ކުއްލި ޚަބަރު

ކޮވިޑް 19 : މުދާ އެތެރެކުރާ ފަރާތްތަކަށް ލުއިތަކެއް ދޭން އެމްޕީއެލުން ނިންމައިފި

މަރިޔަމް ޝަހުދާ

މުދާ އެތެރެކުރާ ފަރާތްތަކަށް ލުއިތަކެއް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ ކަންކަމަށް ސަރުކާރުގެ ފަރާތުން ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ އިމްޕޯޓަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް އެމްޕީއެލުން އެކި ނިންމުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލެ، ހުޅުމާލެ، ކުޅުދުއްފުށި އަދި ހިތަދޫގެ ސްޓޯރޭޖް ޑެމަރޭޓް ކުރުމަށް އެމްޕީއެލުން ނިންމާފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

އެމްޕީއެލްގެ މި ނިންމުމުގެ ދަށުން މާލެ އަދި ހުޅުމާލޭގެ ޑެމަރޭޖް ރޭޓުން %20 ޑިސްކައުންޓެއް ހަމަޖެއްސުމަށް އެމްޕީއެލުން ނިންމި ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި ކުޅުދުއްފުއްޓާއި ހިތަދޫ ސްޓޯރޭޖް ޑެމަރޭޓް ރޭޓުން %50ގެ ޑިސްކައުންޓެއް ދިނުމަށް އެމްޕީއެލުން ނިންމާފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. މީގެ އިތުރުން ޑެމަރޭޖް ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކުމަށް ދެވޭ މުއްދަތު ހަތަރު މަހުން ހަ މަހަށް އިތުރުކޮށްފައިވާ ކަމަށް މިކަމާ ގުޅިގެން އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފްރީ ސްޓޯރޭޖް ނުވަތަ ހިލޭ މުދާ ބެހެއްޓޭ މުއްދަތު އެމްޕީއެލުން އިތުރު ދެ ދުވަހަށް އިތުރު ކޮށްފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. ކުރިން ފްރީ ސްޓޯރޭޖުގެ މުއްދަތަކީ ދިހަ ދުވަހެވެ. ނަމަވެސް މިބަދަލާއެކު ފްރީ ސްޓޯރޭޖްގެ މުއްދަތު 12 ދުވަހަށް ވަނީ ބަދަލުވެފައެވެ. އަދި އެމްޕީއެލްގެ ބޮންޑެޑް ވެއާހައުސްތަކުގެ ލައިސެންސް ފީ %50 ކުޑަކުރަން ނިންމާފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުމަކީ ކޮވިޑް 19ގެ ސަބަބުން އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.