ފޭސްބުކް

ކޮވިޑް 19 : މީޑިއާތަކަށް އެހީވުމަށް ފޭސްބުކުން 100 މިލިއަން ޑޮަލަރުގެ އެހީ

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19އާއި ގުޅިގެން ގެއްލުން ވަމުންދާ މީޑިއާތަކަށް އެހީވުމަށް ފޭސްބުކުން 100 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

ކޮވިޑުގެ ސަބަބުން އިގްތިސޯދަށް ލިބެމުންދާ ގެއްލުން ތަކާއެކު މީޑިއާތަަކަށް އިސްތިހާރު ދެމުންދާ ކުންފުނިތައް އެ އިޝްތިހާރުތައް ހުއްޓާލަމުންދާތީ ގިނަ މީޑިއާތަކެއް އޮޕަރޭޓް ކުރުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތި ވެފައެވެ. ހާއްސަކޮށް އެމެރިކާގައި ޕްރިންޓް މީޑިއާތައް ދަނީ ބަންދު ކުރަމުންނެވެ.

ފޭސްބުކުން މި ހަމަޖެއްސި ބަޖެޓުގައި 25 މިލިއަން ޑޮލަރު ބޭނުން ކުރާ ގޮތަށް ހަމަޖައްސާފައިވަނީ އެމެރިކާގެ މީޑިއާތަކަށް އިމަޖެންސީ ގްރާންޓް ފަންޑެއްގެ ގޮތުގައެވެ. އަދި 75 މިލިއަން ޑޮލަރަކީ ދުނިޔޭގެ މީޑިއާތަކުގެ މާކެޓިން އަށް ހަރަދު ކުރާނެ ބަޖެޓެއް ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކުން ބުނީ ފުރަތަމަ ބުރުގައި އެމެރިކާ އަދި ކެނެޑާގެ 50 މީޑިއާއަކަށް އެހީ މިހާރު ދީފައި ވާނެ ކަމަށެވެ.

ގޫގުލްއިންވެސް ވަނީ މިދިޔަ ހުކުރު ދުވަހު 800 މިލިއަން ޑޮލަރުގެ ފަންޑެއް އެޑް ކްރެޑިޓްގެ ގޮތުގައި ވިޔަފާރިތަކާއި ސިއްހީ ޖަމިއްޔާތަކަށް ދޭން ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ.