ޚަބަރު

ކޮވިޑް 19: ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދީފި

އަލީ ޔާމިން

ކަނޑުގައި ދުއްވާ އުޅަނދުފަަހަރުގެ ސަލާމަތީ ސެޓްފިކެޓާއި ލައިސަންސްގެ މުއްދަތު ޓްރާންސްޕޯޓު އޮތޯރިޓީން އިތުރުކޮށްދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް 19 އާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ މިމަހުގެ އެއްވަނަ ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 30 ޖޫން 2020ގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.

ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށްދިން ނަމަވެސް އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމުކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު، ދަތުރަށް ފެށުމަށް އުޅަނދުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުންނަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސްކުރެއެވެ.

އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް 12 މާޗް 2020ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 31 ޖުލައި 2020ގެ ކުރިން ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯދައިފިނަމަ އެ އުޅަނދެއް ޖޫރިމަނާ ނުކުރާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު މިމަހުގެ އެއް ވަނަ ދުވަހަށް ފަހު ހަމަވި ނަމަވެސް، އެ ލައިސަންސްގެ މުއްދަތު 30 ޖޫން 2020ގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއިން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (ސީ.އޯ.ސީ) މުއްދަތު ހަމަވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި ރަޖިސްޓަރީކޮށްގެން އޮޕަރޭޓްކުރާ ބޭރު ގައުމުތަކަށް ދަތުރުކުރާ އުޅަނދު ފަހަރަށް ދޫކޮށްފައިވާ ސޭފްޓީ ސެޓްފިކެޓްތަކުގެ ތެރެއިން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަވެފައިވާ ސެޓްފިކެޓުތަކުގެ މުއްދަތުވެސް ވަނީ 30 ޖޫން 2020ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.