ޚަބަރު

އަޑުގަދަވާ ގޮތަށް ސައިލެންސަރު ބަދަލުކޮށްގެން ދުއްވާ ސައިކަލުތައް ހޯދައި ފިޔަވަޅު އަޅަނީ

އަލީ ޔާމިން

އަޑުގަދަވާ ގޮތަށް މޮޑިފައިކޮށްފައި ހުންނަ ސައިލެންސަރު އަޅުވައިގެން އާންމުންނަށް އުނދަގުވާ ގޮތަށް ދުއްވާ ސައިކަލުތައް ހޯދައި ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އާންމު ގިނަ ރައްޔިތުން ތަބާވާ ކަމަށެވެ. ނަމަވެސް، މިފަދަ ދަނޑިވަޅެއްގައި ވެސް ސައިކަލުގެ ސައިލެންސަރު މޮޑިފައިކޮށްގެން އާންމުންނަށް އުނދަގޫވާ ގޮތަށް ބާރަށް ސައިކަލު ދުއްވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެއީ ކުށެއް ކަމަށް ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، އެގޮތަށް އަމަލުކުރާ މީހުން ހޯދައި އެފަދަ ފަރާތްތައް ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި އެކުށް ކުރާ މީހުންނަށް ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ދައުވާ ކުރެވޭނެ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެންނުވާ ވަރަށް އަޑުގަދަކުރުމަކީ ކުށެކެވެ.

އޭގެ އިތުރުން 2010 ވަނަ އަހަރު ތަސްދީގު ކުރި ގޭންގުކުށްތަށް މަނާ ކުރުމާބެހޭ ގާނޫނުގެ 10 ވަނަ މާއްދާ އާއި 23 ވަނަ މާއްދާގެ ދަށުން ސައިލެންސަރު މޮޑިފައި ކުރުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.