ރައީސް ޔާމީން

ކޮންމެ ވަގުތެއްގައި ވެސް ލަންކާއިން ރައީސް ޔާމީނަށް މަރުހަބާ ދަންނަވާނަން: ލަންކާގެ ބޮޑުވަޒީރު

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ސްރީލަންކާއިން ކޮންމެ ވަގުތެއްގައި ވެސް މަރުހަބާ ދަންނަވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

އެކަން ރައީސް ޔާމީނަށް އެންގެވީ ރާއްޖޭގެ ރިޔާސީ އިންތިހާބަށްފަހު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅެއްގައި ކަމަށް ލަންކާގެ ބައެއް މީޑިއާތަކުން ބުނެއެވެ.

ރިޔާސީ އިންތިހާބަށްފަހު ލަންކާގެ ބޮޑުވަޒީރު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ނޮވެމްބަރު 17ގައި ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ދެއްވައިފައެވެ. އޭގެ އިތުރުން ލަންކާގެ އިންވެސްޓަރުން ރާއްޖޭގައި އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމުގެ ވާހަކަތައް ވެސް ދެކެވުނު ކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވާދަކުރައްވައި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބޫ ކުރި ހޯއްދެވީ 58 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. އިބޫއަށް ޖުމްލަ 134,616 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ.