ސްކައުޓް އެސޯސިއޭޝަން ކައުންސިލްގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޗީފް ސްކައުޓްގެ މަގާމު ގަބޫލުފުޅުކުރައްވާފައި ވާތީ ސްކައުޓް އެސޯސިއޭޝަން ކައުންސިލްގެ ފަރާތުން ވަނީ އެމަނިކުފާނުގެ ކަރުފުޅުގައި ޗީފް ސްކައުޓްގެ ރަމްޒީ ސްކާފް އަޅުއްވައިދެއްވައިފައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކައުޓްގެ ހަރަކާތްތައް ކުރިޔަށްގެންދިޔުމުގައި ސްކައުޓް އެސޯސިއޭޝަނަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންދެއްވައިފައެވެ.
ސްކައުޓް އެސޯސިއޭޝަން ކައުންސިލްގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޗީފް ސްކައުޓްގެ މަގާމް ގަބޫލުފުޅުކުރެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރައްވައިފައެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ މެންބަރުން ވަނީ ރާއްޖޭގައި ސްކައުޓްގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި ކުރިޔަށް އޮތް އަހަރު ސްކައުޓް ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ގޮތުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ސްކައުޓް އެސޯސިއޭޝަން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ރަމްޒީ ހަދިޔާއެއް ވެދުންކުރައްވައިފައެވެ.