ބޮލީވުޑް

ކޮވިޑް 19 : ބަލިން ރައްކާތެރިވުމަށް ރިތިކް 20 ލައްކަ ރުޕީސްގެ މާސްކު ހަދިޔާކޮށްފި

ކޮވިޑް19 އިން ރައްކާތެރިވުމަށް އިންޑިއާގައި އެންމެ ފުރަތަމަވެސް އިއުލާނުކުރީ ލޮކްޑައުނެވެ. މިވަގުތުވެސް އިންޑިއާ އޮތީ 21 ދުވަހުގެ ލޮކްޑައުނެއްގައެވެ.

މިދުވަސްވަރު ބޮލީވުޑް ތަރިން އަންނަނީ ގޭގައި ތިބެގެން ފޭނުން މުނިފޫހި ފިލުވައިދިނުމަށް އެކި ކަންކަން ކުރަމުންނެވެ. ހަމަ އެއާއި އެކު ކޮވިޑަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރުމާއި އެކި ކަހަލަ އެހީތައް ވެސް ތަރީން އަންނަނީ ދެމުންނެވެ.

ބަލިން ރައްކާތެރި ވުމަށް އެހީއެއްގެ ގޮތުން ބަތަލު ރިތިކް ރޯޝަން މިވަނީ 20 ލައްކަ ރުޕީސްގެ އަގަށްވާ މާސްކު ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނަށް ހަދިޔާކޮށްފައެވެ.

ރިތިކް ވަނީ އެ މާސްކުތައް ހަވާލުކުރުމަށްފަހު ޓުވީޓުވެސް ކޮށްފައެވެ. ރިތިކްގެ ޓުވީޓުގައި އެހީތެރިވުމުގެ ފުރުސަތު އޭނާއަށް ދިނީތީ ސަރުކާރަށް ޝުކުރުއަދާކޮށްފައި ވެއެވެ.

ސެލްފް އައިސޮލޭޝަންގައި އެންމެން އުޅެމުން އަންނަ މިދަނޑިވަޅުގައި ރިތިކް ވަނީ އޭނާގެ ކުރީގެ އަންހެނުން ސުޒޭން އެގެއަށް މިދުވަސްވަރު އައިސްއުޅޭކަންވެސް އާންމުކޮށްފައެވެ.

އެކަމާ ގުޅިގެން ރިތިކް ކުރި ޓުވީޓުގައި ވަނީ އޭނާގެ އެދުމަށް ސުޒޭން ވޮލެންޓިއާކޮށް އެގެއަށް މިދުވަސްކޮޅަށް ބަދަލުވިކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ. އެހެން ހެދުމުން އައިސޮލޭޝަނުގައި ތިއްބަސް ދަރިންނަށް މައިންބަފައިންނާ ދުރުގައި ހޭދަކުރަން ނުޖެހޭނެ ކަމަށް ރިތިކް ވަނީ ބުނެފައެވެ.

ރިތިކް ގެންދަނީ މީސް މީޑިއާ މެދުވެރިކޮށްވެސް މިބައްޔާ ގުޅިގެން މީހުން ހޭލުންތެރިކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.