އައްޑޫ ސިޓީ

އައްޑޫ ސިޓީގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށްޓަކައި ދަނޑު ހެއްދުމަށް ބިން ދޫކުރަން ހުޅުވާލައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ޓުރިޒަމް ދަށަށް ގޮސް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އައްޑޫ ސިޓީގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށްޓަކައި، އޮޅު ހެއްދުމަށާއި، ދަނޑުވެރިކަމަށް އިތުރު ބިންތައް ދޫކުރުމަށް ނިިންމައި އައްޑޫ ސިޓީ ކައުންސިލުން އެކަމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީކައުންސިލުން ބުނީ އަލަށް ދަނޑު ހެއްދުމަށާއި އޮޅު ހެއްދުމަށް ބިން ބޭނުންވާ ފަރާތްތަކުން އިއްޔެއިން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކަމަށް ބިން ބޭނުންވާ ފަރާތްތަކުން، އައްޑޫ ސިޓީގެ ކޮންމެ އަވަށެއްގެ އަވަށު އޮފީހަށް މެއިލް ކުރުމަށް އެދޭ ކަމަށް ވެސް ކައުންސިލް އިދާރާއިން ބުނެފައި ވެއެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫ ސިޓީގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށްޓަކައި މިހާރުވެސް ދަނޑުވެރިކަމަށާއި އޮޅު ހެއްދުމަށް ބިން ދޫކޮށްފައިވާ ފަރާތްތަކުން ހުއްޓާނުލައި ގޮވާން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް އެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކައުންސިލް އިދާރާއީން ބުނީ، ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ދޭ އެހީތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.