ޚަބަރު

ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

އިބްރާހިމް ޒަކީ

މެންބަރުން ގޭގައި ތިއްބަވައިގެން، ވެބް ކޮންފަރެންސް މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާނެ އެވެ.

ރައްޔިޔުންގެ މަޖިލީހުގެ އިދާރާއިިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށެވެ.

ހެނދުނު 11:00ގައި ބާއްވާ އެ އެޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އެންމެ މައްސަލައެކެވެ.

އެއީ ކޮވިޑް 19 އާ ގުޅިގެން އާއިލާތަކާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމާބެހޭ މައްސަލަ އެކަންޏެވެ.

މަޖިލީހުގެ ޖަލްސާތައް ވެބްމެދުވެރިކޮށް ބާއްވަން ނިންމީ، ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ކަނޑައަޅާފައިވާ އިޖުތިމާއީ ގައިދުރު ކުރުމުގެ ތެރެއިން ސަރުކާރު ބަންދުކޮށް އޮފީސްތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރުމަށް ހަމަޖެއްސުމާ ގުޅިގެންނެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލިސް ޖަލްސާތައް ބާއްވަން ރާވާފައިވަނީ، މަޖިލީހުގެ 87 މެންބަރުންނާއި މަޖިލީހުގެ އަމީން އާއްމާއި، ކައުންސެލް ޖެނެރަލާއި ސާޖަންޓް އެޓް އާމްސްގެ އިތުރުން އެ މަސައްކަތާއި ގުޅޭ އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް 92 ބައިވެރިންނާއި އެކުގައެވެ.

ވެބް ކޮންފަރެންސް ޗެނަލެއްގައި ހިމަނައިގެން ރައްޔިތުން ޖަލްސާތައް ބާއްވާނެ އުސޫލެއް މިދިޔަ ހަފުތާގައި މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ.

އެކޮމެޓީން ފާސްކުރި އުސޫލުގައިވާ ބުނެފައިވަނީ، މައިކްރޮސޮފްޓް އޮފީސް 365 ބިޒްނަސް ލައިސަންސް މަޖިލީހުގެ އިދާރާއިން ގަނެފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އީމެއިލް އެޑްރެސް ހަދައިދީ ހުރިހާ މެންބަރުންނަށް ޕާސްވޯޑް ވެސް ހަދައިދީފައިވާ ކަމަށެވެ.

ވެބް ކޮންފަރަންސިން މެދުވެރިކޮށް ބާއްވާ ޖަލްސާތަކަށް އެންގުމާއި ޖަލްސާގެ އެޖެންޑާ މެންބަރުންނާ ހިއްސާކުރާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި ޖަލްސާ ފެށުމަށް ހަމަޖައްސާފައިވާ ގަޑީގެ 15 މިނެޓް ކުރިން މެންބަރުންނަށް ނޮޓިފިކޭޝަންއެއް މަޖިލީހުގެ އިދާރާއިން ފޮނުވާނެ ކަމަށާއި ޖަލްސާ ފެށުމުގެ ފަސް މިނެޓް ކުރިން އަދި އެއްވެސް ވޯޓެއް ނެގުމުގެ ފަސް މިނެޓް ކުރިން ނުވަތަ ކޯރަމް ހަމަ ނުވާނަމަ، ހުރިހާ މެންބަރުންނަށް ނޮޓިފިކޭޝަނެއް ފޮނުވާނެ ކަމަށްވެސް އުސޫލުގައި ބުނެފައި ވެއެވެ.

އެ އުސޫލުގައިވާ ގޮތުން ބަހުސަށް ހުޅުވާލެއްވުމުން، މެންބަރުން ފުރުސަތަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ވެބްކޮން ފެރެންސިން އެޕްލިކޭޝަނުގެ "ޗެޓް" ބޭނުންކުރައްވައިގެންނެވެ.

މީގެ އިތުރުން ކަންކަމުގައި ވޯޓުލުން ކުރިއަށް ދާނީ މަޖިލިސް ގަވާއިދުގެ 194 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވަކި ވަކިން މެންބަރުންނާ ސުވާލުކުރައްވައިގެން ކަމަށް ވެސް މި އުސޫލުގައިވެއެވެ. އެގޮތުން ވޯޓު ނެގުމުގައި ކޮންމެ މެންބަރެއްގެ ނަން އިއުލާނުކުރުމުން ފެންނަ ނަމަ "ފެނޭ" ނުފެންނަނަމަ "ނުފެނޭ" އަދި ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުން ނޫންނަމަ "ވޯޓް ނުދެން" މިހެން ހާމަކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށްގެންދާ ޖަލްސާތަކުގައިވެސް މަޖިލީހުގެ ރައީސްގެ އަމުރަށް މެންބަރުން ކިޔަމަން ނުވެއްޖެނަމަ، މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރާނެ ކަމަށް ކޮމެޓީން ފާސްކުރި އުސޫލުގައި ހިމަނާފައިވެއެވެ.