އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 47

އަބްދުﷲ ފާރޫގް ހަސަން

7

ހަނގުރާމައިގެ އެންމެފަހު މަރުޙަލާ ފެށުނުއިރު މުސްލިމުންގެ ޙަމަލަ ވަރުގަދަކަމުން އީރާނުގެ ސިފައިންގެ އެތައްސަތޭކަ ބަޔަކު ފާލަމާ ދިމާޔަށް ދިޔުމުގެ ބަދަލުގައި ކޯރަށް ފުންމައިލައިގެން އަނެއްފަރާތަށް ދެވޭތޯވެސް މަސައްކަތްކުރަމުން ގެންދިޔައެވެ.

އީރާނީން ފާލަން ޙިމާޔަތްކުރަން ޙަވާލުކޮށްފައިވަނީ އެހިސާބުގަނޑުގެ ޢަރަބީންނާއެވެ. އެހެންކަމުން ޢަރަބީންގެ ސާހިބުން ކަމުގައިވާ އީރާނީންނަށްވުރެ ޢަރަބީންނަށް ލިބެމުންދިޔަ ގެއްލުން ނިސްބަތުން މާބޮޑެވެ. މުސްލިމުން ވަރުގަދަ ޙަމަލައެއްދީ ފާލަން ޙިމާޔަތްކުރާ ޢަރަބީންގެ ދިފާޢީ ބާރުވެސް ކަނޑުވައިލިއެވެ. ތިންހާހެއްހައި ޢަރަބީން ކަނޑިތައް އުކައިލައިފައި މުސްލިމުންގެ އަތްދަށުގައި ހައްޔަރުވެއްޖެއެވެ. ދެންތިބި މީހުން ކޯރަށް ފުންމައިލައިފިއެވެ. މުސްލިމުން ފާލަމުގެ އެއްބަޔަށް ވެރިވެއްޖެއެވެ. ކޯރުގެ އަނެއްފަރާތުގައިހުރީ އީރާނުގެ ތީރުވެރީންގެ މަރުކަޒުތަކެވެ. އެމީހުން ދުނީގެ ވާރޭވެއްސަން ފަށައިގަތެވެ. އެވަގުތު ބަޔަކުގޮސް ބޮއްކުރާތަކުގެ ފާލަމުގެ ފައްތިޔަ ކަނޑައިލައިފިއެވެ.

ބަލިވެގެން ފިލައިގެންދާ އީރާނީން ފަހައިދާން މުސްލިމުން ބޭނުންނަމަ ފާލަމަކާނުލައި ފަތައިފައި ކޯރު ހުރަސްކުރުމަކީވެސް މުސްލިމުންނަށް އުނދަގޫކަމެއް ނޫނެވެ. ނަމަވެސް އެވަރުގެ ބޮޑު ފަތަޙައެއް ލިބުމުން ވަރުބަލިވެފައިތިބި މުސްލިމު ސިފައިން އިތުރު ނުރައްކަލަކާ ކުރިމަތިލާކަށެއް އިސްލާމީ ލަޝްކަރުގެ އަމީރު ހުއްދައެއް ނުދެއްވިއެވެ. މަޒާރުގެ މައިދާނުގައި ކޯރުގެ އައްސޭރީން ފެށިގެން ލޮލުކޮޅަށް ފެންނަ ހިސާބަށް ފުރިފައިއޮތީ ޤަތުލުވެފައިތިބި މީހުންގެ ހަށިތަކުންނެވެ. ޤަތުލުވި މީހުންގެ ޢަދަދަށް ބަލާއިރު މުސްލިމުންނަށްވުރެ އީރާނީންގެ ޢަދަދު ދިހަގުނަ އިތުރެވެ.

ހަވީރުގެ ވަގުތެވެ. އިރުއޮއްސުމުގެ ތަންކޮޅެއް ކުރިއެވެ. خــالــد بــن الـوليـد އާއި، قــعقـاع بــن عَمرو އާއި، مثــنّـى بــن حــارثـــة އާއި" އެކަލޭގެފާނުގެ ދެ އަޚުންކަމުގައިވާ معـنّـى އާއި مسعود އާއި އަދި އެނޫންވެސް ބައެއް ކޮމާންޑަރުން ވަރަށް ތަނަވަސް ފޭލިގެއެއްގައި ސިންތާ ކުރައްވަން ތިއްބެވިއެވެ. އެފޭލިގެއަކީ ހަނގުރާމަ ފެށުމުގެ ކުރީން އީރާނީ ކޮމާންޑަރ އިން ޗީފް ހުންނެވި ފޭލިގެއެވެ. އެ ފޭލިގޭގައި ހުރީ ރަންރިހީގެ ކަންވާރެވެ. ފަށުތްވާއި އަޠުލަސް ފޮތީގެ ފަރުދާތަކާއި ދޫލަތަކެވެ. خــالــد بــن الـوليـد رضـى اللّـه عنـــه ގެންދެވީ ކުރިޔަށް އޮތްތާނގައި މުސްލިމުން ޢިރާޤުގައި ކުރިއަރަމުންދާންވީ ގޮތާމެދު އެކަލޭގެފާނުގެ ކޮމާންޑަރުންނަށް އިރުޝާދު ދެއްވަމުންނެވެ.

حسّان އެފޭލިގެއަށް ވެދެވަޑައިގެންފިއެވެ. خــالــد ގެފާނުގެ އަރިހުގައި ވާހަކަފުޅެއް ވިދާޅުވުމުގެ ހުއްދަ އެދިވަޑައިގަތުމުގެ ބެއްލެވުމަކުން خــالــد ގެފާނާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. خــالــد ގެފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވާތީ، مثــنّـى، حسّان އާ ސުވާލުކުރެއްވިއެވެ. "حسّان އެވެ. ބޭނުންފުޅަކުތޯއެވެ. ކޮންވާހަކަފުޅެއް ވިދާޅުވަންތޯއެވެ؟"

حسّان ޖަވާބު ދެއްވިއެވެ. "ސާހިބާއެވެ! ލަޝްކަރުގެ އަމީރުގެ އަރިހުގައި ވާހަކައެއް ދަންނަވައިލަން ބޭނުމެވެ."

خــالــد بــن الـوليـد رضـى اللّـه عنـــه، حسّان އާ ދިމާޔަށް ކުރިމަތިފުޅުލައްވައިފައި ވިދާޅުވިއެވެ. "ވިދާޅުވާށެވެ. ކޮންވާހަކަފުޅެއްތޯއެވެ؟"

حسّان ވިދާޅުވިއެވެ. "ސާހިބާއެވެ! އަޅުގަނޑު މިއައީ މިހަނގުރާމައިގައި ހައްޔަރުވި މީހުނާ ބައްދަލުކޮށްފައެވެ. އޭގެތެރޭގައި ގިނައީ ޙާލަތުގެ މަޖުބޫރީގެ ސަބަބުން އީރާނީންނާ ބައިވެރިވި ޢަރަބީންނެވެ. މިހިސާބުގަނޑުގެ މީހުންނެވެ. އޭގެތެރޭގައި އަޅުގަނޑުގެ އަވަށުގެ މީހުންވެސް އެބަތިއްބެވެ. އެމީހުނާ ވާހަކަ ދައްކައިލުމުން އަޅުގަނޑަށް ޔަޤީންވީ އެމީހުން ދޫކޮށްލައްވައިފިނަމަ އީރާނީންގެ ޙިމާޔަތުގައި ދެވަނަފަހަރަށް ކަނޑި އުފުލައިނުލާނެކަމަށެވެ."

خــالــد بــن الـوليـد رضـى اللّـه عنـــه ޖަވާބު ދެއްވިއެވެ. "އީރާނީން އާރެއް ބާރެއްނެތް މީހުންތަކެއް ލަވަމުން އަހަރެމެންގެ ކުރިމައްޗަށް ގެނައިކަން ދެނެހުރީމެވެ."

حسّان ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ސަރަޙައްދު ފިޔަވައި އެހެނިހެން ހިސާބުހިސާބުގަނޑުގެ ޢަރަބީން ހަނގުރާމައިގައި ބައިވެރިވީ އެބައިމީހުންގެ ސާހިބުންގެ މަޖުބޫރު ކުރުމުގެ ސަބަބުން ބިރުން ކަމުގައިވުމަކީ ޙަޤީޤަތެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ސަރަޙައްދުގެ އަވަށް އަވަށުގެ ދަނޑުވެރީން ހަނގުރާމައިގައި ބައިވެރިވީ އެބައިމީހުންގެ ބިންވެރިޔާއަކީ އީރާނީއަކަށް ވުމާއެކުވެސް، އޯގާވެރި ހިތްހެޔޮ ބޭފުޅަކަށްވާތީއެވެ. އޭނާގެ ބިންތަކުގައި ދިރިއުޅޭ ޢަރަބީން ޙިމާޔަތްކުރައްވާތީ އޭނާއަށް ވަނީ ހުރުމުޒުގެ ފަރާތުން ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގެންފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ އަވަށްތަކުގެ މީހުން ހަނގުރާމައަށް އައީ އެ އިޙުސާންތެރިކަމުގެ ބަދަލު ދިނުމުގެ ގޮތުންނެވެ.

خــالــد بــن الـوليـد ވިދާޅުވިއެވެ. "حسّان ތިޔަ ދައްކަވަނީ قبــاد ގެ ވާހަކަތޯއެވެ؟"

"އާދޭހެވެ. އަޅުގަނޑު އަމިއްލަގޮތުންވެސް އޭނާޔަށް ޝުކުރުވެރިވަމެވެ. އޭނާ އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރެއްވީ އަޅުގަނޑުގެ ކުރިމަތީގައި ހަތަރު އުދަރެސް ފެނުޖެހިފައިވަނިކޮށެވެ. އަޅުގަނޑު ހުރުމުޒުގެ ތިމާގެފުޅު އަނިޔާވެރިޔަކު ޤަތުލުކުރީމެވެ. އޭނާގެ މީހުން އަޅުގަނޑުގެ ފަހަތުން ފަހައިދިޔައެވެ. އަޅުގަނޑަށް ޔަޤީނެވެ. قبــاد ގެ ކުރިފުޅުމަތީގައި އިސްލާމްދީން ތަބްލީޣު ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބިއްޖެނަމަ قبــاد އޭނާގެ އެއްވެސް ދަނޑުވެރިޔަކަށް އަޅުގަނޑުމެންނާ ހަނގުރާމަޔަށް ނިކުންނާކަށެއް ނާންގަވާނެއެވެ."

"އަޅުގަނޑު ވަނީ قبــاد ގެ ވާހަކަ އަޑުއަހައިފައެވެ. އަޅުގަނޑަށްވެސް ޔަޤީނެވެ. އެފަދަ ބޭފުޅަކު މާގިނަދުވަހަކު އިސްލާމްދީނާ ދުރަކު ނުހުންނަވާނެއެވެ. قبــاد ގެ ދަނޑުވެރީން އަޅުގަނޑުމެންނާ ދެކޮޅަށް ނުނިކުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައިވާނަމަ އެމީހުން ދޫކޮށްލެއްވިޔަސް އެންމެރަނގަޅެވެ."

حسّان ވިދާޅުވިއެވެ. "ސާހިބާއެވެ. އަޅުގަނޑު އެދެނީ އެބައިމީހުން ދޫކޮށްލައްވާއިރު އެބައިމީހުނާއެކު އިސްލާމްދީނަށް ގޮވައިލައްވާނެ މުބައްލިޣުންގެ ބޭކަލުންތަކެއް ފޮނުއްވުމެވެ. ޔަޤީނުންވެސް އަޅުގަނޑުގެ ސަރަޙައްދުގެ ފަޒާ، އިސްލާމީ ދަޢުވަތަށް ނުހަނު މުނާސަބެވެ."

"އަޅުގަނޑުމެންގެ މުބައްލިޣުންނަށް އެތަނަށް ވަޑައިގެން މިނިވަންކަމާއެކު ދީނަށް ގޮވައިލެއްވިދާނެކަން ކަށަވަރުތޯއެވެ؟"

"އާދޭހެވެ. އަޅުގަނޑަށް ޔަޤީނެވެ. މިހަނގުރާމަޔަށްފަހު ކައިރި ހުރިހައި ހިސާބުތަކަކުން ވަނީ އިސްލާމްދީން ފެތުރުމާ ދެކޮޅުހައްދަވާނެ އަނިޔާވެރި އީރާނީ ބިންވެރީން ހުސްވެފައެވެ."

"ވަރަށް ރަނގަޅެވެ. އަޅުގަނޑު މިމުހިންމު މަސައްކަތް ކަލާއާ ޙަވާލުކުރަމެވެ. މާދަމާ ވަރަށް ހެނދުނާ ކަލާގެ އަރިހުގައި މުބައްލިޣުންގެ ބޭކަލުންކޮޅެއް ފޮނުވާނަމެވެ. ކަލާ އެބޭކަލުންނަށް އާއްމުންގެ އެއްބާރުލުން ހޯއްދަވައިދެއްވާށެވެ. ކަލާއަށް ކާމިޔާބު ލިބިވަޑައިގަންނަވާ ސަރަޙައްދުތަކުގެ އިދާރީ ކަންކަމާ ޙަވާލުވެވަޑައިގަންނަވާށެވެ. އިސްލާމްދީން ފެތުރެމުންދާ ވަރަކަށް ކަލާގެ އިޚްތިޔާރުގެ ދާއިރާ ދާނީ ފުޅާވަމުންނެވެ. ކަލާއަކީ ވަރަށް ރަނގަޅު ސިފައިންގެ މީހެއްކަން އަޅުގަނޑަށްވަނީ ތަޖުރިބާ ކުރެވިފައެވެ. ކަލާއާ ބެހޭގޮތުން مثــنّـى ގެ ވާހަކަފުޅުތައް އަޑުއެހުމަށްފަހު އަޅުގަނޑު ދެކެނީ ކަލާއަކީ ރަނގަޅު ހިންގެވުންތެރިޔަކަށްވެސް ވެވަޑައިގަންނަވާނެ ކަމުގައެވެ."

حسّان ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ކަލޭގެފާނުގެ އަމުރުފުޅާ އެއްގޮތަށް ޢަމަލުކުރާނަމެވެ. ނަމަވެސް ކުރިޔަށް އޮތްތާނގައިވެސް ކުރިމަތިވާ ހަނގުރާމަތަކަށް ހާޒިރުވެ، ސިފައިންގެ މީހެއްގެ ވާޖިބު އަދާކުރަން އަޅުގަނޑަށް ހުއްދަ ދެއްވުން އެދެމެވެ. އަޅުގަނޑަށް ޔަޤީނެވެ. މިތަނުން އަޅުގަނޑުމެން މިނިވަންކުރާ މީހުން ދީނުގެ މުބައްލިޣުންނަށް އެންމެ ފުރިހަމަޔަށް އެއްބާރުލުން ދޭނެއެވެ. އަޅުގަނޑުމެންގެ ތަބްލީޣީ މަސައްކަތުގެ އެންމެ ފުރަތަމަ މަރުކަޒަކަށް ހަދާނީ ފުރާތުކޯރުގެ އައްސޭރީގައި އޮންނަ قبــاد ގެ އަވަށެވެ. އެއަވަށާ ކައިރީ ހިސާބުގަނޑުގައި ވަށައިގެން ތިއްބެވި އީރާނީ އަމީރުންކުރެ އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސްއަޅުއްވައިފާނެ އަމީރުން ވަނީ އެހިސާބުގަނޑު ދޫކޮށްލައްވައި އެތަކެއް ކޯހުގެ ދުރަށް ވަޑައިގެންފައެވެ. އެބޭފުޅުންގެ ދަނޑުވެރީންގެ ބަދަލުހިފުމުގެ ޙަރަކާތްތައްދެކެ ބިރުފުޅުންނެވެ.

قبــاد އަކީ އަބަދުވެސް އަނިޔާލިބޭ މީހުންނަށް ޙިމާޔަތްދެއްވި ބޭފުޅެކެވެ. މިތާނގެ ޢަރަބީން ހުރުމުޒު ދެކެ ރުޅިއަންނަ ވަރަށްވުރެ މާބޮޑަށް قبــاد ދެކެ ލޯބިވެއެވެ. އަޅުގަނޑު ދެކޭގޮތުގައި قبــاد ފަދަ ބޭފުޅުންގެ އެހީތެރިކަމާއި އިތުބާރު ހޯދަން އެންމެ ފަސޭހަވާނެގޮތަކީ އިދާރީ ހިންގުމާބެހޭ ކަންތައްތައް އެފަދަ ބޭފުޅުންނާ ހަވާލުކުރެއްވުމެވެ. އެބޭފުޅުންގެ އަމިއްލަފުޅު ޝަޚުޞިއްޔަތުގެ ނުފޫޒާއި ބާރުގައްޔާއި، އެބޭފުޅުންގެ ޤާބިލިއްޔަތާއި، ތެދުވެރިކަމާއި، އިންސާފަށް ލޯބިކުރެއްވުމުގެ ސަބަބުން މިހިސާބުގަނޑުގެ ޢަރަބީންގެ މައްޗަށް އަސަރު ފޯރުއްވެވޭނެ ބޭފުޅުންނާ ހިންގެވުން ހަވާލުކުރެއްވުމެވެ. قبــاد ގެ ގައިކޮޅުގައި މިހުރިހާ ރަނގަޅު ސިފަފުޅުތަކެއް އެބަހުއްޓެވެ. އަޅުގަނޑު ދަންނަމެވެ. އޭނާއަކީ ޙައްޤު ހޯއްދަވަން މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެހެންކަމުން އަޅުގަނޑު އެދެނީ އޭނާ އިސްލާމްވެވަޑައިގެންފިނަމަ އަޅުގަނޑުމެންނަށް ފައިތިލަ ސާބިތުކުރެވޭ ތަންތާނގެ ހިންގެވުން އޭނާއާ ހަވާލުކުރެއްވުމެވެ. އޭރުން އަޅުގަނޑަށް މާގިނަދުވަހަކު ލަޝްކަރާ ދުރުގައި ހުންނާކަށެއްވެސް ނުޖެހޭނެއެވެ."

خــالــد بــن الـوليـد رضـى اللّـه عنـــه ޖަވާބުދެއްވިއެވެ. "އަޅުގަނޑު ކަލާގެ ހުށަހެޅުއްވުމާމެދު ވިސްނާނަމެވެ. ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ޖަވާބު ކަލާއަށް ލިބިވަޑައިގެންފާނެއެވެ. ދެން އަވަހަށް ވަޑައިގެން ދަތުރަށް ތައްޔާރުވެވަޑައިގަންނަވާށެވެ."

حسّان އެފޭލިގެކޮޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. خــالــد بــن الـوليـد رضـى اللّـه عنـــه، مثــنّـى بــن حــارثـــة رضى اللّـه عنــه އާ ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ ޚިޔާލުފުޅަކީ ކޮބައިތޯއެވެ؟"

مثــنّـى ޖަވާބުދެއްވިއެވެ. "އަޅުގަނޑު حسّان ގެ ހުށަހެޅުއްވުމާ އެއްބަހެވެ. އަޅުގަނޑުވެސް ވަނީ قبــاد ގެ ހެޔޮލަފާކަމާއި ޚުލުޤުފުޅު ހެޔޮކަމުގެ ވާހަކަ ވަރަށްގިނައިން އަޑުއަހައިފައެވެ. އަނެއްކާ قبــاد ގެ ނަންފުޅު އަޅުގަނޑު އަޑުއަހައިފައި ނެތްކަމުގައިވީނަމަވެސް حسّان ފަދަ ބޭފުޅެއްގެ ހެކިބަސް އަޅުގަނޑަށް ފުދުނީހެވެ. قبــاد އަކީ ރަނގަޅު ހިންގެވުންތެރިޔެއް ކަމުގައިވެފައި މިތާނގެ މީހުން އޭނާގެ ޢަދުލުއިންޞާފާމެދު ހިތްހަމަޖެހޭނަމަ އަޅުގަނޑުމެން އޭނާގެ ޚިދުމަތުގެ މަންފާ ލިބިގަންނާން ޖެހޭނެއެވެ. އަޅުގަނޑުމެންގެ މަޤުޞަދަކީ ހަމައެކަނި ޢިރާޤު ފަތަޙަކުރުމެއް ނޫނެވެ. އީރާނުވެސް އެކަށް ފަތަޙަކުރުމެވެ. އެ ފުޠޫޙާތުގެ އެންމެ ފައިދާހުރި ނަތީޖާ ނެރެވޭނީ މުޅި އީރާނާއި ޢިރާޤުގެ ދިގާއި ހުރަހުން قبــاد ފަދަ ބޭފުޅުންގެ އެހީތެރިކަމުގެ ބޭނުން ހިފައިގެންނެވެ. އަޅުގަނޑަށް ޔަޤީނެވެ. އަނިޔާއަކީ އަނިޔާ ކަމުގައި ޤަބޫލުކުރާ މީހުންނަށް އިސްލާމްދީނާ ދުރަކު ނުތިބެވޭނެއެވެ."

خــالــد بــن الـوليـد رضـى اللّـه عنـــه ވިދާޅުވިއެވެ. "އެންމެ ރަނގަޅެވެ. ކަލޭގެފާނު حسّان ގެ އަރިހުގައި ފޮނުވާނެ ދިހަ މުބައްލިޣުން ތައްޔާރު ކުރައްވާށެވެ. އަޅުގަނޑު قبــاد ގެ ނަންފުޅުގައި ސިޓީއެއް ލިޔުއްވާނަމެވެ. قبــاد حسّان ގެ އުންމީދުތަކާ އެއްގޮތްކަމުގައި ފެނިއްޖެނަމަ ކޯރުގެ އައްސޭރީގެ ވަރަށްބޮޑު ސަރަޙައްދެއްގެ އިންތިޒާމު އަޅުގަނޑު އޭނާއާ ޙަވާލުކުރާނަމެވެ. ޢިރާޤު ފަތަޙަވުމަށްފަހު މިތާނގެ ޢަރަބީންގެ އިތުބާރު ހޯދޭފަދަ މީހުންނަށް އަޅުގަނޑުމެން ބޭނުންވާނެއެވެ.

(ނުނިމޭ)