Close
ޚަބަރު

ގާނޫނަކުން ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރަށް ފަސް ކުރަނީ

ކޮވިޑް 19 އާ ގުޅިގެން އަންނަ މަހުގެ 18 އަށް މިހާރު ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އަން އަހަރުގެ ޖެނުއަރީމަހުގެ ހަޔަކަށް ގާނޫނަކުން ފަސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފް މީގެ ކުރިން ވިދާޅުވެފައިވަނީ، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު އެމަހުގެ 18 އަށްވުރެ ފަސް ކުރުމުގެ ބާރެއް ގާނޫނުން އީސީއަށް ލިބިގެން ނުވާ ކަމަށެވެ.

އެހެންކަމުން ގާނޫނީގޮތުން އިންތިހާބުގެ ވޯޓުލުން ފަސް ކުރުމަށްޓަކައި އެކަމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ހޯދުމަށް އީސީން އެ މަައްސަލަ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ.

ނަމަވެސް ހުށަހެޅި ދުވަހު ނޫން އަނެއް ދުވަހު އެ މައްސަލަ ހައިކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެކަމާގުޅިގެން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެ މައްސަލަ ހައިކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބު ފަސްކުރާއިރު، އިންތިހާބު ކޮށްފައި މިހާރު ތިއްބެވި ކައުންސިލް މެންބަރުންގެ މުއްދަތަށް ބަދަލެއް ގެންނަން ޖެހިދާނެ ކަމަށް ބަލައި އެކަމުގައި ދުސްތޫރީ މައްސަލައެއް ހިމެނޭތީ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި އެކަމުގައި އީސީން ސުޕްރީމްކޯޓަށް ދިޔަ މައްސަލަ ބަލައި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ނުދިއުމަށް އެ ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގައިފައެވެ.

މަޖިލީހުން އެކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ކޮމިޓީން ވަނީ ދީފިއެވެ.

އެކަމާގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަގައިފައެވެ.

މިދިޔަ ހަފުތާގައި "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިންތިހާބު ފަސް ކުރުމަށް ހަދަން ޖެހޭ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ވަން އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު"ގެ ގާނޫނުގެ ނަމުގައި އިންތިހާބު ފަސްކުރުމުގެ ގާނޫނުގެ ބިލެއް އަންނަ ހަފުތާގެ ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އަންނަނީ ތައްޔާރު ވަމުންނެވެ.

އެ ގާނޫނުން ލޯކަލް ކައުންސިލް އިންތިހާބު 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަޔަކަށް ފަސް ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ސަންސެޓް ގާނޫނެކެވެ.