އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިވައިސީ)އިން ދޭ "ބެސްޓް އެކްޝަން ޕްލޭން އެވޯޑް 2018" ރާއްޖެއަށް ލިބިއްޖެއެވެ.
އައިވައިސީ އިން ބޭއްވި ދެވަނަ ސާކް ޔޫތު ސަމިޓް (ސޭސް2018)ގައި ދިން މި އެވޯޑު ރާއްޖެއަށް ހަވާލު ކޮށްދިނީ އައިވައިސީގެ ރައީސް ޖަޔަންތާ ޕަޓްރާއެވެ. އެވޯޑާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ ޔޫތު ސްޕޯޓްސް އެންޑް އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ޒުވާނުން ބާރުވެރިކޮށް ބޭނުންވާ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ގައުމުތަކުން ހަދާ ޕްލޭން ނުވަތަ މެންޑޭޓަށް ބަލާފައި ދޭ މި އެވޯޑަކީ މިއަހަރު އަލަށް ތައާރަފުކޮށްފައިވާ އެވޯޑެކެވެ.
އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު މަހްލޫފު ވިދާޅުވީ އައިވައިސީގެ ފަރާތުން އިންތިޒާމުކޮށްގެން ސޭސް ބާއްވާކަމީ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. މިނިސްޓަރުންނާއި ގައުމުތަކުގެ އިސްވެރިން އަދި ޒުވާނުން އެކީ އެއް ތަނަކުން ވަގުތު ހޭދަކޮށް ހިޔާލު ބަދަލު ކުރަން މި ލިބޭ ފުރުސަތު ތަނަވަސް ކޮށްދޭތީ އައިވައިސީގެ އެގްޒެކެޓިވް ޓީމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރު މަހްލޫފު އިތުރަށް ވިދާޅުވީ ރަފީ އެންޖީއޯގެ ފަރާތުންނާއި އައިވައިސީގެ ނައިބު ރައީސާގެ ހައިސިއްޔަތުން ޑރ. އައިޝަތު ރަފިއްޔާ ޒުވާނުން ބާރުވެރިކޮށް އެ ކުދިން ލީޑަރުނަށް ހެދުމަށްޓަކައި ކުރައްވާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކުރައްވާ ކަމަށެވެ.
ރާއްޖޭގެ ސަރުކާރުން ހަމައެކަނި ޒުވާނުންގެ އަޑު އަހާނީ ނޫން ކަމަށާއި އެ އަޑުތައް ޕޮލިސީތަކަށް ބަދަލު ކުރުމަށް މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ ޒުވާނުންނަށް ހުރި ހަނި ފުރުސަތުތައް ހޯދައި އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު މަހުލޫފު ވަނީ އަންނަ އަހަރުގެ ސޭސް ބާއްވަނީ ރާއްޖޭގައި ކަމަށްވެސް އިއުލާން ކުރައްވާ އެކަމާ ގުޅޭ އެމްއޯޔޫގައި ސޮއިވެސް ކުރައްވައިފައެވެ. އައިވައިސީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އައިވައިސީގެ ޗެއާމަން ޑރ ކޭކޭ ސިންގް އެވެ.
މިއަހަރުގެ ސޭސް 2018ގައި ރާއްޖެއަށް ބެސްޓް ކަންޓްރީ އެވޯޑް ވެސް ވަނީ ލިބިފައެވެ. މިއީ ރާއްޖެ އަށް މި އެވޯޑު ލިބޭ ދެވަނަ ފަހަރުއެވެ. ސޭސް ވެސް ބާއްވާތާ މިއީ ދެވަނަ އަހަރެވެ.
ސާކް ޔޫތު ސަމިޓް (ސޭސް) އިންތިޒާމުކުރަނީ އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިވައިސީ)އިންނެވެ. އައިވައިސީގައި ރާއްޖެ ތަމްސީލު ކުރަނީ ރަފީ އެންޖީއޯގެ ފަރާތުންނެވެ. ސޭސްގެ ހަރަކާތްތައް މިމަހުގެ 28 އިން 30 އަށް ކުރިއަށް ދިޔައިރު، ރާއްޖޭގެ ފަރާތުން 50 ޒުވާނުން ހިމެނޭ ވަފުދެއް ސޭސް 2018 ގައި ބައިވެރިވިއެވެ. މީގެ އިތުރުން ރާއްޖޭގެ ޔޫތު ސްޕޯޓްސް އެންޑް އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހްލޫފާއި ޔޫތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމްވެސް ވަނީ މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައެވެ.
ސޭސްގެ ރާއްޖޭގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ.