ވާހަކަ

ކޮންމެ ހިނދެއް - 35

2

"އެހެންވިއްޔާ މަންމަވެސް އަޑުއަހާ. އަހަރެން މި ކައިވެންޏެއް ނުކުރާނަން. އަހަރެން މިއީ ތި މަންމަގެ ދަރި. މި ކައިވެނި އަހަރެން ލައްވާ ކުރުވަން ދެން އެންމެ ބާރެއް މަންމަ އެޅިޔަސް މިގޭ ތެރެއަށް ވައްދަންޖެހޭނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު" އާރިޔަން ފަލަކްނާޒްގެ މޫނަށް ބަލައިވެސްނުލާ ކޮޓަރިން ނިކުމެގެން ދިޔައެވެ. ފަލަކްނާޒަށް ހުރެވުނީ އަނގައިން ބަސްހުއްޓިފައެވެ. އާރިޔަން ބުނެފައި އެދިޔަ ބަސްތައް އަދިވެސް ހީވަނީ އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުރި ހެންނެވެ.

ގޭ ދޮރުން ނިކުންނަން ބާރު ހިނގުމުގައި ދިޔަ އާރިޔަން މަޑުޖެހުނީ އަނުމްގެ ކޮޓަރިން ނިކުތް ނާސިހް ފެނިފައެވެ. ނާސިހް މޫނުމަތީގައިވާ ކުލަވަރު ފެނިފައެވެ. އާރިޔަން ކުރިމަތިން ހުރަސްކޮށް ސޯފާއާއި ދިމާލަށް ދިޔަ ނާސިހް ފެނި އާރިޔަން ހިތުގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އޭނާ ނާސިހް ފަހަތުން ގޮސް ސޯފާގައި އިށީނދެއްޖެއެވެ. ކައިރީގައި މީހަކު އިންހެން ހީވުމުން ނާސިހް ބަލައިލިއެވެ.

"އާރިޔަން.." ކޮންއިރަކު ގެއަށް އައީ…؟" އާރިޔަން ފެނުމުން ނާސިހް އަހައިލިއެވެ.

"އިރުކޮޅެއްވެއްޖެ. ކިހިނެއްވެފަ މާ އުދާސްވެފަ ތި އިންނަނީ" އާރިޔަން ވާހަކަދެއްކިއެވެ.

"އަނުމްގެ ކަންތަކާ ބައްޕަ ވިސްނަން ހަދައިގެން މޮޔަވެދާނެ. އެމަންޖެ އާ އަޅާލަން ބައްޕަ ނޫން ހުރީ ކާކު؟ މައެކޭ ކިޔާފަ ހުރި މީހާ ކުރިމަތީގައި އެ މަންޖެ މަރުވެފައި އޮތްތަން ފެނުނަސް ޔަގީން ދާނީ ފައިންޖަހާ އެއްކައިރި ކޮށްލާފައިކަން" ނާސިހް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވާ ވޭނާއި ހިތްދަތިކަމެއްގެ ސަބަބުން އާރިޔަންގެ ހިތުގައި ރިއްސައިލިއެވެ. ނާސިހް އެބުނީ ތެދެއްކަން މާކުރިންވެސް އާރިޔަންއަށް އިނގެއެވެ.

"އަނުމް…. އަނުމްއަށް ކިހިނެއްވީ؟؟" އާރިޔަން އަހައިލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ.

"ނޭނގެ. ހަފްތާއެއް ވަނީ ރަނގަޅަށް ކަނީއެއްނޫން. ކޮޓަރިން ބޭރަށް ނިކުންނަނީއެއްނޫން. މީހާ ހީވަނީ މަރުވެފަ އޮންނަ މައްޔިތެއްހެން. މޫނު މަތީގަ އެއްވެސް ދިރުމެއްނެތް. ހީވަނީ މޫނުމަތީގަ ލޭކޮޅު ދަމާލާފައި ހުރިހެން" ނާސިހް ވާހަކަދެއްކިއެވެ. އާރިޔަން ހިންދިރުވާލިއެވެ. އިވިގެންދިޔަ ވާހަކަތަކުން އާރިޔަން ހިތް ރޮއެގަނެފިއެވެ. އަނުމްއަށް އެހެން އެވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އަނުމް ބޮޑު ބައްޔެއްވާން އުޅެނީ ހެއްޔެވެ؟

"ބައްޕަގެ ހިތް ބުނަނީ އަނުމް ކޮންމެސް ކަމަކާ އެބަ ވިސްނައޭ… އާރިޔަން ކައިރީގަ އެބަހުރިތަ އެއްވެސް ފިރިހެންކުއްޖެއްގެ ވާހަކަ ދައްކާފަ. ބައްޕަ މިހެން މިބުނީ އާންމުކޮށް އެފުރާގެ އަންހެންކުދިންނަށް އެކަހަލަ ބަދަލުތައް އަންނާނީ އެކަހަލަ ކަންތަކާ ގުޅިގެން" ނާސިހް ވާހަކަދެއްކިއެވެ.

"އަޅުގަނޑު ކައިރީގައި ނެތް ތިކަހަލަގެ ވާހަކައެއް ދައްކާފައެއް. އަޅުގަނޑަށް ހިއެއްނުވޭ އަނުމް އެކަހަލަ ކަމެއް ކުރާހެނެއް" އާރިޔަން ބުނެލިއެވެ.

"މިއަދުވެސް އެއްވެސް އެއްޗެއް ނުކައި އެ އޮންނަނީ. މެންދުރު ބައްޕަގެ ހިތަށް ކެތްނުވެގެން ޖޫސްތައްޓެއް ހިފައިގެން ގޮސް ދިނީމަ އެބޯލި. އަލަމްވެސް ވަރަށް ދެރަވެގެން އެވާހަކަ ދައްކައިފި" ނާސިހް ވާހަކަދެއްކިއެވެ.

އާރިޔަންއަށް ނޭނގިހުއްޓާ އޭނާގެ ދެލޮލުން ކަރުނަތިއްކެއް ފޭދިގެން ދިޔައެވެ. ނާސިހް ބަލައިލުމުގެ ކުރިން އޭނާ އަވަސް އަވަހަށް ދެލޯ ކައިރި ފޮހެލައިފިއެވެ.

"އާރިޔަން އަނުމް އާ ވާހަކަދައްކާލަބަލަ. ވީގޮތް ނިކަން އޮޅުންފިލުވަބަލަ. އަނުމް ކައިރީގައި ބުނޭ ކޮޓަރިން ނުނިކުންނަން އޮތަސް ކުޑަ މިންވަރެއް ނަމަވެސް ކަރުން އެތެރެއަށް ލައިގެން އޮންނާށޭ…" ނާސިހް ވާހަކަދެއްކިއެވެ.

އޭނާ އެތަނުން ތެދުވެގެން ހިނގައިގަންނަދެން އާރިޔަން ބަސްހުއްޓިފައި އިނެވެ. އަނުމްގެ އެ ހާލަތުގެ ޒިންމާވާންޖެހޭ ފަރާތަކީ ހުދު އޭނާ އޭ ހިތް ބުނަން ފަށައިފިއެވެ. އަނުމްގެ ހިތުގައި އޮތް އެއްޗެއް ބުނަން ނޭނގުނަސް އަނުމް އޭނާގެ ލޯތްބަށް އެދޭކަން އޭނާއަށް ހީވާން ފަށައިފިއެވެ. އެކަމަކު އެހެން ވެދާނެ ހެއްޔެވެ؟

އަލުން އޮފީހަށް ދިޔުމުގެ ބަދަލުގައި އާރިޔަން މިސްރާބުޖެހީ ކޮޓަރިއާއި ދިމާލަށެވެ. އެތަނުގައިވެސް މަޑުކުރެވެން ނެތުމުން އޭނާ އަލުން ގެއިން ބޭރަށް ނިކުންނަން އުޅެފައިވެސް އަނުމްގެ ކޮޓަރިއާއި ހަމައިގައި މަޑުކޮށްލިއެވެ. ތަޅުގައި އަތްލާފައިވެސް ހުޅުވާލަން އޭނާއަށް ނުކެރުނެވެ. ދޮރުފަތުގައި ބޯޖަހާލައިގެން ހުރިއިރު އޭނާ ހިތުގެ އަޑިން އަނުމްއަށް ގޮވަމުން ދިޔައެވެ. ރޮވެންއުޅޭ ކަހަލަ އިހުސާސެއް ކުރެވެން ފެށުމުން އެދޮރުފަތުގެ އެތެރޭގައިވާ އަންހެންކުއްޖާ ހިތަށް ސިފަކުރަމުން ދޮރުފަތުގައި ބޮސްދިނެވެ. އޭނާ ބާރު ހިނގުމުގައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

"އަނުމް… އަހަރެން އަންނާނަން. ވެއިޓް ފޯރ މީ" އެދިޔަ ދިޔުމުގައި އެއްފަހަރު އޭނާ ބުނެލިއެވެ.

ނިދާފައި އޮތް އާވާއަށް ބަލައިލުމަށްފަހު މާހިލް ތެދުވީ ސައިޑްކަބަޑް މަތީގައި އޮތް އޭނާގެ ފޯނު ހުއްޓުމެއްނެތި ވައިބްރޭޓްވާތީ އުނދަގުވެގެންނެވެ. އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. ނައިޝީގެ ނަންބަރު އަރަފާއި އިންތަން ފެނުމުން މާހިލްގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ. ނައިޝީގެ އުނދަގުލެއް ނުޖެހޭތާ ދުވަސްތަކެއް ވުމުން އޭނާ ހީކޮށްގެން ހުރީ އެކަމުން އޭނާ ސަލާމަތްވީ ކަމަށެވެ. ނަމަވެސް އެހެނެއްނުވިއެވެ. މާހިލްއަށް މޫނު މަތީގައި އަތް އުނގުޅާލެވުނެވެ. ބިޒީކޮށްލަން އުޅެފައިވެސް އޭނާ ފަސްޖެހުނެވެ. ފޯނު ނިވާލާންވެސް އޭނާއަށް ނުކެރުނެވެ. އެކަހަލަ ކަމެއް މާހިލް ކޮށްފިނަމަ ނައިޝީ މަޑުން ނުހުންނާނޭކަން އޭނާއަށް އިނގޭ ކަހަލައެވެ.

އެތައް އިރަކު ވިސްނަން އިނުމަށްފަހު މާހިލް ފޯނު ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނިދާފައި އޮތް އާވާއަށް ނަޒަރެއްދެމުން އޭނާ ކޮޓަރިން ނިކުތެވެ.

"ކިހިނެއްވީ؟ މިއީ ކިހާ ދެރަކަމެއް. މީކީ މީހުން މީހުންގެ ފިރިންނަށް ގުޅާ ގަޑިއެއްނޫން" ފޯނު ކަންފަތުގައި ޖަހަމުން މާހިލް ބުނެލިއެވެ. ދަތްފިލާ ޖައްސާ ބާރުކޮށްގެން ވާހަކަދެއްކިޔަސް އަޑުގައިވަނީ ހަރުކަށި ކަމެވެ. ބާރު ހިނގުމުގައި ސިޑިން ފައިބައިގެން ގޮސް ހުއްޓުނީ ސިޓިންރޫމު މެދުގައެވެ.

"ހަނދާންނެތުނީތަ؟ އަހަރެންގެ ބޭނުން އެންމެފުރަތަމަ ކޮށްލި ރޭ ވެސް އަހަރެން ގެންދިޔައީ އަހަރެންގެ ފިރިމީހާ ކައިރީގައި ނިދާފައި އޮށްވާ. އޭރު ނޭނގޭތަ އަހަރެންނަކީވެސް މީހެއްގެ އަންބެއް ކަމެއް" ފޯނުގައި ހުރި ނައިޝީ ބުނެލިއެވެ.

"ބޭކާރު ވާހަކައެއް އަހާކަށް ވަގުތެއްނެތް. މިގަޑީގަ ތިގުޅީ ކީއްކުރަން" މާހިލް އަހައިލިއެވެ. ކަނުއަނދިރިކަން ފެތުރިފައިވާ ސިޓިންރޫމުގައި އޭނާ ހުރިއިރު މުޅި ތަނަށް ވެރިވެފައި އޮތީ ހިމޭންކަމެވެ.

"ދޮރުހުޅުވާ. މިހިރީ ދޮރުމަތީގަ. މޫނު ބަލައިލަން އައިސް މިހުރީ. ވަރަށް މުހިންމު ވާހަކައެއްވެސް ހިފައިގެން އައިސް މިހިރީ" ނައިޝީ ވާހަކަދެއްކިއެވެ.

"ނުވާނެ ތިކަމެއް. ދަންވަރު އަހަރެންގެ އަންހެނުން ނިދާފައި އޮށްވާ އަހަރެންވީ ކަލޭ މިގެއަށް ވައްދައިގެން ހެވިފައި ހުންނަންތަ؟" މާހިލް ރުޅިއައެވެ.

"އެހެންވިއްޔާ ތިގޭ އެންމެން ނިދިން ހޭލައްވަން އަހަރެން ކަމެއް ކުރިޔަސް އެކަމުގެ ޒިންމާ އަހަރެންގެ ބޮލުގައި ނާޅުވާތި" ނައިޝީ ބުނެލިއެވެ.

"މަޑުކުރޭ…" މާހިލް ފޯނު ކަނޑައިލިއެވެ. ގޮތްހުސްވެފައިވާ މީހެއް ފަދައިން ދެއުކުޅުގައި އަތް އަޅުވާލައިގެން ހުރުމަށްފަހު ގޮސް ދޮރު ހުޅުވާލައިފިއެވެ. ކުރިމަތީގައި ހެވި ދިލިފައި ހުރި ނައިޝީ އެތެރެއަށް ދެމިގަތުމަށްފަހު ދޮރުލެއްޕިއެވެ.

"ތިއީ ކޮންކަހަލަ ސަމާސާއެއްތަ؟" މާހިލް ބުނެލިއެވެ. މީހަކު ހޭލައިގެން އަތުވެދާނެތީ އެބިރުވެސް އޭނާގެ ހިތުގައި އޮތެވެ.

"ވަރަށް ކުޑައިރުކޮޅެއް" މާހިލް ބުނާ އެއްޗަކަށް ބެލުމެއްނެތި ނައިޝީ މާހިލްގެ ހަށިގަނޑުގައި ބައްދައިގަތެވެ. ފަހަތަށް މާހިލް ކޮށްޕަމުން އައިސް ސޯފާއަށް ވައްޓައިލިއެވެ. މާހިލް ގައިމަތީގައި އޮތްއިރު ދެފަހަރަކު ނައިޝީ ދުރުކޮށްލަން މަސައްކަތް ކުރުމަށްފަހު މާހިލް ހިމޭނުން އޮތެވެ. ހިނދަކަށް ފަހު ހިނދެއް އޭނާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ.

"ބަދަލުހިފަން ކިތަންމެ ފަހަރަކު ހިތަށްއަރާ. އެކަމަކު ތި ޖިސްމުގެ ވަސް އަހަރެންގެ ނޭފަތުގައި ޖެހުނީމަ ހުރިހާކަމެއް މަތިން ހަނދާންނެތެނީ. އަހަރެން ވަރަށް ވަރަށް ބޭނުން އަދިވެސް މާހިލް" މަސްތުން ފުރިގެންވި އަޑަކުން ނައިޝީ ވާހަކަދައްކަމުން ދިޔައެވެ.

"އެކަމަކު އަހަރެން ބޭނުމެއްނޫން. އުފަލާ އަރާމު އަހަރެން ބޭނުންވަނީ ހަމައެކަނި އަހަރެންގެ އަންހެނުންގެ ފަރާތުން" ނައިޝީ ދުރަށް ކޮށްޕާލުމަށްފަހު ފުންމައިގެން ސޯފާއިން ތެދުވަމުން މާހިލް ބުނެލިއެވެ. އަދި ލައިގެން ހުރި ތުނި ކުރުތާ ދެއަތުން ރީތިކޮށްލިއެވެ.

"އޯވް… އެހެންތަ! އެކަމަކު މާހިލް ތިހެން ބުނީމަ އަހަރެންނަށް ވަރަށް ޖޯކު" އިހުސާސްތައް ހިފަހައްޓަން މަސައްކަތް ކުރަމުން ނައިޝީ ބުނެލިއެވެ.

"ބުނަންތަ ވާހަކައެއް. އަހަރެން މަޑުންހުރީމަ ހީނުކުރާތި ކަލޭ ހެދިހާގޮތަކަށް ހެދިގެން އަހަރެން ހުންނާނޭ. މިއީ އަހަރެންގެ އަމިއްލަ ގެ. ހަމަ މިހާރު މިވަގުތު މިގެއިން ނިކުމޭ" އެއްފިޔަވަޅު ކުރިއަށް ނައިޝީ އާއި ގާތަށް އަޅަމުން މާހިލް ގޭގެ ދޮރާއި ދިމާއަށް އިނގިލިން އިޝާރާތްކޮށް ނައިޝީއަށް އެންގިއެވެ.

"ހެހެހެ… ހިތުން ވަރަށް ރުޅިއައިއްސަ ދޯ…. އަހަރެން ނުނިކުމެފިއްޔާ…ދެން…؟" ނައިޝީ ހުރީ ހަމަޖެހިފައެވެ.

"ބުނަންތަ ރަނގަޅު ވާހަކައެއް. އަންހެނުންނަކީ މިހާރު އަހަރެން ވަރަށް އިހުތިރާމްކުރާ ބައެއް. އަހަރެންގެ އިނގިލި ކަލޭގެ ގައިގަ ނުޖައްސަނީ ހަމައެކަނި އެސަބަބަށްޓަކައި" މާހިލް ވާހަކަދެއްކިއެވެ. ރުޅިއައިއްސާ ހުރިވަރުން އޭނާގެ ކަތުރު ކަށިގަނޑަށްވެސް ވަނީ ގުޑުން އަރާފައެވެ.

"ނުދާނަން. ކޮބާ މާހިލްގެ ކޮޓަރި؟ މިރޭ ކެރޭނެތަ ދެ އަންހެނުން ދޭތެރޭގަ ނިދަން" ނައިޝީ ބުނެލިއެވެ.

"ޝަޓްއަޕް… ކޫޑި އަންހެނާ…." މާހިލް ބަލާކަށް ނުހުރެ ހިފީ ނައިޝީގެ އެއް އަތުގައެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ދަމާފައި ދޮރާއި ދިމާލަށް ގެންދިޔައިރު ނައިޝީގެ ތުންފަތަށް ވެރިވެފައިވަނީ ހިނިތުންވުމެކެވެ. އިސްނަގާ އެ ވަރަށްވެސް މާހިލް އޭނާގެ ހަށިގަނޑުގައި އަތްލީތީ އޭނާ ހުރީ ހިތްހަމަޖެހިފައެވެ.

"ހަނދާންކުރާތި. ކަލޭ ދެން މި ހިސާބުން ފެނިއްޖިއްޔާ އަހަރެންނަށް ވުރެ ނުބައި މީހަކު ނުހުންނާނެކަން. އަހަރެން ނުބައި ވެއްޖިއްޔާ ކަލެއަށް ވުރެވެސް ނުބައިވާނެ. އެކަން ހަނދާންކުރާތި. ނައު ގެޓް ލޮސްޓް…" މާހިލްގެ އަޑު ބާރުވިއެވެ. ނައިޝީ ފަސްޖެހުނެވެ. އެހެންނަމަވެސް އެކަން މޫނުމަތިން ދައްކާކަށް އޭނާ ބޭނުމެއްނުވިއެވެ.

"އޮންލީ ވަން ވީކް… މާހިލްގެ ތިބުނާ ލޯބިވާ އަނބިމީހާ މިގެއިން ނެރޭނެ. އޭނަ މިގެއިން ނެރޭނީވެސް ހަމަ ތި މާހިލްގެ ދެއަތުން. އަހަރެން އިންނާނީ މެޖިކެއް ހަދާފަ" ހީލުމަކާއެކު ނައިޝީ ބުނެލިއެވެ. މާހިލް ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ނައިޝީގެ މޫނު މައްޗަށް ދޮރުފަތް ލައްޕައިލިއިރު އޭނާގެ ނަފްސަށް އަދިވެސް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ.

މަގުމައްޗަށްވީ ދިމާލަށް ހުރި ކުޑަދޮރު ހުޅުވާލައިގެން ހުރި އަނުމް މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ނިދަންލާ އަތްދިގު ޓީޝާޓަކާއި ރަތްކުލައިގެ ފުޅާ ހަރުވާޅުގައި އޭނާގެ އިސްތަށިގަނޑު ވަނީ ތަރުތީބެއް ނެތި ފަހަތަށް ދޫކޮށްލާފައެވެ. ދަންވަރުގެ އެވަގުތުގައި ހިމޭންކަން ވެރިވެފައިވާ މަގުމައްޗަށް އޭނާގެ ނަޒަރު ހުއްޓިފައިވާއިރު އެއީ މެންދަމުގެ ވަގުތެކޭ އެންމެ ފަހަރަކުވެސް އޭނާގެ ހިތަށް ނާރައެވެ. ވަރަށް މަޑުމަޑުން އެކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހިހެން އަނުމްއަށް ހީވިއެވެ. އޭނާ މަޑުމަޑުން އެނދު ކައިރިއަށް ގޮސް އެނދުމަތީގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއެވެ. މެންދަމު ދޭއް ޖަހަން ފަސް މިނިޓް ހުއްޓެވެ. އެގަޑީގަ އަންނާނީ ކާކުބާއޭ ހިތާ އޭނާ ހިނގައިގަތެވެ. އިސްތަށިގަނޑުގައި ދޫކޮށް ހުޅިއެއް ޖަހައިލުމަށްފަހު އަލަމާރިން ކުޑަ ބުރުގާކޮޅެއް ނަގާ ބޮލަށް ހެޔޮވަރު ކޮށްލާފައި ދޮރު ހުޅުވާލިއެވެ.

ކުރިމަތީގައި އިސްޖަހާލައިގެން ހުރި އާރިޔަން އަނުމްއަށް އިސްއުފުލާ ބަލައިލިއެވެ. އަނުމްގެ ދެލޮލުން ވެއްޓުނު ދެ ކަރުނަތިކި ފެނުމުން އާރިޔަންގެ ހިތުގައި ރިއްސައިލިއެވެ. އާރިޔަން އެއްޗެއް ބުނަން ވާއިރަށް އަނުމް އަމިއްލައަށް ދެލޯ ކައިރި ފޮހެލައިފިއެވެ. އަނުމް ބަލަހައްޓައިގެން ހުރީ އާރިޔަންގެ މޫނަށެވެ. ފައިތުވެމިދިޔަ ހުރިހާ ދުވަސްތަކަށް ވާވަރަށް އާރިޔަންގެ މޫނަށް ބަލާ ކަހަލައެވެ.

"އަހަރެން ކައިރީގަ ވަންނާށެކޭވެސް ނުބުނާނަންތަ؟" އާރިޔަން ބުނެލިއެވެ. އަނުމް ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލިއެވެ. އަނގައިން ނުބުންޏެއް ކަމަކު އަނުމް އެބުނީ ކީކޭ ކަން އާރިޔަންއަށް އިނގުނެވެ. އެހެންކަމުން އޭނާ އެތެރެއަށް ވަދެ ސައިޑް ކަބަޑުމަތީގައި ދެއަތް މަތީގައި ހުރި ކާއެއްޗެހި ތަބަށް ބެހެއްޓިއެވެ. އަނުމް ދޮރު ކައިރީގައި އާރިޔަންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުއްޓެވެ. އާރިޔަން އަނުމްގެ ދެފައިން ފެށިގެން ބޮލާއި ހަމައަށް ނަޒަރެއް ދިނެވެ. ތެދެކެވެ. އަނުމްގެ ހަށިގަނޑަށް ވަރަށް ބޮޑަށް ބަދަލު އައިސްފައިވެއެވެ. ހަށިގަނޑު ވަނީ އަނަރޫފަ ވެފައެވެ. ދެލޯ ކައިރި ވަޅުވަދެ، ދެލޮލުގެ ވަށައިގެން ކަޅު ކުލައިގެ ފަށަލައެއް ވަނީ ލެވިފައެވެ. ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެފައި ތެދުވެގެން އުޅޭހެންނެވެ.

ހިނގާ އެއްޗެއް ކާން" އާރިޔަން ބުނެލިއެވެ. އަނުމް ބަހެއް ނުކިޔާ އާރިޔަންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

"ކޮންއިރަކުން ކައިވެނި އޮތީ؟ މިގޭގަތަ އޮތީ؟" އަނުމް އަހައިލިއެވެ.

"ތިވާހަކަ ދައްކާނީ ފަހުން" އާރިޔަން ބުނެލިއެވެ. އެވާހަކަތައް އަނުމްގެ ދުލުން ބުނުވައިގެން އަމިއްލަ މީހާގެ މޫޑު ގެއްލެން ބޭނުންނުވާތީ އާރިޔަން ބުނެލިއެވެ.

"އަހަރެންނަށް އިނގޭ އަނުމް މިއަދުވެސް މިރޭވެސް އެއްވެސް އެއްޗެއް ނުކާކަން. އާދޭ ކާން" އާރިޔަން ބުނެލިއެވެ. ހުރިތަނުން އަނުމް ގުޑާވެސް ނުލިއެވެ. އާރިޔަން މަޑުމަޑުން ކުރިއަށް ޖެހިލުމަށްފަހު އަނުމް ކުރިމަތީގައި ގޮސް ހުއްޓުނެވެ. ކުޑަކޮށް މޫނު އުފުލާލައިގެން އާރިޔަންގެ މޫނަށް އެސްފިޔަ ޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ. އާރިޔަންގެ ދެލޯ އަނުމްގެ ދެލޮލާއި އަމާޒުކޮށްލިއެވެ. އަނުމްގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށީ އާރިޔަން ބަލަހައްޓައިގެން ހުއްޓައެވެ. އަނުމް ބުނަން ބޭނުންވި ހުރިހާ އެއްޗެއް އެ އެދެލޮލުން އާރިޔަން ދެނެގަނެފިއެވެ. ސިކުންތަކަށް އޭނާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އެހެނަސް ހަމަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ އެ އުފާވެރިކަން ވިއްސި ވިހާލިވެގެން ދިޔައެވެ.

އާރިޔަން އަނުމްގެ މޫނުގެ ދެފަރާތުގައި ދެއަތުން ހިފައިލިއެވެ. އަނުމްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި އާރިޔަންގެ ދެއަތުގެ ބޮޑުވާ އިނގިލިން ފޮހެލިއެވެ. ތުރުތުރު އަޅަމުން ދިޔަ އަނުމްގެ ތުންފަތުގައި އެއް އަތުގެ ބޮޑުވާ އިނގިލިން ފިރުމައިލިއެވެ. މަޑުމަޑުން އަނުމްގެ މޫނު އޭނާގެ މޫނާއި ގާތްކޮށްލިއެވެ. އަނުމްގެ ތުންފަތުގައި ބޮސްދިނެވެ. އެހިނދު އަނުމްގެ ދެލޯ މެރިގެން ދިޔައެވެ. އާރިޔަން ލައިގެން ހުރި ޓީޝާޓުގެ ދެފަރާތުން ހިފެހެއްޓުނު އިރެއްވެސް ނޭނގެއެވެ.

"އަނުމް….!! އަނުމް ތިގޮތަށް ރޮއެ ހިތާމަކުރާ މަންޒަރު ބަލަން އަހަރެންނަށް ކެތެއްނުވޭ. އަނުމްވެސް ތިއުޅެނީ އަހަރެން ބަލިކަށި މީހަކަށް ހަދަންތަ؟" އާރިޔަން އަހައިލިއެވެ.

އަނުމް ވަގުތުން ދެފަރާތަށް ބޯހޫރާލިއެވެ.

"އަނުމް ތިއީ އަހަރެންގެ ފުރާނަ. އައި ލަވް ޔޫ… އަހަރެންގެ ދިރިއުޅުމުގައި ތިއަށްވުރެ ހާއްސަ އެއްވެސް މީހެއްނެތް. މިއަދު އަހަރެންނަށް އިހުސާސް ކުރެވޭ ބަނޑުއަޅާ ވިހޭ މަންމައަށް ވުރެ ވެސް އަނުމް މުހިންމުހެން" އާރިޔަންގެ އަޑު ކުރެހިގެން ދިޔައެވެ.

އަނުމްއަށް އިތުރަށް ކެތެއް ނުވިއެވެ. އާރިޔަންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެއަށް ވުރެ ބާރަށް އާރިޔަން އޭނާގެ މެއާއި ލާ އަނުމްގެ ހަށިގަނޑު ފިއްތާލިއެވެ. ހިނދުކޮޅެއް ވަންދެން އެގޮތުގައި ތިބުމަށްފަހު އާރިޔަން އަނުމް އޭނާގެ ހަށިގަނޑާ ދުރުކޮށްލިއެވެ.

"އަހަރެން މަންމައަށް ފަހުގެ ނިންމުން އިއްވައިފިން. މަންމަ ކަންތައްކުރާނެ ގޮތެއް ނޭނގޭ. އެކަމަކު އަނުމް ދެރަނުވައްޗެ އިނގޭ… އަހަރެން އެންމެފަހު ނޭވާ މިދުނިޔެއަށް ދޫކޮށްދާނީ އަނުމްގެ މީހެއްގެ ގޮތުގައި ހުރެ. މިއީ އަހަރެން ވާ ވައުދެއް" އަނުމްގެ ދެއަތްތިލައިގައި ބޮސްދެމުން އާރިޔަން ބުނެލިއެވެ. އަނުމްގެ ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވިއެވެ.

އާރިޔަން އަނުމްގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. ކާއެއްޗެހި އަޅާފައި ހުރި ތަށި މަތި ނެގިއިރު އަދިވެސް އާވި އަރަމުން ދިޔައެވެ. އެއްފަރާތުގައި އޮތް އޫ ނަގާފައި ނޫޑްލްސް ކޮޅެއް އަނުމްގެ އަނގައަށް ލިއެވެ. އަނުމް ކާލިއެވެ. ފަހަރަކު އެތިކޮޅެއް ކަމަށް ލަސްލަހުން އާރިޔަންގެ ދެއަތުން އަނުމްއަށް ލަވަމުން ދިޔައެވެ. އެހުރިހާއިރު އާރިޔަން ދިޔައީ ކަޅިޖަހާނުލާ އަނުމްގެ މޫނަށް ބަލަމުންނެވެ.

ތަށި ހުސްވުމުން އާރިޔަން އަނުމްއަށް ފެންދިނެވެ. އަދި އެނދުގައި އަނުމް ބޭއްވުމަށްފަހު ކައިރީގައި އޭނާވެސް ޖައްސައިލިއެވެ. އަނުމް އާރިޔަންއާއި ވީ ފަޅިއަށް އެނބުރިލުމަށްފަހު އާރިޔަންގެ މޭދަށުގައި މޫނު ފޮރުވާލަމުން އާރިޔަންގެ ބަނޑުމަތިން އެއް އަތް އެއްލިއެވެ. އެ އަތުގައި ފިރުމަމުން އާރިޔަން ދިޔައެވެ. އެހެން އޮތްއިރު ފަލަކްނާޒް ކަންތައްކުރާނެ ގޮތަކާއިމެދު އޭނާ ވިސްނަމުން ދިޔައެވެ.

ދުވަސްތަކަށްފަހު ހިތަށް ލިބުނު ހަމަޖެހުމުގައި ފަތިސްނަމާދުގެ ބަންގިއަށް ފަހުވެސް އަނުމްއަށް ހޭނުލެވުނެވެ. ބަންގީގެ އަޑަށް ނިދިފައި އޮތް އާރިޔަން ފުންމައިގެން ތެދުވިއެވެ. ކައިރީގައި އަނުމް އޮތްކަން އިނގުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ބުރުގާގެ ތެރެއިން ފާޅުވާން އޮތީ އަނުމްގެ މޫނުން ކުޑަ ތަންކޮޅެކެވެ. އާރިޔަން ގާތްވެލުމަށްފަހު އަނުމްގެ މޫނުގައި ފިރުމާލަމުން ނިތްކުރިއަށް ބޮސްދިނެވެ. އެއަށްފަހު ކާއެއްޗެހި ހުސްކުރި ތަބަށް ހިފައިގެން އޭނާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަމާޔާއާއި އާވާއާއި ދެކުދިން ހެނދުނު ނާޝްތާ ތައްޔާރުކޮށްފައި މާހިލްއަށް ގޮވާލިއެވެ. މަސައްކައްތަށް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލުމަށްފަހު ދެ ޒުވާނުން ސަޔަށް އިންސާފު ކުރަން ފެށިއެވެ.

"އާދޭ ދެކުދިންވެސް މިއަދު ބައިވެރިވެލަން. އަބަދު ތިހެން ހުންނާކަށް ނުވާނެއްނު" މާހިލް ބުނެލިއެވެ. އާވާ އާއި އަމާޔާ ވެސް ބައިވެރިވިއެވެ.

"ރޭގައި ސިޓިންރޫމުން މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނުހެން ހީވެގެން މާޔާ އުޅުނު ބޭރަށް ނިކުންނަން" ޝާނިމް ބުނެލިއެވެ. ފެންތަށި ތުނބުގައި ޖަހައިގެން އިން މާހިލް ކޮށިއެރިއެވެ. އާވާ މާހިލްގެ ބުރަކަށީގައި ޖަހައިލިއެވެ.

"ވަގެއް ވަނީ ކަންނޭނގެ" ހަމަޖެހިލަމުން މާހިލް ބުނެލިއެވެ.

"އެއީ ވަގެއް ނޫން. މާޔާ ގެންގުޅޭ ރޫހާނީ އެކުވެރިޔާ އެއީ" ޝާނިމް ބުނެލިއެވެ.

"އެބުނީ….." އަމާޔާ ޝާނިމްއަށް ދެލޯ އަޅައިލިއެވެ.

"މާޔާ އެހެން ބުނީމަ އެއީ އަސްލެއްކަން މިހާރު އެނގިއްޖެ. މަށަށް ވެސް ހީވި އިވުނުހެން. ބަލައިލިއިރު ކައިރީގައި މާހިލްވެސް ނެތް. ދެން އިނގޭ އެގަޑީގަ ވާނީ ފާހާނާއިގަ ކަން. ދެން ނޭނގެ އަޑު އަންނަ ދިމާލަށް ވިސްނަން އޮށްވަ ނިދިއްޖެ" އާވާ ވާހަކަދެއްކިއެވެ. މާހިލްއަށް ކިޔާނެ ބަހެއްވެސް ނޭނގުނެވެ. އާވާ އޭނާ ހޯދަމުން ބޭރަށް ނުނިކުތްކަން ނަސީބޭ ހިތަށް އެރިއެވެ.

"ކޮބާ…؟" އަމާޔާ ޝާނިމްއަށް ބަލައިލަމުން ބުނެލިއެވެ.

އެހެން ދުވަސްތަކާ ޚިލާފަށް އަނުމްއަށް ހޭލެވުނީ ހެނދުނު ދިހައެއް ޖަހަން އުޅެނިކޮށެވެ. އެނދުގެ ހެޑް ބޯޑުގައި ލެގިލުމަށްފަހު ދެފަރާތުން އެނދުމަތީގައި އަތް ހާކާލީ ފޯނު އަތުގައި ޖެހޭތޯއެވެ. ބޮލުގައި ބުރުގާ އޮތްކަން އިނގުމާއެކު ރޭގައި ހިނގާދިޔަ ކަންތައްތައް އޭނާގެ ހިޔާލީ ލޯގަނޑަށް ސިފަވާން ފަށައިފިއެވެ. މިފަހަކަށް އައިސް ނުނިދޭހާ ގިނައިރު އޭނާއަށް ނިދުނު ސަބަބު މިހާރު އިނގިއްޖެއެވެ. އާރިޔަން މަތިން ހިތަށް އެރުމާއެކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

އާރިޔަން ދިޔައީ ކިހާއިރަކުބާއެވެ؟ ލޯބިވާ ވާހަކަ އާރިޔަން ހާމަކޮށްދީފިއެވެ. ދެން އޮތީ އަހަރެންގެ ފަހަރެވެ. ހީލަމުން އަނުމް ތުންފަތުގައި ދަތް އަޅައިލިއެވެ.

"މައި ސްލީޕިންގ ބިއުޓީ… ވަރަށް ލޯބިކޮށް ނިދާލާފައި އޮތީމަ ނުގޮވާ އަވަހަށް ނިކުތީ. އަނުމް ކައިރީގައި ނިދާލެވުނީމަ ވަރަށް އުފަލުން މިހުރީ… ފެންވަރައިގެން ނިކުމެ ސައިބޯން ދިޔުމުގެ ކުރިން ގުޅާލައްޗެ. ވަރަށް އުފާވެރި ހަބަރެއް ދޭނަން. ވަރަށް ލޯބިވޭ…" އާރިޔަންގެ މެސެޖް ކިޔާލާފައި އަނުމް ފޯނު ގެންގޮސް އޭނާގެ ތުންފަތުގައި ޖައްސައިލިއެވެ.

މެންދުރު ނަމާދަށް މާހިލް ކޮޓަރިއަށް ވަންއިރު އެނދުގެ ބެޑްޝީޓް ބަދަލުކުރުމުގައި އާވާ އުޅުނެވެ. ލައިގެން ހުރި ޓްރެކްޝޫޓްގެ ޖީބުގައި އޮތް ފޯނު ޑްރެސިންޓޭބަލް މަތީގައި ބާއްވާފައި އޭނާ ވަނީ ފާހާނާއަށެވެ. އިރުކޮޅެއްނުވެ އާވާއަށް މާހިލްގެ ފޯނު ވައިބްރޭޓްވާން ފެށި އަޑު އިވުނެވެ. ފުރަތަމަ ފަހަރު އެ ކޯލް މިސްވެގެން ދެވަނަ ފަހަރަށް ވައިބްރޭޓްވާން ފެށުމުން އާވާ ފާހާނާއާއި ދިމާލަށް ބަލައިލިއެވެ.

އޭނާ މާހިލްގެ ފޯނު ބަލައިލިރު އަރާފައި އިނީ ނުދަންނަ ނަންބަރެކެވެ. މުހިންމު ކޯލެއް ނޫންނަމަ އެވަރަށް ތަކުރާރުކޮށް ނުގުޅާނެކަން އިނގޭތީ އާވާ ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.

"އައްސަލާމް އަލައިކުމް" އާވާ އިސްލާމީ ރިވެތި އުސޫލުގެ ދަށުން ސަލާމް ގޮވައިލިއެވެ.

"އޯވް… ބޭބީ…. ކޮންތާކު ތިއުޅެނީ؟ މިއަދު ހަބަރެއްވެސް ނުވޭ" ފޯނު ނެގީ އާވާ ކަން އިނގޭތީ ނައިޝީ ހަމަ ގަސްދުގައި ވާހަކަދެއްކިއެވެ.

"ކޮން ނަންބަރަކަށްތޯ ގުޅުއްވައިގެން ތިއުޅެނީ…؟" އާވާ އަހައިލިއެވެ. މަޑުމައިތިރިކޮށެވެ.

"ނޫނޭ ރަނގަޅު ނަންބަރަށް މިގުޅަނީ. ތިއީ މާހިލްގެ ގެންގުޅޭ މެއިޑްތަ؟ ކީއްކުރަން މާހިލްގެ ފޯނު ނަގަނީ. ބޭބީ ކައިރީގައި ބުނާތި އިޝީ ގުޅިއޭ…" ނައިޝީ ފޯނު ކަނޑާލިއެވެ. އާވާއަށް ހުރެވުނީ އިވިގެންދިޔަ ވާހަކަތަކެއްގެ ސަބަބުން ހަށިގަނޑަށް ހަރަކާތެއް ގެންނަންވެސް ނޭނގިފައެވެ. ކޮން އިޝީއެއް ހެއްޔެވެ؟

ފާހާނާ އިން ނިކުތް މާހިލްއަށް ކޮޓަރި މެދުގައި ހުއްޓުން އަރާފައި ހުރި އާވާ ފެނުނެވެ. މާހިލް އެއްފަހަރު އާވާއަށް ގޮވައިލުމުން ހަބަރެއް ނުވިއެވެ. މާހިލް ހިނގާފައި ގޮސް އާވާ ކުރިމަތީގައި ހުއްޓުނެވެ. އާވާގެ އަތުގައި އޮތް މާހިލްގެ ފޯނު އޭނާއަށް ފެނުނީ އާވާ ދެކޮނޑުގައި ހިފައިލި ފަހުންނެވެ.

"އެވީ…!!" މާހިލް އާވާއަށް ގޮވައިލިއެވެ. އާވާ ހިމޭނުން މާހިލްއަށް ބަލަހައްޓައިގެން ހުއްޓެވެ.

"އިޝް….އިޝީއަކީ ކާކު…؟" އާވާ އަހައިލިއެވެ. މާހިލްއަށް ހީވީ ފުރާޅު ބޮލަށް ވެއްޓުނު ހެންނެވެ. އާވާ ކޮށްލި ސުވާލެއްގެ ސަބަބުން މާހިލް ގަނޑުވިކަހަލައެވެ.

(ނުނިމޭ)