އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 46

އަބްދުﷲ ފާރޫގް ހަސަން

6

"ސާހިބާއެވެ. ޙުފައިރާ ތަންކޮޅެއް ދުރުން ހުޅަނގު އުތުރުފަރާތުގެ އެކިތަންތަނުން ޢަރަބި އަސްވާރުން ފެނުނު ޚަބަރު އަޅުގަނޑުމެންނަށް ލިބުނީ އިއްޔެ ހެނދުނެވެ. خــالــد بــن الـوليـد ގެ ލަޝްކަރުގެ ޙަރަކާތްތައް ބަލަހައްޓަން ޙަވާލުވެފައިވަނީ އަޅުގަނޑުމެންނާއެވެ. އެހެންކަމުން އަޅުގަނޑުމެން ޙުފައިރާ ދިމާޔަށް އަސްވާރުންގެ ބަޔަކު ފޮނުވީމުއެވެ. މުސްލިމުންގެ އަސްކަރުގާހުގެ ވަށައިގެންހުރީ ކަދުރު ދަނޑުތަކެވެ. އެހެންކަމުން، އެވަގުތަކު އަޅުގަނޑުމެންނަކަށް ކަދުރު ދަނޑުތަކަކާ ކައިރިއެއް ނުވެވުނެވެ. އެކަމަކު އެމީހުންގެ ސަވާރުން އެހިސާބުގަނޑުގެ ކައިރި އަވަށްއަވަށުގައި ބުރުޖަހާކަން އަޅުގަނޑުމެންނަށް އެނގުމުން އަޅުގަނޑުމެން އެބައިމީހުންގެ ލަޝްކަރުގެ ޚަބަރު ހޯދުމަށްޓަކައި ކޮންމެ ނުރައްކަލަކާވެސް ކުރިމަތިލާން ޤަޞްދުކޮށްފީމުއެވެ. އެގޮތުން އަޅުގަނޑުމެން ދުޝްމިނުން ހިފައިފައިވާ އަވަށްތަކުގެ ތެރެއިން އެންމެ ކައިރިޔަށްއޮތް އަވަށާ ކައިރިވިތަނާ އަޅުގަނޑުމެންނަށް ކުއްލިޔަކަށް ކުރިމަތިލާންޖެހުނީ ދުނީގެ ވާރެއާއެވެ. އަޅުގަނޑުމެން ޙިމާޔަތް ލިބޭތޯ ބެލީ އެހިސާބުގައި އޮތް ބަގީޗާއަކުންނެވެ. އެތާނގައިވެސް ދުޝްމިނުންގެ އަސްވާރުންގެ ޖަމާޢަތެއް އަޅުގަނޑުމެންގެ އިންތިޒާރުގައި ތިބިކަމެއް އެއިރަކު އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތެވެ."

ޤާރަން ގޮށްމުށްކަވައިލައްވައިފައި ހަޅޭއްފުޅުލައްވައިގެންނެވިއެވެ. "މޮޔަޔާއެވެ. ތިޔަ ހާސަރުތައް ދަމާނީ ކިހައިއިރެއްވަންދެންހެއްޔެވެ؟ އަހަރެން އޮޅުންފިލުވަން ބޭނުމީ خــالــد بــن الـوليـد ގެ ލަޝްކަރު ވީތަނެކެވެ."

ސަވާރު އޭނާގެ ހިކިފައިވާ ތުންފަތުގައި ދޫކާއްތަމުން އިންތިހާދަރަޖައިގެ ނިކަމެތިކަމާއެކު ޖަވާބުދިނެވެ.

"ސާހިބާއެވެ! އަޅުގަނޑުމެންނަކަށް ނޭނގެއެވެ. އަޅުގަނޑުމެންގެ އޮފިސަރު ދުޝްމިނުންގެ ލަޝްކަރުގެ ޚަބަރު ބަލަން ދިހަ ސަވާރުން ފޮނުވިއެވެ. ހެނދުންކޮޅު ޢަރަބި އަސްވާރުންގެ ޖަމާޢަތްތައް ފެނިފައިވާ އަވަށްއަވަށުގެ ޚަބަރުބަލަންވެސް ހަތަރު އަސްވާރުން ފޮނުވިއެވެ. އަޅުގަނޑު ހުރީ ދުނީގެ ވާރޭގެ ތެރޭގައި ބަގީޗާއެއްގައި ފިލޭތޯ އުޅުނު ސަވާރުންގެ ތެރޭގައެވެ. އަޅުގަނޑުމެންގެ ތެރެއިން އެނބުރި އާދެވުނީ އެންމެ ހަމީހުންނަށެވެ. އެ ހަމީހުންގެ ތެރޭގައިވެސް ޒަޚަމްނުވެތިބީ ދެމީހުންނެވެ. އަޅުގަނޑުމެން ފަހައި އައި މުސްލިމުން އެނބުރި ދިޔައީ އަޅުގަނޑުމެންގެ ޗެކްޕޯސްޓާ ހަމަޔަށް އައިސްފައެވެ."

ޤާރަން ގުގުރައިވަޑައިގެންފައި ވިދާޅުވިއެވެ. "އަހަރެން ބޭނުންވަނީ ދުޝްމަނުންގެ އަސްކަރުގާހުގެ ޚަބަރެވެ. އެތަން ހުސްވީ ކޮންއިރަކުހެއްޔެވެ؟"

ސަވާރު ޖަވާބުދިނެވެ. "ސާހިބާއެވެ. އަޅުގަނޑުމެންގެ ސަވާރުންނާ ދިމާޔަށް ދުނީގެ ވާރޭ އައުމަށްފަހު ދުޝްމަނުން ބަގީޗާއިން ނުކުމެ ޙަމަލަދިނުމުން އަޅުގަނޑު ޔަޤީންކުރީ ދުޝްމަނުން އެބައިމީހުންގެ އަސްކަރުގާހުގައި އެބަތިބިކަމަށެވެ. ތަންކޮޅެއް ދުރުން ފެނުނު ކަމުގައި ޚަބަރު ލިބުނު އަސްވާރުންނާ خــالــد بــن الـوليـد ގެ ލަޝްކަރާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ."

"ދުޝްމަނުންގެ ލަޝްކަރެއް މިހިސާބުގަނޑުން ފެނިފައިވާއިރު އަހަންނަށް ވަގުތުން އެޚަބަރު ނޭންގީ ކީއްވެގެންހެއްޔެވެ؟"

"ސާހިބާއެވެ. އަޅުގަނޑުމެން އެލަޝްކަރެއް ނުދެކެމުއެވެ. އަޅުގަނޑުމެންގެ އޮފިސަރަށް އެޚަބަރުދިނީ ޢިރާޤުގެ ކްރިސްޓިޔަނެކެވެ. އަޅުގަނޑުމެންގެ އޮފިސަރު އެ ޚަބަރުގެ ދޮގުތެދު ބެލުމަށްޓަކައި ހަތަރު އަސްވާރުން ފޮނުވިއެވެ. އޭގެތެރެއިން އެނބުރިއައީ އެންމެ މީހެކެވެ. އޭނާ އައީ ހަވީރުއެވެ. މުސްލިމުން އަނެއް ތިންމީހުން ހައްޔަރުކޮށްފިއެވެ. އެނބުރިއައި މީހާވެސް ޒަޚަމުވެގެން އަސްމަތިން ވެއްޓުނެވެ. މުސްލިމުންނަށް އޭނާ ހައްޔަރު ނުކުރެވުނީ ކޯރަކަށް ފުންމައިލުމުގެ ސަބަބުންނެވެ. އޭނާ ފީނައިގެން އަނެއްފަރާތަށްގޮސް ވަރަށްގިނައިރު ވަންދެން ފިލައި އިނެވެ. އޭނާ އެނބުރި އައީ ފައިމަގުގައެވެ. އޭނާގެ ހާލު ދެރަކަމުން ޗެކްޕޮއިންޓުގެ ކައިރިޔަށް ހޭނެތިގެން ވެއްޓިއްޖެއެވެ. އޭނާ ހޭއެރީ ގަޑިއެއްހައިއިރު ފަހުންނެވެ. އޭނާގެ އެކުވެރީން ހައްޔަރުވިކަން އެނގުނީ އޭނާ ހޭއެރުމުންނެވެ."

ޤާރަން ހަޅޭއްފަޅޭއްލައްވައިގެންނެވިއެވެ. "ކަލޭމެންގެ ކޮމާންޑަރަށް އެހައިތަނުންވެސް އަހަރެމެންނަށް ޚަބަރުދިނުމުގެ ބޭނުމެއް އިޙުސާސެއް ނުވިހެއްޔެވެ؟"

"ސާހިބާއެވެ. މަނިކުފާނުގެ އަރިހަށް ޚަބަރު ފޮނުވުމުގެކުރީން ދުޝްމަނުންގެ އަސްކަރުގާހުގެ ޞައްޙަ ޚަބަރު އޮޅުންފިލުވުން ވަރަށް މުހިންމެވެ. އެހެންކަމުން އޭނާ އަޅުގަނޑަށް އެކަމަށް އަމުރުކުރެއްވިއެވެ. އަޅުގަނޑު ޢަރަބި ދަނޑުވެރިޔެއްގެ ހެދުމުގައި ފުރާނަޔާ ކުޅެގެން އެތަނަށް ދިޔައިރު އެތާކު އެކަކުވެސް ނެތެވެ. މަނިކުފާނުގެ އަރިހަށް ހާޒިރުވާން ކޮމާންޑަރު އެންގެވީ އަޅުގަނޑު އެ ޚަބަރު ދެންނެވުމުންނެވެ."

ކަލޭ ތިޔައައީ އެކަނިހެއްޔެވެ؟

"ސާހިބާއެވެ. އަޅުގަނޑާއެކު އަށް އަސްވާރުން އައެވެ. މަގުމަތީގައި އަސް ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެންގެ ސިފައިންގެ މަރުކަޒަކަށް އަޅުގަނޑުމެން މަޑުކުރީއެވެ. އޭރު ދުޝްމިނުންވަނީ އެތަން ހިފައިފައެވެ. އަޅުގަނޑަށް ފިލައިގެން އައުމުގެ ފުރުޞަތު ލިބުނެވެ. ނަމަވެސް އަޅުގަނޑުގެ އެކުވެރީންނަށް އޭރު އަސްމަތީން ފޭބިއްޖެއެވެ."

ޤާރަން ހަމަޖެހިވަޑައިގަތުމާއެކު ސުވާލު ކުރެއްވިއެވެ. "މަގުމަތީން އެހެން ޙާދިޘާއަކާ ކުރިމައްޗެއް ނުވޭހެއްޔެވެ؟"

"އާދޭހެވެ. ސާހިބާއެވެ. އަޅުގަނޑުމެންގެ އެހެނިހެން ޗެކްޕޯސްޓުތައް ހުރީ ސަލާމަތުންނެވެ. ރައްކާތެރިކޮށެވެ. އަޅުގަނޑަށް މިހިސާބަށް މިއާދެވުނީ ހަތަރު ޗެކްޕޯސްޓަކުން އަސް ބަދަލުކޮށްގެންނެވެ."

"ދުޝްމިނުން ޙަރަކާތްތަކާ ބެހޭގޮތުން ކަލެޔަށް އިތުރު ޚަބަރެއް ލިބިފައެއް ނެތްހެއްޔެވެ؟

"އާދޭހެވެ. ސާހިބާއެވެ. އަޅުގަނޑަށް ހީވާގޮތުގައި ދުޝްމިނުން އެބައިމީހުންގެ އަސްކަރުގާހު ހުސްކުރިއިރު އެތާނގައިވަނީ ކޮންމެވެސް ވަރަކަށް ސިފައިން ބައިތިއްބައިފައެވެ. އެތާނގައި ބައިތިއްބި މީހުންގެ އެއްމަސައްކަތަކީ އަޅުގަނޑުމެންނަށް އެބައިމީހުންގެ އަސްކަރުގާހު ހުރިތަނަށް ދެވުނަ ނުދިނުމެވެ. ދެވަނަ މަސައްކަތަކީ އަޅުގަނޑުމެންގެ ބަޔަކަށް މަޒާރަށް އާދެވުނު ނުދިނުމެވެ. މަނިކުފާނަށް ޚަބަރު ލިބިވަޑައިގެންނެވިޔަ ނުދިނުމެވެ. އަޅުގަނޑަށް ހީވާގޮތުގައި ރޭގަނޑު އަޅުގަނޑުމެންގެ ޗެކްޕޯސްޓް ހިފައި އަޅުގަނޑުގެ އެކުވެރީންގެ އަސްތައް ފޭރުނު މީހުންނަކީ އިރުއޮއްސުމުގެކުރީން މަޒާރަށްދާ މަގުން އަޅުގަނޑުމެންގެ ހަތަރުމީހުނަށް ޙަމަލަދިން މީހުންނެވެ. އަޅުގަނޑަށް ހީވަނީ މުސްލިމުންގެ ލަޝްކަރު މަނިކުފާނު ދެކެބިރުން އެނބުރި ދިޔައީހެންނެވެ."

ދެކުނުފަރާތަށް އިޝާރަތްކުރައްވަމުން ޤާރަން ވިދާޅުވިއެވެ. "މޮޔަޔާއެވެ. އެދިމާޔަށް ނިކަން ބަލައިބަލާށެވެ. އެމީހުން އެއުޅެނީ ބިރުންހެން ކަލެޔަށް ހީވޭހެއްޔެވެ؟"

"ސާހިބާއެވެ! އެމަދުމީސްކޮޅުގެ މަޤްޞަދަކީ އެބައިމީހުންގެ އެކުވެރީންނަށް ފިލައިގެންދިޔުމުގެ ފުރުޞަތު ހޯދައިދިނުމެވެ."

ޢުމުރުން ދުވަސްވެފައިހުރި ކޮމާންޑަރަކާ ދިމާޔަށް ބައްލަވައިލައްވައިފައި ޤާރަން ވިދާޅުވިއެވެ. "މި މީސްކޮޅުގެ ބޭނުމަކީ ކޮބައިކަން އަހަންނަށް އެނގޭނެ ނަމައެވެ."

ގުބާޒަކީ ޤާރަން އޭނާގެ ލަޝްކަރުގެ ކަނާތްފަރާތުގެ ގެމަތަކާ ޙަވާލުކުރައްވައިފައިވާ ކޮމާންޑަރެކެވެ. އޭނާއަކީ އީރާނީ ޝާހުޒާދާއެކެވެ. އޭނާގެ އަސްކޮޅުގައި ވަރަށް ބާރަށް ވަޑައިގެން ޤާރަނަށް ޚަބަރު ދެއްވިއެވެ. "އަޅުގަނޑުމެންގެ ކުރިމަތީން ދުޝްމަނުންގެ އަސްވާރުން ހަރަކާތްތެރިވާން ފަށައިފިއެވެ. މަނިކުފާނު ހުއްދަ ދެއްވައިފިނަމަ އެމީހުން ކުރިޔަށް އަޔަނުދީ ހުއްޓުވާން ކަމަށެވެ."

ޤާރަން އިރުކޮޅެއްވަންދެން ދެކުނުފަރާތަށް ބައްލަވަން ހުންނަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑަށް ހީވާގޮތުގައި ދުޝްމިނުންގެ މުޅި ލަޝްކަރުވެސް ޙަރަކާތްތެރިވާން ފަށައިފިއެވެ. މަނިކުފާނު އެނބުރިވަޑައިގަންނަވާށެވެ. އަޅުގަނޑުމެން ޙަމަލަދޭނީ އެބައިމީހުނާއި އަޅުގަނޑުމެންނާ ދެމެދު ތިންސަތޭކަ ވަރަކަށް ފިޔަވަޅަށް ކައިރިވުމުންނެވެ. މިހަނގުރާމައިގައި އަޅުގަނޑު އެބައިމީހުން ސަލާމަތުން އެނބުރިދިޔަޔަކަ ނުދޭނަމެވެ. އަޅުގަނޑުމެން ދުޝްމިނުންނަށް މަޖުބޫރުކުރުވާނީ އެމީހުންގެ ހުރިހާ ބާރެއް ލަޝްކަރުގެ މެދުތެރެޔަށް ޖަމާކުރުމަށެވެ. އެއަށްފަހު އަޅުގަނޑުމެންގެ ލަޝްކަރުގެ ކަނާތްފަރާތާއި ވާތްފަރާތުގެ އަސްވާރުންގެ މަސައްކަތަކަށްވާނީ ދެފަރާތުން އެއްފަހަރާ ޙަމަލަދެމުން އެބައިމީހުންގެ ފަހަތަށް ދިޔުމެވެ."

ގުބާޒު އޭނާގެ އަސްކޮޅު އަނބުރައިލައްވައި އަހުގައި ހަންމުށި އަޅުއްވައިފިއެވެ. مثــنّـى ގެ ލަޝްކަރުގެ އަސްވާރުން ގާތްގަނޑަކަށް ބައިމޭލެއްހައި ދިގު ސަފެއްގައި އާދައިގެ ބާރުމިނެއްގައި ކުރިއަރަމުން އާދެއެވެ. މުސްލިމުންގެ ލަޝްކަރުގެ މެދުތެރޭގެ ސަވާރުން ކުއްލިޔަކަށް ހުއްޓިއްޖެއެވެ. ކަނާތްފަރާތާއި ވާތްފަރާތުގެ ސަވާރުން ވަށްބުރެއްގެ ދެބައިކުޅައެއްބަޔަށްވާގޮތަށް ކޮންމެ އަރިމައްޗަކުންވެސް ދެފަރާތަށް ފެތުރިލައިފިއެވެ. އެއާއެކު މުސްލިމުން ހަނގުރާމައިގެ މައިދާން އެއްމޭލަށްވުރެ ފުޅާކޮށްލައިފިއެވެ. ޤާރަން ބިރުފުޅުން ހުންނެވީ މުސްލިމުން ތަންކޮޅެއް ހަނިދާއިރާއަކުން ޙަމަލަދީފިނަމަ މުސްލިމުންނާ ކުރިމަތިލާ އީރާނީންނަށް ވަރަށްބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެތީއެވެ. ނަމަވެސް މުސްލިމުން މާބޮޑަށް މައިދާން ފުޅާކޮށްލުމުގެ ސަބަބުން އިސްލާމީ ލަޝްކަރުގެ މެދުތެރެ ތަންކޮޅެއް ތުނިވެލިތަން ފެނިވަޑައިގެންނެވުމާއެކު ޤާރަން އޭނާގެ މުޅި ލަޝްކަރަށް ޙަމަލަދޭން އަމުރުކުރައްވައިފިއެވެ. އީރާނީ ލަޝްކަރުގެ ގޮވާމީހުން ވަގުތުން އެ އަމުރުފުޅު ލަޝްކަރަށް އިއްވައިފިއެވެ. އީރާނުގެ ފަންސާސްހާސް ސިފައިންގެ ނަޣަރާގެ އަޑުން ޖައްވު ގުގުމާން ފަށައިފިއެވެ. ލޮލުކޮޅަށް ފެންނަ ހިސާބަށް މުޅި މައިދާނަށް ހިރަފުހުގެ ވިލާތައް ފެތުރިއްޖެއެވެ. ދެފަރާތުގެ ލަޝްކަރު އެއްބަޔަކު އަނެއްބަޔެއްގެ ދުނި ފޯރާހިސާބަށް ކައިރިވުމާއެކު ޤާރަނަށް ފެނިވަޑައިގެންނެވީ އޭނާގެ ކުރިފުޅުމަތީން މުސްލިމުންގެ ލަޝްކަރުގެ މެދުތެރެއިން ފަހަތަށްޖެހޭން ފެށިތަނެވެ. ޤާރަންގެ ނަޒަރުގައި މިހާރަކު އީރާނީންނަކަށް އެއްވެސްވަރަކަށް ބަލައިގެން އުޅޭކަށެއް ނުޖެހެއެވެ. އީރާނު މީހުންނަށް ފަތަޙަ ލިބޭނެކަން ކަށަވަރުވެއްޖެއެވެ. އެހެންކަމުން އީރާނީން ވަރުގަދަ ޖޯޝަކާއި ފޯރިއަކާއެކު ޙަމަލަދޭން ފަށައިފިއެވެ. މުސްލިމުން ކުއްލި ޙަމަލައެއްދީ އީރާނީންގެ ކުރިއެރުމަށް ހުއްޓުން އަރުވައިލިއެވެ. ނަމަވެސް އީރާނީން އިތުރު ހިތްވަރާއެކު ޙަމަލަދީ މުސްލިމުން ފަހަތަށް ޖައްސައިލިއެވެ. އީރާނީން އެހައިތަނުން ފެށިގެން ޙަމަލަދެމުން ގެންދިޔައީ ޖޯޝާއި ފޯރީގެ ބަދަލުގައި ރައްކާތެރިވެ ސަމާލުވެތިބެގެންނެވެ. އީރާނުގެ ކޮމާންޑަރ އިން ޗީފުން ފެށިގެން އާދައިގެ ސިފައިންގެ މީހުންވެސް ޙަމަލަދެމުން ގެންދިޔައީ ތިމާގެ ފުރާނަ ނުރައްކަލަކަށް ހުށަނާޅައި ފަތަޙައިގެ އިނާމުގެ ހިއްސާދާރަކަށްވުމުގެ އެދުމުގައެވެ. އެހެންކަމުން އެމީހުންތިބީ އިސްލާމީ ލަޝްކަރު ބަލިވެގެން ފިލައިގެންދާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. ނަމަވެސް އޭރު މުސްލިމުން ގެންދިޔައީ އެންމެފަހުގެ ޙަމަލަޔަށް ތައްޔާރުވަމުންނެވެ. އީރާނީން ދެކޭގޮތުގައި މުސްލިމުން ބަލިވުމުގެ ހުރިހާ ބޭރުފުށުގެ ސަބަބުތަކެއް ފުރިހަމަވެއްޖެއެވެ. އެހެންކަމުން އީރާނީން ޠޫފާނީ ރާޅުތަކެއްހެން އަރައިގެންއައިސް މުސްލިމުންނާ ދިމާކޮށްލިއެވެ.

މުސްލިމުން އަނެއްކާވެސް އީރާނީންނާ ވަރުގަދަ ޙަމަލައެއްދީ ބަސްބުނާހައި އިރުކޮޅެއްގެ ތެރޭގައި އީރާނީންގެ އިސްސަފުތައް ރޫޅައިލައި ތަޅައި ރޯނާކޮށްލިއެވެ. ނަމަވެސް އިރުކޮޅެއްގެފަހުން އަނެއްކާވެސް މުސްލިމުން ފަހަތަށްޖެހެން ފަށައިފިއެވެ. އެވަގުތު ޤާރަންގެ ކުރިފުޅުމަތީން އޭނާޔަށް ފެނިވަޑައިގެންނެވީ މުސްލިމުންގެ ލަޝްކަރުގެ މެދުތެރެއިން ވަރަށްބޮޑު ހުސްތަނެއް އުފެދުނު ތަނެވެ. މުސްލިމުން ފަހަތަށް ޖެހުމުގެ ބަދަލުގައި ފުރިހަމަ ބާރާއެކު ވާތްފަރާތަށާއި ކަނާތްފަރާތަށް ކެވިގެންދާން ފަށައިފިއެވެ. ހިނދުކޮޅެއްވެސް ނުވެއެވެ. މުސްލިމުންގެ ލަޝްކަރުގެ މެދުތެރެއިން އުފެދުނު ހުސްތަނާ ދިމާއިން ހިރަފުހުގެ ވިލާތަކެއް ދައްކައިލިއެވެ. އެހިރަފުސްގަނޑުގެ ތެރެއިން ފާޅުވީ އީރާނީން އޭގެކުރީން ދެކެފައިނުވާ އައުލަޝްކަރެކެވެ. މާގިނައިރެއްނުވެއެވެ. އީރާނީންނަށް ކުރިމަތިލާންޖެހުނީ خــالــد بــن الـوليـد رضـى اللّـه عنـــه ގެ ލަޝްކަރުގެ ފަހުލަވާނުންގެ ކަނޑިތަކާއި ލޮންސިތަކާއެވެ.

ހިރަފުހުގެ ވިލާތަކުގެ ތެރެއިން ޤާރަނަށް އިވިވަޑައިގަންނަވާންފެށީ ކަނޑިތައް ކޭއްތޭ އަޑާއި ޒަޚަމީންގެ ރުއިމާއި ކުކުރުމުގެ އަޑެވެ. ޤާރަންގެ ކިބައިގައިވާ ނިޔާކަނޑައެޅުއްވުމުގެ ބާރު ކެނޑިއްޖެއެވެ. އޭނާ ވަރަށްބޮޑަށް ސިހިވަޑައިގެން ހުންނަވައި ހަޅޭފުޅުލައްވަވާން ފައްޓަވައިފިއެވެ. "އީރާނުގެ ހިތްވަރުގަދަ ފަހުލަވާނުންނޭވެ! މުސްލިމުންނަށްވުރެ ތިޔަބައިމީހުން ތިންގުނަ އަދަދު ގިނައެވެ. ހިތްވަރުކުރާށެވެ. ކުރިޔަށް އަރާށެވެ." ނަމަވެސް އޭނާގެ އަޑުފުޅު އޮބިގެންދިޔައީ ޒަޚަމީންގެ ރޮއިހޭރުމުގެ އަޑުގެ ތެރެޔަށެވެ. މުސްލިމުން އޭނާގެ ސަފުތައް ފަޅަމުން މުޅަމަސްތައް ފުނިފުނިޖަހަމުން ކުރިއަރަމުން އަންނަނީއެވެ. ޤާރަންގެ ހަށިފާރަވެރީންގެ ގެމަ މުސްލިމުންނަށް ޖަވާބީ ޙަމަލައެއްދީ އިސްލާމީ ލަޝްކަރު އެބައިމީހުންގެ ކޮމާންޑަރާ ދުރުގައި ބައިތިއްބަން މަސައްކަތް ކުރިއެވެ. ނަމަވެސް ތަޤުދީރުގެ ނިޔާ އައިމާ ކުރާނީ ކީއްތޯއެވެ. އެމީހުންގެ މަސައްކަތް ކާމިޔާބެއް ނުވިއެވެ. މުސްލިމުންގެ ގެމައެއް އެބައިމީހުންގެ ކަނޑިތަކާއި ލޮންސިތަކުން މަގު ހަދަމުން ކުރިޔަށް އަރަމުން އަތުވެއްޖެއެވެ. މުސްލިމުންގެ ޒުވާނެއް އީރާނުގެ ދެ އަސްވާރަކު އެކަކަށްފަހު އަނެކަކު ބިންމަތި ކޮށްލުމަށްފަހު ޤާރަނާ ޙަމަލަދީފިއެވެ. މުސްލިމުންގެ ޒުވާން ފަހުލަވާނު އޭނާގެ އެންމެފުރަތަމަ ޙަމަލައިގައި އޭނާގެ ލޮންސީން ޤާރަންގެ މޭފުޅު ފޫދުއްވައިލައިފިއެވެ. ޤާރަން އަސްމަތީން ވެއްޓިވަޑައިގެންފިއެވެ. ޤާރަންގެ ހަށިފާރަވެރީންނާ ޙަމަލަދިން މުސްލިމު އަސްވާރުން ޤާރަންގެ ހަށިކޮޅު އަސްތަކުގެ ފައިދަށުގައި ޗިސްކުރަމުން ކުރިއަރައިގެން ހިނގައްޖެއެވެ.

އީރާނީ ލަޝްކަރުގެ މެދުތެރޭގައިވަނީ ވަރަށް ބޮޑު ހުސްތަނެއް އުފެދިފައެވެ. ނަމަވެސް އެބައިމީހުން ބައިމޭލެއްހައި ހިސާބަށް ފަހަތަށް ޖެހޭއިރަށް އީރާނުގެ ލަޝްކަރުގެ ފަހަތުގެ ގެމަތައް ކުރިޔަށް އަރައިފިއެވެ. އީރާނީން އަނެއްކާވެސް މައިދާނުގައި ފައިތިލަ ސާބިތުކޮށް ވަރުގަދަޔަކަށް ހަނގުރާމަކުރާން ފަށައިފިއެވެ. ތަންކޮޅެއްކުރީން ދެބަޔަށް ބެހިގެން ކަނާތްފަރާތަށާއި ވާތްފަރާތަށް ޖެހުނު مثــنّـى بــن حــارثـــة رضى اللّـه عنــه ގެ ސިފައިންގެ ގެމަތައް އީރާނީންގެ ލަޝްކަރުގެ ދެފަރާތުގެ އަރިމައްޗަށް ޙަމަލަދީ ތަޅައި ސުންނާފަތިކުރާން ފަށައިފިއެވެ. އީރާނީ ލަޝްކަރު ބައެއްފަހަރު މުސްލިމުންގެ ޙަމަލައިގެ ވަރުގަދަކަމުގެ ސަބަބުން އޮބިނޯވެގެން ފަހަތަށް ޖެހެއެވެ. އިރުކޮޅަކުން އަނެއްކާވެސް ހަމަޖެހިލައިގެން ހަނގުރާމަކުރާން ފަށައެވެ.

ކުއްލިޔަކަށް ފެނުނީ قــعقـاع بــن عَمرو رضى اللّـه عنــه ގެ ވެރިކަމުގައި މުސްލިމުންގެ އެއްހާސް އަސްވާރުން ޠޫފާނީ ވައިރޯޅިޔެއްގެ މިސާލުގައި މައިދާނަށް ވަންތަނެވެ. قــعقـاع ގެ އަސްވާރުން ދާދިއަވަހަށް އީރާނީ ލަޝްކަރުގެ ކަނާތްފަރާތުގެ ސަފުތައް ފުނޑުފުނޑުކޮށްލައިފިއެވެ. ހަމައެއާއެކު خــالــد بــن الـوليـد ގެ ބައެއް ގެމަތައް معـنّـى بــن حــارثـــة رضى اللّـه عنــه އާ ގުޅިއްޖެއެވެ.

މުސްލިމުން އީރާނީ ލަޝްކަރުގެ ތިންފަރާތުން ވަރުގަދަޔަކަށް ޙަމަލަދޭން ފަށައިފިއެވެ. ޤާރަން ޤަތުލުވުމަށްފަހު އީރާނީން އެބައިމީހުންގެ އުންމީދުތައް ގުޅުވައިފައިވަނީ އެބައިމީހުންގެ ޝަހެޒާދާއިން ކަމުގައިވާ ގުބާޒާއި އަނޫޝްޖާނާ އެވެ. ނަމަވެސް ގަޑިޔެއްހައިއިރުގެ ތެރޭގައި ގުބާޒާއި އަނޫޝްޖާންވެސް މުސްލިމުންގެ އަތުން ޤަތުލުވެއްޖެއެވެ. ތަންކޮޅެއް ކުރީން މާބޮޑު ގެއްލުމަކާ ކުރިމަތިނުލައި މުސްލިމުން ބަލިކޮށް ފަތަޙަ ހޯދާން އުންމީދުކޮށްގެން ނުހަނު ބޮޑަށް ރައްކާތެރިވެގެން ހަނގުރާމަކުރަމުން ގެންދިޔަ އީރާނީ ސިފައިން މިހާރު ހަނގުރާމަކުރަމުން ގެންދަނީ ޢިބްރަތްތެރި ގޮތަކަށް ބަލިވުމުގެ ލަދުވެތިކަމުން ސަލާމަތްވުމަށްޓަކައެވެ. ނުހަނުގަދަ ހިތްވަރާއި ފޯރިޔާ އެކުގައެވެ. ނަމަވެސް މުސްލިމުން މެދުކެނޑުމެއްނެތި ދެމުންގެންދިޔަ ޙަމަލައިގެ ސަބަބުން އީރާނީންނަށް މައިދާނުގައި ފައިތިލަ ސާބިތުކުރެވޭގޮތެއް ނުވިއެވެ. އިންތިހާޔަށް ބިރުންތިބެ ކޯރާ ދިމާޔަށް ބޮނޑިވާން ފަށައިފިއެވެ.

+ + + + +

މެންދުރެއްހައިއިރު ވީއިރު ހަނގުރާމައިގެ މައިދާންއޮތީ ޤަތުލުވެފައިތިބި އީރާނީންގެ ހަށިތަކުން ފުރިފައެވެ. ކޯރުގެ އައްސޭރީގައި ވަރުގަދަޔަކަށް ހަނގުރާމަ ހިނގަމުންދެއެވެ. އީރާނީން ޖަވާބީ ޙަމަލެއްދީ މުސްލިމުން ކުޑަކޮށް ފަހަތަށްވެސް ޖެއްސިއެވެ. ނަމަވެސް ކުޑައިރުކޮޅެއްގެފަހުން އީރާނު ލަޝްކަރުގެ މަސައްކަތަކަށްހެދީ ބޮއްކުރާ ފަހަރުގެ ފައްތިޔައެއް ގުޅައިލައިގެން ކޯރު ހުރަސްކޮށް އަޅައިފައިއޮތް ފާލަމާ މުސްލިމުން ކައިރިވިޔަ ނުދިނުމެވެ. އީރާނީ ލަޝްކަރުގެ ސަލާމަތުންތިބި ސިފައިންގެ ވީހައިވެސް ގިނަބަޔަކަށް ކޯރު ހުރަސްކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. މުސްލިމުންގެ ލަޝްކަރު ގެންދިޔައީ ފާލަން ދިފާޢުކުރާންތިބި މީހުން ވަށައިލައިގެން ޙަމަލަދީ ގޮނިކުޑަކުރަމުންނެވެ. ބޮއްކުރާތަކުގެ ފާލަން ހުރަސްކުރަމުންގެންދިޔަ ސިފައިންވެސް ބިރުން ހައްޓަކު ހެޔެއްނެތެވެ. އެކެއްގެ ގައިމައްޗަށް އަނެކަކު ދިޔައީ ވެއްޓެމުންނެވެ. ފައިމަގުގައި ހަނގުރާމަކުރާ މީހުންދިޔައީ އަސްތަކުގެ ފައިދޮށުވަމުންނެވެ. އެއްއަސް އަނެއް އަހާ މުޑިއަރައި އަސްތަކާއި އަސްވާރުންނާއެކު ދިޔައީ ކޯރަށް ވެއްޓެމުންނެވެ.

(ނުނިމޭ)