ޚަބަރު

ގިފިލީގައި ހުރި އަންހެނެއްގެ ފޮޓޯނަގައި ބްލެކްމެއިލް ކުރިކަމަށް ބުނާ މައްސަލައިގައި ސަބަބެއް ނުދެއްކުނު: ފުލުހުން

އައިދާ އަބްދުލް ހަކީމް

ހއ. ބާރަށު ޕޮލިސް ސްޓޭޝަންގެ ފުލުހަކު ޑްރޯން އެއް ބޭނުންކޮށްގެން އަންހެނަކު ގިފިލީގައި ހުއްޓައި ފޮޓޯ ނަގައި ބްލެކްމެއިލް ކުރި ކަމަށް ބުނާ މައްސަލާގައި އެއްވި މީހުންނަށް އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެގެ ވަގުތެއްގައި ހއ. ބާރަށު ޕޮލިސް ސްޓޭޝަން ދޮށަށް އެރަށު ޒުވާނުންގެ ބަޔަކު އެއްވި ކަމަށެވެ. އެކަމާއި ގުޅިގެން އެ ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކު އެރަށު މީހަކާއި މުހާތަބު ކުރި ގޮތާއި މެދު ހިތްހަމަނުޖެހިގެން އެފުލުސް މީހާ އެރަށުން ބޭލުމަށް ގޮވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލަ އާއި ގުޅިގެން އެރަށަށް އިތުރު ފުލުހުން ރޭ 23:50 ހާއިރު ދިޔަ ކަމަށެވެ. އަދި އެރަށުގެ ކައުންސިލްގެ ރައީސް ހިމެނޭހެން ފަސް މީހުންގެ ޓީމަކުން އެއްވި މީހުންނާއި ވާހަކަ ދެއްކުމަށްފަހު އެމީހުންނަށް އެކަށީގެންވާ ހެއްކެއް ދެއްކިފައި ނުވާތީ ރޭ 01:53 ހާއިރު ނަސޭހަތް ދިނުމަށްފަހު އެމީހުން ފޮނުވާލައިފައިވާ ކަމަށެވެ.

އެރަށުން އެއްވި މީހުން ބުނެފައިވަނީ ފުލުސް މީހާ ފޮޓޯ ނެގައިގެން އެ އަންހެންމީހާ ބްލެކް މެއިލް ކޮށްފައިވާ ކަމަށެވެ.