ރަޝިޔާ

އެއާރޮފްލޮޓް އިން ރަޝިޔާ ރައްޔިތުން ނޫން ބަޔަކު ނުއުފުލަން ނިންމައިފި

އިބްރާހިމް ޒަކީ

ރަޝިއާގެ އެއާލައިން، އެއަރޮފްލޮޓް އިން ރަޝީޔާ ރައްޔިތުން ފިޔަވައި އެހެން އެއްވެސް ގައުމެއްގެ ރައްޔިތުން ނުއުފުލުމަށް ނިންމައިފިއެވެ.

ރާއްޖޭގައި ހުންނަވާ އެއަރޮފްލޮޓްގެ ލޯކަލް އެޖެންޓް އިސްމާއިލް އިބްރާހިމް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ސީދާ ރަޝިޔާ ސަރުކާރުގެ ނިންމުމެއްގެ ދަށުން ރާއްޖެވެސް ހިމެނޭ ގޮތަށް ރަޝިއާ ފިޔަވައި އެއްވެސް ގައުމެއްގެ ރައްޔިތެއް އެ އެއާލައިނުން ނުއުފުލާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ރަޝިޔާއިން މި ފިޔަވަޅު އަޅާފައި މިވަކީ، ކޮވިޑް 19 އަށް ޕޮސިޓިވް ވި އިޓަލީ ދެމީހުން އެއަރޮފްލޮޓްގެ ފްލައިޓެއްގައި އިއްޔެ މޮސްކޯއަށް އަަށް ގޮސްފައި ވަނިކޮށެވެ.

އިސްމާއިލް ވިދާޅުވީ، އެމީހުންނަކީ ރާއްޖޭން މޮސްކޯ މަގުން އިޓަލީއަށް ދިޔަ ބައެއް ކަމަށާއި އެ ފްލައިޓް އެއާޕޯޓަށް ޖެއްސުމާއެކު މީހުން ހުސްކޮށް ޖަރާސީމު ފިލުވާފައިވާ ކަމަށެވެ.

އިއްޔެ އޮތް ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮވިޑް 19 އާ ބެހޭމައުލޫމާތު ހާމަ ކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން އިއްޔެ ފުރައިގެންދިޔަ އިޓަލީ ދެ މީހުން ކޯވިޑް 19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނަށް ކަނޑައަޅާ މުއްދަތު ހަމަކޮށް ފުރުވާލި ފަހުން ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، އެ އެއާލައިންގެ ފްލައިޓުތަކުން ރަޝިޔާ މީހުން ނޫން ބަޔަކު ނުއުފުލާ ގޮތަށް އިއްޔެއިން ފެށިގެން އޮތް ނަމަވެސް، ކޮންފޯމް ޓިކެޓެއް އޮންނަ، ބެލާރުސް ޕާސްޕޯޓް އޮންނަ މީހުންނަށް ދަތުރު ކުރެވޭ ގޮތް މިއަދުން ފެށިގެން ހަދާފައިވާ ކަމަށެވެ.

"ރެގިއުލާ ފްލައިޓްތައް ޗާޓާ ފްލައިޓުތަކަށް ބަދަލުކޮށްފަ މިއޮތީ، އެއީ ރަޝިޔާ ގަވަރުމަންޓުން ހަދާފައި އޮތް ރެގިއުލޭޝަނެއް، ހަމައެކަނި ރަޝިޔާ މީހުން ރަޝިއާއަށް ގެންދަން ދަތުރުތަކެއް ރާވައިގެންމި ހިންގަނީ، އިއްޔެ އޮތީ ހަމައެކަނި ރަޝިޔާ ރައްޔިތުން، ނަމަވެސް މިއަދުން ފެށިގެން ބެލާރަސް ޕާސްޕޯޓް ހޯލްޑާސް، ކޮންފޯމް ޓިކެޓެއް އޮތިއްޔާ އަޅުގަނޑުމެންނަށް ނެގޭނެ، ދިވެހިންނަށްވެސް މިކޮޅުން އެކޮޅަށް ޓްރެވަލް ނުކުރެވޭނެ އެކަމަކު އެކޮޅުން މިކޮޅަށް އާދެވޭނެ،" އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި ރަޝިޔާވެސް އޮތީ ގާތްގަނޑަކަށް ލޮކްޑައުންއެއްގައި ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވަން އޮންލައިން އަށް ވިދާޅުވީ، މިއަދުން ފެށިގެން ރަޝިދާގެ އެއާސްޕޭސް ބްލޮކް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެގައުމުގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ތިބި ނަމަ، އެހެން ގަމުތަކުގައި ތިބި ދިވެހިންނާ މެދު އަމަލު ކުރާ ގޮތަށް، އެހެން ގޮތަކުން އެއާސްޕޭސް ހޯދަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ރޫޓްތައް ލިބޭ ވަރަކުން އެހެން ގައުމުތަކުގައި ތިބި ދިވެހިންވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިއުވާން ވިދާޅުވިއެވެ.

"ފިލިޕީންސުން ވެސް، ނޭޕާލުންވެސް، ޕާކިސްތާނުންވެސް ގެނައީތާ، ނޭޕާލުން ދެވަނަ ފަހަރު ކުދިން ގެނެސް ތިން ވަނަ ފަހަރު ގެންނަން އުޅެނިކޮށް ބްލޮކްވީ، އެހެންވީމާ ހަމަ އެގޮތަށް ސަރުކާރުން އަމަލުކުރާނެ،" މިއަުވާން ވިދާޅުވިއެވެ.