއެއް ހަދައިފައި ވެއެވެ. އެމަރުކަޒުން ސްޕޭނުބަހުން ތަފާތު ލިޓްރެޗަރތަކާއި މަޖައްލާތައް ނެރެއެވެ. އެތާނގެ ހޯލުގައި ޢަރަބިބަހާއި، ސްޕޭނުބަހާއި، އިނގިރޭސިބަހަށް އެއްފަހަރާ ވަގުތުން ތަރުޖަމާކުރެވުމުގެ ފަސޭހަކަން ލިބޭން ހުރެއެވެ.

ރާބިޠަތުލްޢާލަމުލް އިސްލާމީގެ އެހީއާއެކު ސްޕޭނުގެ އިސްލާމީ މަރުކަޒުގައި ވަރަށް ގިނަ ޙަރަކާތްތަކެއް ހިންގަމުން ގެންދެއެވެ. އޭގެތެރޭގައި މުދައްރިސުން ތަމްރީނުކުރުމާއި، ޢަރަބިބަސް ކިޔަވައިދިނުމާއި، އިސްލާމީ - ކްރިސްޓިޔަން ޑައިލޮގްތައް ބޭއްވުމާއި، މިފަދަ އެތައް ޕްރޮގްރާމުތަކެއް ހިނގަމުންދެއެވެ. މިއަންނަ އަހަރު (1999) އޮކްޓޯބަރ މަހު އެމަރުކަޒުގައި އިމާމް އިބްނު ޚަޒަމްގެ ހަނދާނުގައި ވަރަށް ބޮޑު ކޮންފަރެންސެއް ބާއްވަން ތައްޔާރުވަމުން އެބަދެއެވެ.

އިސްލާމީ ސްޕޭނުގެ ދައުރުގައި މެޑްރިޑްގެ ނަމަކީ މަޖްރީތެވެ. "މެޑްރިޑް" މިނަން އުފެދިފައިވަނީ މަޖްރީތުންނެވެ. އެދުވަސްވަރު މަޖްރީތު މަޝްހޫރުވެފައި އޮތީ މުސްލިމުންގެ މަޝްހޫރު ފަލަކީ ޢިލްމުވެރިޔެއްކަމުގައިވާ އަބުލްޤާސިމް މަސްލަމާ (އަވަހާރަވީ 1007މ. ގައި) ގެ ނަންފުޅާ ގުޅިގެންނެވެ. އޭނާ ރައްކައުވީ މެޑްރިޑްގައެވެ. އެހެންކަމުން އޭނާގެ ނަންފުޅަކަށް އާއްމުވެފައި އޮތީ އަލްމަޖްރީތީއެވެ.

ސްޕޭނުގެ އިސްލާމީ މާޒީ އަނބުރައި ގެނައުމަށް ވަރަށް ފުޅާދާއިރާއެއްގައި މިހާރު ދަނީ މަސައްކަތް ކުރެވެމުންނެވެ. އެމަސައްކަތުގެ މުގުލުގައި ތިބީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ސްޕޭނުދެކެ ލޯބިވާ ސްޕޭނުގެ ޢިލްމުވެރީންވެސް ތިއްބެވީ އެމަސައްކަތަށް އަތުކުރި އޮޅައިލައްވައިގެންނެވެ. ޚުދު ސްޕޭނުގެ ސަރުކާރުގެ ތާއީދާއި އެއްބާރުލުންވެސް އެކަމުގައި ދަނީ ލިބެމުންނެވެ.

ދެވަނަ ބޮޑުހަނގުރާމަ ހުއްޓުމަށްފަހު ސްޕޭނުގެ ޢިލްމުވެރީން ވަރަށް ވަރުގަދަޔަށް ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. ސްޕޭނުގެ މުސްލިމު ދައުރު ތާރީޚުން ބޭރުކުރެވުނުކަމީ އަހަރެމެންނަށް ހެދިފައި އޮތް ވަރަށްބޮޑު ގޯހެކެވެ. އަހަރެމެން އަމިއްލަޔަށް ލިބިގަތް ގެއްލުމެކެވެ. އެދުވަސްވަރަކީ ސްޕޭނުގެ މުޅި ތާރީޚުގެވެސް އެންމެ ކުލަގަދަ އެންމެ ރަން ދައުރެވެ. ޔޫރަޕްގެ އާ ހޭލައިގަތުމުގެ ބިންގާ އަޅައިދިނީ ސްޕޭނުގެ އޭރުގެ ޢިލްމީ ތަރައްޤީއެވެ. އަހަރެމެންގެ ތާރީޚާ އެދައުރު ގުޅައިލުމުން އަހަރެމެންނަކީ މިޒަމާނުގެ ތަރައްޤީގެ މޭސްތިރީން ކަމުގައި ވެދާނެއެވެ. ތާރީޚުގެ އެދައުރު ދޫކޮށްލުމުން އަހަރެމެންގެ އަތަކު ފަޚުރުވެރިކަމާއެކު ދުނިޔޭގެ ކުރިމައްޗަށް ހުށަހަޅައިލެވޭނެ އެއްވެސް އެއްޗެއް ނެތެވެ. މިގޮތަށް މިވާހަކަ ދައްކަވާ ސްޕޭނުގެ ޢިލްމުވެރީންގެ ލިސްޓަކީ ވަރަށްދިގު ލިސްޓެކެވެ. އެލިސްޓުގައި ހިމެނިވަޑައިގަންނަވާ އެންމެ ޚާއްޞަ ބޭފުޅުންގެ ތެރޭގައި ޑޮކްޓަރ ގަޔަންގޯސް، ޑޮކްޓަރ އެމްރީކޯ ކާސްތުރޯ، ޑޮކްޓަރ ބަދުރު މާތީނީޒް މޮންތާބަޘް ފަދަ ބޭފުޅުން ހިމެނިވަޑައިގަނެއެވެ.

ސްޕޭނުގެ މީހުންގެ އާ ވިސްނުމާ އެއްގޮތަށް ސްޕޭނުގައި ވަރަށްގިނަ ހަރަކާތްތަކެއް ހިނގަމުން އެބަދެއެވެ. މިސާލެއްގެ ގޮތުން ސްޕޭނުގެ ޤުރުޠުބާ (Cordoba) ގެ ވަރަށްގިނަ މަގުތަކުން މިހާރު ފެންނަނީ މުސްލިމް ޝަޚްޞިއްޔަތުތަކަށް ނިސްބަތްކުރެވޭ ނަންބޯޑުތަކެވެ. މިސާލަކަށް ޝާރިޢު އިބްނު ރުޝްދު، ޝާރިޢު އިބްނުލްވަލީދު، ޝާރިޢު އަލްމަންޞޫރު، ޝާރިޢު އައްޒަހްރާވީ އާއި އަދި މިނޫންވެސް އެތައް ނަމެކެވެ.

ކަލާއަށް ސްޕޭނަށް ވަޑައިގެންނެވިއްޖެނަމަ ޤުރްޠުބާގެ މަގުތަކުގެ ކައިރިން ކަލާއަށް ވަރަށްގިނަ މުސްލިމް ޝަޚްޞިއްޔަތުތަކުގެ ސްޓެޗޫތައްވެސް ފެނިވަޑައިގަންނަވާނެއެވެ. މިސާލެއްގެ ގޮތުން 1967 ގައި ވަނީ އިބްނު ރުޝްދުގެ މުޖައްސިމާއެއް ބެހެއްޓިފައެވެ. 1963 ގައި ވަނީ ޢަލީ ބިން ޙަޒަމްގެ މުޖައްސިމާ ބެހެއްޓިފައެވެ. 1965 ގައި ވަނީ ޙަކީމުލްޢުޔޫން މުޙައްމަދު ބިން ޤުސޫމްގެ މުޖައްސިމާ ބެހެއްޓިފައެވެ. މީގެއިތުރަށްވެސް މުސްލިމް އެތަކެއް ޝަޚްޞިއްޔަތުތަކެއްގެ މުޖައްސިމާތައް މިހާރުވަނީ ބަހައްޓައިފައެވެ.

މިގޮތުން ސްޕޭނުގައި ބަހައްޓައިފައިވާ އެންމެ ޚާއްޞަ މުޖައްސިމާއަކީ ސްޕޭނުގެ އިސްލާމީ ޚިލާފަތުގެ ބާނީ ކަމުގައި ފާހަގަކުރެވޭ ޢަބްދުއްރަޙްމާން އައްދާޚިލުގެ ވަރަށްބޮޑު މުޖައްސިމާއެކެވެ. އެ މުޖައްސިމާ ބަހައްޓައިފައިވަނީ ޣަރްނާޠާގެ ކައިރިން ކަނޑުގެ އައްސޭރީގެ (Almuneecar) އެވެ ކިޔުނު ތަނުގައެވެ. އުމަވީ ރަސްދަރިކަލެއް ކަމުގައިވާ ޢަބްދުއްރަޙްމާން އައްދާޚިލް ސްޕޭނަށް ވަޑައިގެން ފައިބައިވަޑައިގަތީ އެދިމާއަށެވެ. އެ މުޖައްސިމާ ބަހައްޓައިފައިވަނީ ފަސްމީޓަރު އުސް ކުންނެއްގެ މަތީގައެވެ. އެ މުޖައްސިމާ ހަދައިފައިވަނީ ޢަބްދުއްރަޙްމާން އޭނާގެ ކަނޑިކޮޅު ބިންމަތީގައި ވިއްދައިލައްވައިގެން ފަތަޙައިގެ ހިނިތުންވެވަޑައިގަތުމެއްގައި ހުންނެވި މަންޒަރު ސިފަވާގޮތަށެވެ.

ސްޕޭނުގެ އިސްލާމީ ދައުރާއި ސްޕޭނުގައިވާ މުސްލިމުންގެ ރަށްވެހިކަމުގެ ތަރިކަ ފަޚުރުވެރިކަމާއެކު އިޝްތިހާރު ކުރުމަށް ސްޕޭނުގެ ތަފާތު ދާއިރާތަކުން ވަރަށްބޮޑަށް މަސައްކަތް ކުރެވެމުން އެބަދެއެވެ. މި މަސައްކަތުގައި ސްޕޭނުގެ ޔުނިވަރސިޓީތަކާއި ވިޔަފާރީގެ އިދާރާތައްވެސް ބައިވެރިވެއެވެ.

ސްޕޭނުގެ އެއަރލައިން (Iberia) ގެ ފްލައިޓް މެގަޒިން (Ronda Iberia) އަކީ މިގޮތުން ފާހަގަކޮށްލެވޭ މަޖައްލާއެކެވެ. 130 ޞަފްޙާގެ އެ މަޖައްލާ ރާވާފައިވަނީ ފަތުރުވެރީންނަށް އަމާޒުކޮށްގެންނެވެ. އެ މަޖައްލާގައި ދާދިފަހުން އަރްނާޠާގެ ކުލަފޮޓޯތަކާއެކު ވަރަށް ތަފްސީލު މަޒުމޫނެއް ޝާއިޢުކޮށްފައިވެއެވެ. އިނގިރޭސިބަހުންނާއި ސްޕޭނުބަހުން ޝާއިޢުކޮށްފައިވާ މި މަޒުމޫނުގެ ސުރުޚީއަކަށް އޮތީ: Granada, paradise regained އެވެ. އެ މަޒުމޫނުގައި ޣަރުނާޠާގެ ރީތި ފޮޓޯތަކާއެކު ލިޔެފައިވެއެވެ. މި ޢިމާރާތްތަކާއި މި ބަގީޗާތައް ހެދިފައިވަނީ އަހަރެމެން ލިބިގަތުން އެދޭ ސުވަރުގޭގެ ނަމޫނާތަކެއް ދުށުމަށްޓަކައެވެ. މިތާނގައި ބިމުގެ ވެށި ވަނީ އަހަރެމެންގެ އުންމީދުގައިވާ ސުވަރުގޭގެ ނަމޫނާއަކަށް ހަދައިލެވިފައެވެ. ސްޕޭނުގެ މުސްލިމް ޣަރްނާޠާއަކީ ބިންމަތީގައި ސުވަރުގެ ހެދުމުގެ މިސާލެކެވެ. އެ މަޒުމޫނު ކުރިޔަށް ގެންދަމުން ލިޔެފައިވެއެވެ.

"މުސްލިމް ރަސްރަސްކަލުން އެބޭފުޅުންގެ ނަމޫނާ ރަށް ޣަރްނާޠާއިންނާއި، އެބޭފުޅުން ހައްދަވައިފައިވާ ޢަދަނުގެ ސުވަރުގެއިން ނެރެލެވުނުތާ ފަސްސަތޭކަ އަހަރުފަހުން މިހާރު ބައެއްމީހުން މަސައްކަތްކުރަމުން ގެންދަނީ އެބައިމީހުންގެ ގެއްލިފައިވާ ސުވަރުގެ އަލުން ހޯދާށެވެ."

ސްޕޭނުމީހުން ފަސްސަތޭކަ އަހަރުވަންދެން ތިބީ ސްޕޭނުގެ އިސްލާމީ ދައުރުގެ މަތީން ހަނދާން ނައްތައިލައިގެންނެވެ. ނަމަވެސް މިހާރު އެމީހުންނަށް ވިސްނިފައިވަނީ ސްޕޭނުގައިހުރި މުސްލިމް އާޘާރުތަކުގެ އަހަންމިއްޔަތު އިންޑިޔާގައި ހުރި މުސްލިމުންގެ ތާޖުމަޙަލްފަދަ ތަންތަނަށްވުރެ ކުޑަނޫންކަމެވެ.

މިޒަމާނުގެ ސްޕޭނުގައި މިމޭރުމުން ހިނގަމުންދާ ޙަރަކާތްތަކުގެ ތެރެއިން އެއްކަމަކީ 1986 ގައި ޤުރްޠުބާގައި ބޭއްވުނު ވަރަށްބޮޑު ކޮންފަރެންސެކެވެ. ބޭރު ޤައުމުތަކުންވެސް އެ ކޮންފަރެންސްގައި150 ޢިލްމުވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. އެކޮންފަރެންސްގެ މައުޟޫޢަކީ "އަންދަލުސްގައި އިސްލާމްދީން" އެވެ. މިމައިގަނޑު ނަމުގައި ވަރަށް ތަނަވަސްކަމާއެކު ތަޤްރީރުކުރެވި ބަޙުޘުކުރެވުނެވެ. ސްޕޭނުގެ މީޑިޔާއިން ހުޅުވިފައިވާ ހިތަކާއެކު އެކޮންފަރެންސަށް މަރުޙަބާ ކިޔެވެ. ސްޕޭނުގެ ކްރިސްޓިޔަނުންގެ ހައްދުފަހަނަޅައިފައިވާ މަޖައްލާ ކަމުގައިވާ ކަމްބިޔޯގެ 9 ފެބްރުއަރީ 1987 ގެ އަދަދުގައި އެކޮންފަރެންސްގެ ރިޕޯޓް ޝާއިޢުކުރިއިރު ސުރުޚީއަކަށް އޮތީ "އިސްލާމް އަހަރެމެންގެ ރަށަށް އަންނަނީއެވެ." މިފަދައިންނެވެ.
El Islam Nos Penetra (Cambio)

މުސްލިމް ޢިލްމުވެރިޔަކު މިކަމާބެހޭގޮތުން ޚިޔާލު ފާޅުކުރައްވަމުން ވިދާޅުވެފައިވެއެވެ. "ކްރިސްޓިޔަނުންގެ ދުޝްމިނުކަމާއި، އަނިޔާވެރިކަމާއި، ބޭއިންސާފާ އެކުވެސް މާތް اللّـه ގެ ދީލަތިވަންތަކަމުން ސްޕޭނުގެ ބިމުގައި އިސްލާމް ހެޔޮޙާލުގައި އެބައޮތެވެ."

ސްޕޭނުގެ ތާރީޚާ ބެހޭގޮތުން ސްޕޭނު ސަރުކާރުން 1976 ގައި ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސަކީވެސް މިތާނގައި ފާހަގަކުރުން ޙައްޤު ކޮންފަރެންސެކެވެ. ސްޕޭނު ސަރުކާރުން ބޭއްވި ފަސްދުވަހުގެ މި ކޮންފަރެންސުގެ މައިގަނޑު ނަމަކީ "ސްޕޭނުގެ ތާރީޚާބެހޭ އެންމެފުރަތަމަ ކޮންފަރެންސް" އެވެ. މިދެންނެވި ބައިނަލްއަޤްވާމީ ކޮންފަރެންސުގެ އެޖެންޑާގައި ދިރާސާކުރުމާއި ބަޙްޘުކުރުމުގެ މައިގަނޑު ނަންތަކެއްކަމުގައި ހަމަޖައްސައިފައި އޮތީ މިހާރުގެ ސްޕޭނުގެ ސިޔާސީ ވެރިރަށް މެޑްރިޑެއް ނޫނެވެ. އަދި މިހާރުގެ ޘަޤާފީ މަރުކަޒު ކަމުގައިވާ ބަރޝަލޯނާ އެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ؟ އެރަށް ރަށެއްގެ ތާރީޚީ އަދި ތަހުޒީބީ މަގާމު ހާމަކޮށްފައިވަނީ މުސްލިމް ސްޕޭނުގެ މުހިންމު ރަށްރަށުގައެވެ. އިޝްބީލިޔާ އާއި، ޤުރްޠުބާއާއި، ޣަރުނާޠާއާއި، މާލިޤާ ފަދަ ރަށްރަށެވެ. މިކަމުން އެނގެނީ ޚުދު ސްޕޭނު ސަރުކާރުގެ ނަޒަރުގައިވެސް ސްޕޭނުގެ މުސްލިމް ދައުރު ހަނދާން ނައްތައިލައިފިނަމަ ސްޕޭނުގެ ތާރީޚުގެ މާނަ ގެއްލި އަގުވެއްޓިގެންދާކަމެވެ.

މިދެންނެވި ކޮންފަރެންސްގައި ވަރަށް ޢިބްރަތްތެރި ޙާދިޘާއެއް ހިނގައިފައިވެއެވެ. އެވާހަކަ ޢަރަބި ދުނިޔޭގެ ޢިލްމުވެރިޔެއް ކަމުގައިވާ ޑޮކްޓަރ މުޞްޠަފާ އައްޝަކްޢާ ބަޔާންކުރައްވައިފައިވެއެވެ. ޑޮކްޓަރ މުޞްޠަފާއަކީ އެކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

އާދެ. އޭނާ ލިޔުއްވައިފައިވެއެވެ. ޝިކާގޯ ޔުނިވަރސިޓީގެ މަންދޫބު ޑޮކްޓަރ ސްމިތު އެކޮންފަރެންސަށް ހުށަހެޅި ކަރުދާހަކީ ފެށުނީއްސުރެ ނިޔަލަށްވެސް އިސްލާމްދީނަށާއި މުސްލިމުންނަށް ދީފައިވާ ލޭއޮހޮރުވަނިވި ޙަމަލައެކެވެ. ޚާއްޞަކޮށް އޭނާގެ ވާހަކަ ނިންމައިލަމުން ނުހަނު ޖޯޝާއެކު ބުންޏެވެ. "ސްޕޭނުގެ އަހުލުވެރީން ކޮށްފައިވާ އެންމެ މޮޅުކަމަކީ ޢަރަބީންނާއި މުސްލިމުން ސްޕޭނުން ބޭރުކޮށްލުމެވެ."

ޑޮކްޓަރ ސްމިތުގެ ވާހަކަ ނިންމައިލާއިރަށް މެޑްރިޑް ޔުނިވަރސިޓީގެ ޕްރޮފެސަރ ޑޮކްޓަރ މޮންތާބަޘް ތެދުވެވަޑައިގެންފިއެވެ. އޭނާ ނުހަނު ބާރުހުރި ލަފުޒުތަކަކުން، އެމެރިކާގެ އޮރިއެންޓަލިސްޓަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. "ޑޮކްޓަރ ސްމިތު ތާރީޚު ކިޔަވައި ވިދާޅުވެފައެއް ނެތެވެ. އަދި ތާރީޚާމެދު ވިސްނައިވަޑައިގެންފައެއްވެސް ނެތެވެ. ސްޕޭނު އިސްލާމްދީނާއި އިސްލާމީ ތަހުޒީބުގެ ހިޔާވަހިކަމުގައި ވޭތިކުރި އަށްސަތޭކަ އަހަރު ނެތްނަމަ އަޅުގަނޑުމެންގެ ޤައުމަށް ދުވަހަކުވެސް ތަހުޒީބުގެ ތާރީޚުގެ ތެރެއަކަށް ނުވަދެވުނީހެވެ. ޖާހިލުކަމާއި، ތަންދޮރު ނޭނގުމާއި، ފަޤީރުކަމުގައި އޮތް އަޅުގަނޑުމެންގެ އަވަށްޓެރި، އަކުރު ނުދަންނަ ޔޫރަޕަށް ޢިލްމާއި ސަޤާފަތް ފަތުރައިލުމުގެ އެކަށޭނަކަން ސްޕޭނަށް ލިބުނީ އެ އަށްސަތޭކަ އަހަރުގެ ސަބަބުންނެވެ."

(ނުނިމޭ)