ވިޔަފާރި

ފިޔާ، އަލުވި އަދި ބިސް ވިއްކަމުންދަނީ ކޮންޓްރޯލް ކޮށްގެން، އަގަކަށް ބަދަލެއް ނާންނާނެ: އެސްޓީއޯ

މަރިޔަމް ޝަހުދާ

ފިޔާ، އަލުވި އަދި ބިސް ވިއްކަމުންދާނީ ކޮންޓްރޯލު ކޮށްގެން ކަމަށާއި ނަމަވެސް އެތަކެތީގެ އަގަކަށް ބަދަލެއް ނާންނާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އެސްޓީއޯ އިން ވިއްކަމުން އަންނަ ފިޔާ، ބިސް އަދި އަލުވީގެ އަގަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެ ތަކެތި ވިއްކާނީ ކުރިންވެސް ވިއްކަމުން އައި އަގުގައި ކަމަށެވެ.

އެސްޓީއޯ އިން ފިޔާ އަދި އަލުވި ކިލޯއެއް ވިއްކަނީ 12 ރުފިޔާއަށެވެ. އަދި ބިހެއް ވިއްކަނީ 1.50 ރުފިޔާއަށެވެ.

ފިޔާ، އަލުވި އަދި ބިހުގެ އަގަށް ބަދަލެއް ނުގެނައި ނަމަވެސް އެތަކެތި ލިބޭ އަގު ބޮޑުވުމުން އިއްޔެ އިން ފެށިގެން އެތަކެތި ކޮންޓްރޯލް ކޮށްގެން ވިއްކަން ވަނީ ފަށައިފައެވެ.

އަބްދުﷲ ވިދާޅުވީ، އެތަކެތީގެ އަގު ކޮންޓްރޯލް ނުކޮށް ވިއްކާނަމަ ވިޔަފާރިތަކުން ގިނައިން ސްޓޮކް ގަނެ، އަގު ބޮޑުކޮށް ވިއްކުމުގެ ފުރުސަތު އޮންނާ ކަމަށާއި އެސްޓީއޯ އިން މަސައްކަތް ކުރަނީ އާންމުންނަށް ވީހާވެސް އަގުހެޔޮކޮށް މުދާ ފޯރުކޮށްދޭން ކަމަށެވެ.

އެގޮތުން މީހަކަށް ގިނަވެގެން ވިއްކާނީ ފިޔާ ކިލޯ އަކާއި އަލުވި ކިލޯއެއް ކަމަށާއި އަދި ބިސް ވިއްކަނީ އެންމެ ގިނަވެގެން އެއް ޓުރޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފިޔާ، ބިސް އަދި އަލުވި ވިއްކަނީ އައިޑީ ކާޑު ހިފައިން އައުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ މިހާރު ވެސް އެސްޓީއޯގައި މި ބާވަތްތަކުގެ ސްޓޮކް މަދުނުވާ ވަރަށް އެބަހުރި ކަމަށެވެ.