ވިޔަފާރި

ވިލާ ހަކަތަ ދެއަކުން ހެޔޮ އަގުގައި ބިސް ލިބޭނެ: ވިލާ ހަކަތަ

މަރިޔަމް ޝަހުދާ

ވިލާ ހަކަތަ ދެއަކުން ހެޔޮ އަގުގައި ބިސް ވިއްކަން ފަށައިފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިލާ ހަކަތަ ދޭއްގެ ފައިނޭންޝަލް ކޮންޓްރޯލާ މަހުމޫދު ރަމީޒް ވިދާޅުވީ އެ ފިހާރައިން ބިސް ވިއްކުމަށް ނިންމީ ރައްޔިތުންނަށް އަގުހެޔޮ ކޮށް ބިސް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ވިލާ ހަކަތަ ދެއަކުން ވިއްކަނީ ބްރައުން ބިސް ކަމަށް ރަމީޒު ވިދާޅުވިއެވެ.

ރަމީޒު ވިދާޅުވީ ގިނަ ބަޔަކަށް ބިސް ފޯރުކޮށްދިނުމަށްޓަކައި ބިސް ވިއްކަން ނިންމާފައިވަނީ ކޮންޓްރޯލު ކޮށްގެން ކަމަށެވެ. އެގޮތުން ބްރައުން ބިހެއް ވިއްކަނީ 1.85 ގެ ރޭޓުން ކަމަށާއި ބިސް ޓްރޭއެއް ވިއްކަނީ ވެސް ބިހަކަށް 1.85 ރުފިޔާގެ ރޭޓުން ކަމަށް ރަމީޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެ ގިނަވެގެން މީހަކަށް ވިއްކުމަށް ހަމަޖައްސާފައިވަނީ އެއް ކޭސް ބިސް ކަމަށް ރަމީޒު ވިދާޅުވިއެވެ. ވިލާ ހަކަތަ ދެއަކުން ބިސް ކޭހެއް ވިއްކަނީ 650 ރުފިޔާއަށް ކަމަށެވެ.

ރަމީޒު ބިދާޅުވީ ބިހުގެ އިތުރުން ވިލާ ހަކަތަ ދެއަކުން ކައްކަން ބޭނުން ކުރާ ގޭހާއި، ޕެޓްރޯލު އަދި ޑީސަލް ވެސް ވިއްކާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަހަށް މުޅި ރާއްޖެއަށް ފޯރުކޮށްދެވޭ ވަރަށް ކައްކަން ބޭނުން ކުރާ ގޭހާއި، ޕެޓްރޯލު އަދި ޑީސަލް އެބަހުރި ކަމަށް ރަމީޒު ވިދާޅުވިއެވެ.