މަލިކު

މަލިކު ކޮވިޑް ބިމާރިން ސަލާމަތްކުރަން އާލިމުންގެ ފައިސިލާތަކެއް، ފައިސަންދޯރުން އެކަނިވެރިވެގެން ތިބެންޖެހޭނެ

1

މަލިކު ކޮވިޑް ބިމާރިން (ކޮވިޑް ބަލިން) ސަލާމަތްކުރަން އާލިމު ބޭކަލުންގެ ފައިސިލާތައް، (ނިންމުންތައް) އާންމުކޮށް އޭލާން (އިއުލާނު) ކޮށްފި އެވެ.

މަލިކު އާލިމު ބޭކަލުންނަކީ ކަތީބުންގެ މައްޗަށް އެކުލެވޭ، ޖަމާއަތެކެވެ. އަދި މަލިކުގެ ގަވައިދުތައް އޮންނަގޮތުން، ދީނީ ކަންކަމާއި ވަރިކައިވެނި ފަދަ ކަންކަމުގައި އެބޭކަލުންގެ ނިންމުންތައް ފުރިހަމަޔަށް ތަންފީޒުކުރާން ޖެހެ އެވެ.

ކޮވިޑް 19އާއި ގުޅިގެން، ލަކްޝަދީޕުގެ އޮފީސް އޮފް ދަ ހެލްތު ސެކެރެޓަރީގެ އޮފީހުން ނެރުނު އަމުރުގެ އިތުރުން އާލިމުންގެ އެންގުންތަކުގައި، މި ހާލަތުގައި ރައްޔިތުން އަމަލުކުރަންވީ ތަފާތު ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ.

ހެލްތު ސެކެރެޓަރީގެ އޮފީހުން ނެރެފައިވާ ނޯޓިފިކޭޝަންގައި ބުނެފައިވާ ގޮތުގައި، ދިގުކަރައިން (އިންޑިއާއިން) ދީބުތެރެޔަށް (މަލިކުތެރެޔަށް) ފޮޗައިފަވާ (ގޮސްފައިވާ/އައިސްފައިވާ) ފައިސަންދޯރުން (ދަތުރުވެރީން) ގޯތީގައި 14 ދުވަހަށް އެކެނިވެރިވެގެން (ކަރަންޓީނުގައި) ތިބެން ޖެހޭނެ އެވެ. އަދި މަހުކަމަތުގެ ފަރާތުން ވަކުތުން ވަކުތަށް (ވަގުތުން ވަގުތަށް) ނެރޭ އިރުޝާދުތަކަށް ތަބާވެ އުޅެން ޖެހޭނެ ކަމަށް މަލިކު ހެލްތު ސެކެރެޓަރީ ވަނީ އަމުރު ނެރުއްވާފަ އެވެ.

މަލިކު އާލިމު ބޭކަލުން ނެރުއްވި އޭލާނުގައި (އިއުލާނުގައި) ބުނެފައިވާ ގޮތުގައި، މަލިކުގެ އެއްވެސް މިސްކިތެއްގައި ނަމާދެއް ނުކުރެވޭނެ އެވެ. މުދިންމީހާ ބަންގި ދޭނީ އެކަންޏެވެ. ހުކުރުދުވަހު ހުކުރެއް ނުކުރެވޭނެ އެވެ.

"ކޮއްމެވެސް މީހަކު މަރުވެއްޖެ ނަމަ ވަޅުލާން ދާއިރު، 20 މީހުންނަށްވުރެ ގިނައިން ބައިވެރިވެގެން ނުވާނެ އެވެ. ކާވިންޏެއް ކުރަނީ ނަމަ ސަހީހާއި އެކު ކާވިނިވެސް އެތާމެ ކޮށްދެވޭނެ އެވެ. ކާވިނީގައި އެއްވެސް ހާލެއްގައި 4 (ފިރިހެން ފަރާތުން 2 އަންހެން ފަރާތުން 2) މީހުންނަށްވުރެ ގިނަވެގެން ނުވާނެ އެވެ. މަލިކުގައި ތިބި އެއްވެސް މީހަކު ގޯތިން ބޭރަށް ނުކުމެގެން ނުވާނެ އެވެ. ވަރަށް ކާއްސަ ޒަރޫރަތަކައި ހުރެ ނިކުންނަން ޖެހިއްޖެ ނަމަ ނިކުންނާނީ އެއްމެމީހެކެވެ. މި އަމުރުތަކަކީ ސަރުކާރުގެ ފަރާތުން ވަކުތްވަކުތުން ނެރެފައިވާ ހުކުންތަކާއި ގުޅިގެންވާ އަމުރުތަކެވެ. ތިމާގެ އަވަށު އެއްވެސް މީހަކު ގޯތިން ބޭރަށް ނުނިކުމެ ގެތެރޭގައިމެ ތިބުމަށް ހުރިހައި އަވަށްއަވަށު ބޮޑުކާކަމެން ވެސް ކާއްސަ އެހިކަން ބަހައްޓާށެވެ. ސަރުކާރުގެ ހުކުމަށް ތަބާނުވެއްޖެނަމަ އިންޑިޔަން ޕީނަލް ކޯޑް ސެކްޝަން 188، 269، 270 އަދި 271 ގެ ދަށުން ކާނޫނީ ފިޔަވަޅުތައް އެޅޭނެ އެވެ. މިއޭލާނަކީ މިބަލި ނުފެތުރި އެއިން ސަލާމަތްކުރުމަށްޓަކައި ނެގުނު ފައިސިލާތަކެވެ. މި އަމުރުތަކަކީ ދާއިމީގޮތަށް ހުރި އަމުރުތަކެއް ނޫނެވެ. ސަރުކާރުގެ ވަކުތުން ވަކުތަށް އާނަ ހުކުންތަކައި ގުޅިގެން މިއަށްވެސް ބަދަލުއެރުވިދާނެ އެވެ." މަލިކުގެ ކަތީބުން (އާލިމު ބޭކަލުން) ނެރުއްވި ބަޔާނުގައި ވެއެވެ.

މަލިކުން ކޮވިޑް 19 އަށް ހާއްސަ ފިޔަވަޅުތަކެއް އިރު، އެރަށުން ކޮވިޑަށް ޕޮޒިޓިވް މީހަކު މިހާތަނަށް ފެނިފައި ނުވާކަމަށް އެރަށު ބޭފުޅަކު "ވަން" އަށް މިއަދު ހެނދުނު ކަށަވަރުކޮށްދެއްވި އެވެ.

ލަކްޝަދީޕުގެ ހެލްތު ސެކްރެޓަރީ އަދި މަލިކުގެ އާލިމުން ނެރެފައިވާ ދެ ބަޔާންވެސް ވަނީ ދިވެހި ބަހުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟