ވެމްކޯ

އަންނަ މަހުގެ އެކަކުން ފެށިގެން ވެމްކޯއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

އައިދާ އަބްދުލް ހަކީމް

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19ގެ ބަލިމަޑުކަމާއި ގުޅިގެން ކޯލް ސެންޓަރުގެ ހިދުމަތާއި ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ފޯރުކޮށްދޭ ހިދުމަތުގެ ވަގުތުތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބަދަލުތަކެއް ގެނެސްފިއެވެ.

ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ކުނި ނެގުމާއި، ކުނި އުކާލުމުގެ ހިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި، ވެމްކޯގެ ހިދުމަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި އެބަދަލު ގެނައީ ވެމްކޯގެ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމަށް އެކުންފުނީން ބުނެއެވެ.

ވެމްކޯއިން މިއަދު ބުނީ އެކުންފުނީގެ ކޯލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.

އަދި އެ ކޯޕަރޭޝަންގެ ވޭސްޓް ޓްރާންސްފަ ސްޓޭޝަން ތަކުގެ ހިދުމަތްދޭ ގަޑިތަކަކީ:

  • މާލެ، ހެނދުނު 08:00 އިން މެންދަމު 03:00 އަށް
  • ހުޅުމާލެ، ހެނދުނު 08:00 އިން މެންދަމު 01:30 އަށް
  • ވިލިމާލެ، ހެނދުނު 08:00 އިން މެންދަމު 00:00 އަށް
  • އައްޑޫ ސިޓީ، (ގުޅިފައިވާ ރަށްތައް) ހެނދުނު 08:00 އިން މެންދަމު 00:00 އަށް
  • އައްޑޫ ސިޓީ - ހުޅުމީދޫ، ހެނދުނު 08:00 އިން ހަވީރު 16:00 އަށް
  • ފުވައްމުލައް ސިޓީ، ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށެވެ.

ކޮވިޑް 19 އާ ގުޅިގެން ވެމްކޯއިން ވަނީ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކުނި ކޮތަޅު ގޮށް ޖެހުމަށް ފަހު އިތުރު ކޮތަޅަކަށް ލުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ކޮވިޑް 19އާ ގުޅިގެން ކަރަންޓީން ކޮށްފައިވާ ފަރާތްތައް ދިރިއުޅެމުން އަންނަ ގެތަކުން ކުނި ނަގަން ދާއިރު ކުނި ކޮތަޅު ބޭރުގައި ބެހެއްޓުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.