ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ ހުވާކުރުމުގެ ރަސްމިއްޔާތަށް ލަންކާގެ ބޮޑުވަޒީރަށް ދައުވަތު އަރުވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ދައުވަތުއަރުވައިފިއެވެ.

ލަންކާގެ ނޫސްތަކުން ބުނާގޮތުގައި އެގައުމުގެ ބޮޑުވަޒީރަށް 17 ނޮވެމްބަރުގައި އިބޫ ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ދައުވަތު އަރުއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ދައުވަތު އަރުވާފައިވަނީ ރައީސް ނަޝީދާއި ރަނިލް ވިކްރަމަސިންހައާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ކަމަށް ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުގައި ރައީސް ނަޝީދާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައިގެ ބައްދަލުވުމުގައި ލަންކާގެ އިންވެސްޓަރުން ރާއްޖޭގައި އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމުގެ ވާހަކަތައް ވެސް ދެކެވުނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވާދަކުއްވައި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބޫ ކުރި ހޯއްދެވީ 58 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. އިބޫއަށް ޖުމްލަ 134,616 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ.