ކޮވިޑް 19

އިގުތިސޯދު ކޮޅަށް ޖެހުމަށް ޖީ 20ގެ ގައުމުތަކުން ފަސް ޓްރިލިއަން ޑޮލަރު ދޭން ނިންމުމުން ޝާހިދުގެ ތައުރީފު

ކޮވިޑް19 އާ ގުޅިގެން ދުނިޔޭގެ އިގުތިސާދު ވެއްޓެމުންދާ އަޑިގަޑުން އަރައިގަތުމަށް، ޖީ20ގެ ގައުމުތަކުން ފަސް ޓްރިލިއަން ޑޮލަރު ދޭން އެއްބަސްވުމާއި ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަން ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.

ދުނިިޔޭގެ އެންމެ ކުރިއަރާފައިވާ 19 ގައުމާއި ޔޫރަޕިއަން ޔޫނިއަން ހިމެނޭ، ޖީ20 އިން މި ގޮތަށް ނިންމީ އެ ގައުމުތަކުގެ ވެރީންގެ މެދުގައި އިއްޔެ ކުރިޔަށް ގެންދިޔަ ވީޑިއޯ ކޮންފަރެންސެއްގަ އެވެ. މި ވީޑިއޯ ކޮންފަރެންސް ބޭއްވީ، ޖީ20ގެ މިހާރުގެ ޗެއާ ކަމަށްވާ ސައުދީ އަރަބިއާގެ ދައުވަތަކަށެވެ.

ދުނިޔޭގެ އިގުތިސޯދު ފުނޑުފުނޑުވެގެން ދިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއްވެސް މިހާލަތުގައި ކުރާން ޖީ20ގައި ހިމެނޭ ގައުމުތަކުގެ ވެރީން މި ވީޑިއޯ ކޮންފަރެންސުގައި ވަނީ ގޮވާލައްވާފަ އެވެ. ވަކީން ހާއްސަކޮށް، އެހީގެ ބޭނުންތެރިކަން ބޮޑު ސަރަހައްދުތައް ފާހަގަކޮށް އެތަންތަނަށް ހާއްސަ އަހައްމިޔަތުކަން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އެބޭފުޅުން ވަނީ ވާހަކަދައްކަވާފަ އެވެ. އެ ގޮތުން ފައިސާއާއި ތަކެތީގެ އެހީތެރިކަން ބޭނުންވާ ދިމަދިމާއަށް އެކަންކަން އަވަހަށް ހަމަޖެހުމުންދާނެ ގޮތެއްގެ މަތީން ކަންކަން އިންތިޒާމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން، އޭޝިއަން ޑިވެލޮޕެމެންޓް ބޭންކް (އޭޑީބީ) އާއި ވޯލްޑް ބޭންކުން ވެސް މި ހާލަތުގައި އަދާކުރާ ދައުރު ފުޅާކުރުމަށް ލީޑަރުންގެ މަޝްވަރާތަކުގައި ގޮވާލެއްވި އެވެ.

ޖީ20ގެ ގައުމުތަކުގެ މި ނިންމުމާއި ގުޅިގެން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދުގެ މައިބަދަ އަކީ ޓޫރިޒަމް ކަމަށާއި ކޮވިޑްގެ ސަބަބުން އޭގައި ރެނދުލާފައިވާ ކަމަށެވެ. ޖީ20 އިން ފަސް ޓްރިލިއަން ޑޮލަރު ދޭން ނިންމާފައިވާ އިރު، ރާއްޖެ ފަދަ ކުދި އިގުތިސޯދު ތަކަށް އޮތް ނުރައްކާ އަދި އަރާނެ ލޮޅުން ފާހަގަކޮށް މިފަދަ ގައުމުތަކަށް އެހީތެރިކަން ދިނުމުގައި އިތުރު ހާއްސަކަމެއް ދޭން ނިންމާފައި ވާތީ، މިނިސްޓަރު ޝާހިދު ވަނީ އެކަންވެސް ފާހަގަކުރައްވާފަ އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މި ފަންޑުގެ ތެރެއިން، ގައުމުތަކަށް ލިބޭނެ މާލީ އެހީތެރިކަމާއި ތަކެތި ލިބުން އަވަސްކުރުމުގެ މުހިންމުކަން ބޮޑު ކަމަށެވެ.

ޖީ20 ގައި ހިމެނޭ ގައުމުތަކަކީ، އޮސްޓްރީލިއާ، ކެނެޑާ، ސައުދީއަރަބިއާ، އެމެރިކާ، އިންޑިއާ، ރަޝިއާ، ސައުތު އެފްރިކާ، ތުރްކީ، އާޖެންޓީނާ، ބްރެސިލް، މެކްސިކޯ، ފްރާންސް، ޖަރުމަނު، އިޓަލީ، އިނގެރޭސިވިލާތް، ޗައިނާ، އިންޑޮނޭޝިއާ، ޖަޕާން އަދި ސައުތު ކޮރެއާ އެވެ.